އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް 15 މެޑަލް ހޯދައިދިން އެތުލީޓުން ރާއްޖެ އެނބުރި އައުމާއެކު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އައިއޯއައިޖީ އަށް ދިޔަ ރާއްޖޭގެ ޓީމުތައް އެނބުރި އައުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރަތް ދޫލައިގައި އެތުލީޓުންނަށް މަރުހަބާ ކިޔާފައި ވާއިރު، ސަރުކާރުގެ އިސްވެރިން ވެސް އެއާޕޯޓުގައި ތިއްބެވި އެވެ. އެތުލީޓުން މާލެ އައިސްފައި ވަނީ ގައުމީ ދިދައިން ޒީނަތްތެރިކޮށްފައިވާ ބޯޓެއްގަ އެވެ.
ޖުމްހޫރީ މައިދާނަށް ގިނަ ބަޔަކު އެއްވެފައި ތިބިއިރު، އެތުލީޓުންނަށް މާލެއިން ރަސްމީކޮށް މަރުހަބާ ކިޔާފައި ވަނީ ރައީސުލްޖުމްހޫރިއްޔޭ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، މިނިސްޓަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން އާޢްމުންގެ ގިނަ ބަޔަކު ވެސް ބައިވެރިވި އެވެ. ގައުމީ ޓީމުގެ ހާޒީ ނުވަތަ ރަތް ކުލައިގެ ހެދުން ލައިގެން ގިނަ މީހުން ތިބިއިރު، ގިނަ ބަޔަކު ތިބީ ގައުމީ ދިދަ ހިފައިގެންނެވެ.
އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޮޑު ސްކްރީނުގައި ވެސް އެތުލީޓުންނަށް މަރުހަބާ ކިޔާފައި ވެއެވެ. ނެށުމުގެ ހަރަކާތްތައް ވެސް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އެވެ.
އައިއޯއައިޖީ އަށް ދިޔަ ދިވެހި އެތުލީޓުން ވަނީ ޖުމްލަ 15 މެޑަލް ހޯދާފަ އެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ހިމެނެ އެވެ.
ފަހުރުވެރި ކާމިޔާބަކާއެކު އައިއޯއައިޖީ ނިންމާލިއިރު، 2023 ވަނަ އަހަރުގެ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައ އެވެ.