Fathuruveri viyafaari verinnaa gulhigen massala thah hallu kureveyne: Raees
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރި ވިޔަފާރިވެރިންނާއި ގުޅިގެން މައްސަލަތައް ހައްލު ކުރުން

ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބު މިހާރު ހުރީ ރަނގަޅަށް ކަމަށާއި މި ސިނާއަތުގައި ދިވެހިންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަކީ ފަތުރުވެރިކަމުގެ ދަފުތަރު އެކުލަވާލުމުގެ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަޕްލޭން އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވެފައިވާ ކަމަށާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރި ރާއްޖެ އައި މިންވަރު 18 އިންސައްތަ ކުރިއަށް ޖެހިފައިވާ ކަމަށާއި، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ފަތުރުވެރިކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީ 1.1 ބިލިއަން ޑޮލަރަށް އިތުރުވެފައިވަ ކަމަށެވެ. އެގެ އިތުރުން ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރަން ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން 23 ހުށަހެޅުމަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް 18 ހުށަހެޅުމެއް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި 13 ގައުމަކުން ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓުކޮށްފި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ގާނޫނުގެ ވެރިކަން ހިންގުމާއި ސުލްހަ ގާއިމް ކުރުމުގެ ނަތީޖާ އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ނުކުރެވޭ ވާހަކަ އެވެ. އަދި މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އާ މާސްޓަޕްލޭން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ފަތުރުވެރިނަން ރާއްޖެއަކީ އެމީހުންގެ ގައުމަށް ވުރެ ރައްކާތެރި ތަނެއްކަން އިހުސާސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ޓޫރިސްޓް ސްކައުޓުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައިކޮށް، އެ ހިދުމަތް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދޭން ފަށާނެ ކަމަށެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. ބ، އިންނަފުށި އަދި ގއ. އޮޑަގައްލަ ގެ އެގްރިމަންޓް އުވާލަން ޖެހުނީ އެހެންވެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެ ސިނާއަތުގައި ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިދޭސީ މުވައްޒަފުންނަށް މަތީ މަގާމުތަކާއި ބޮޑު މުސާރަ ދިނުން ކަމަށާއި "އާއިލަތަކަށް އުފާވެރިކަން ލިބޭނީ ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުވެގެން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މި ސަރުކާރުގައި މި ސިނާއަތުގެ ނާރެހަކީ ރައްޔިތު މީހާގެ ޖީބު،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ސަގާފީ ތަންތަނާއި ތަރިކަ ހިމާޔަތް ކުރުމުން ފަތުރުވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ ކަމަށާއި، ކަނޑޫފަލާއި، ޗަސްބިން ފަދަ ތަންތަން ވެސް ހިމާޔަތް ކުރާނީ އެތަންތަނުން އެންމެ ބޮޑު ނަފައެއް ލިބޭ ގޮތަށް ކަމަށް އެމަނިކުފާނު ޔަގީން ކުރެއްވި އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު، ފަތުރުވެރިކަމުން އެކަނިވެސް 35،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާ ކުރެވޭއިރު، "އޭގެން ދިވެހިންނަށް މަންފާ ކުރާނީ ގާބިލް ދިވެހިން ތަމްރީނުކޮށްގެން" ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވި އެވެ.

މިހާރު އެންމެ ބޮޑު ހިތާމައަކީ ފަތުރުވެރިކަމުގެ ސިނާއަތާއި އެއް ވަރަށް ވައިގެ ބަނދަރު ތަރައްގީވެފައި ނެތުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ ސަރުކާރުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިންމާ، އާ ރިސޯޓުތައް ހުޅުވެން ވާއިރަށް ސަރަހައްދީ އެއާޕޯޓުތަކުގެ މަސައްކަތް ވެސް ނިންމުމަށް އަމާޒު ކުރަމުންނެވެ.

މިހާރު ރާއްޖޭގައި އޮތް ސުލްހައިގެ ސިއްރަކީ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ ނުހެދި، މަސައްކަތް ހުއްޓިފައިވާ 70 އަށް ވުރެ ގިނަ ރިސޯޓުތަކުގެ ޖޫރިމަނާ ބޮޑެތި އަދަދުތަކުން ނެގުން ނޫން ކަމަށާއި، އެފަރާތްތަކަށް ލުއި ދީގެން ވިޔަފާރިވެރިންނާއި ގުޅިގެން މައްސަލަ ހައްލުކޮށް، މަސައްކަތް އަވަހަށް ފެށޭނެ ގޮތެއް ހޯދުން ކަމަށެވެ.
ހިޔާލު

އިދްރީސް

ތި ހައްލުވީ މިނިމަމްވޭޖް، ދެން މިނިމަމްވޭޖަށް ވޯޓްދިންމީހުން ބާރަށް އަތްޖަހާ