Criminal Court ge fandiyaarehge nunimi oiy 376 massala!
image
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުުޙައްމަދު
0 ކޮމެންޓް
 

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނުނިމި އޮތް 376 މައްސަލަ!

ކްރިމަނަލް ކޯޓުގެ ފަނޑިޔާރެއްގެ އަތުގަައި ނުނިމި އޮތް 376 މައްސަލަ އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅޭ ރިޕޯޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރިޕޯޓުގައި ހުރީ ކަންބޮޑުވާ މައްސަލަތަކެއް ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކޮށްފައިވާ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ 1910 މައްސަލައެއް ބަލައި ނުނިމި އެބަ އޮތެވެ.

ރޮޒައިނާ ވިދާޅުވީ އޭގެ ތެރެއިން 376 މައްސަލަ އެއް ފަނޑިޔާރެއްގެ އަތުގައި އޮތް ކަމަށާއި، 280 މައްސަލައެއް އެހެން ފަނޑިޔާރެއްގެ އަތުގައި އެބަ އޮތް ކަމަށެވެ.

އެހާ ގިނަ މައްސަލަ އެތައް ދުވަހެއް ވަންދެން ނުނިމި ހުރުމުން ނިގުޅައިގަނެވެނީ އެތައް ދިވެހި ރައްޔިތެއްގެ ހައްގު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ކޯޓުތަކުގެ ފަނޑިޔާރުން ރިޝްވަތު ނަގާ ވާހަކަ އަކީ އާއްމު ވާހަކައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަބަދުވެސް އަޅުގަނޑުމެންނަށް އަޑު އިވެމުން އަންނަ ވާހަކައަކީ، ކޯޓުގައި މައްސަލަ އެއް ނުނިމިގެން އުޅޭ ވާހަކަ. އެ މައްސަލައެއް ނުނިމިގެން އުޅެންޔާ ފަނޑިޔާރުންނަށް ފައިސާ ދޭންޖެހޭ ވާހަކަ. މައްސަލަތައް ބެލުމުގައި ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް ގުޅައިގެން ވާހަކަދައްކަން ޖެހޭ ވާހަކަ. މިފަދަ ވާހަކަތަކަކީ މިހާރު އާންމުކޮށް ދެކެވޭ ވާހަކަތަކަށް ވެފަ މިވަނީ. އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަމެއް، ލަދު ގަންނަންޖެހޭ ކަމެއް އާންމު ވާހަކައަކަށްވެގެން މިފަދަ ހަޑިމުޑުދާރު ވާހަކަތައް ވެގެން ދިޔުމަކީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރިޝްވަތު މުއާމަލާތްތަކަކީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަންކަން ކަމަށެވެ. ރިޝްވަތު ހުއްޓުވައިގެން މެނުވީ ކޯޓުތަކަށް މައްސަލަ ވަންނަ ހިސާބުން އިންސާފު ލިބޭނެކަން ރައްޔިތުންނަށް ޔަގީންކޮށްނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރިޕޯޓުގައިވާ ގޮތުން ކުޑަކުދިންނާއި ގަދަކަމުން ބަދު އަހުލާގު ހިންގުމުގެ މައްސަލަތައް ވެސް 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައި އެބަ ހުރި ކަމަށާއި، އެކަން އެގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ރިޕޯޓް އިތުރަށް ދިރާސާ ކުރެއްވުމަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާ ރަނގަޅު ހައްލުތަކަކާއެކު އެނބުރި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ރޮޒައިނާ ވަނީ ގޮވާލައިފަ އެވެ. އެކަމަށް ތާއީދުކޮށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަދައްކާފަ އެވެ.

ބައެއް މެމްބަރުން ވަނީ މައްސަލަތައް ނިންމުމަށް އޮތް ހައްލަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އިތުރުކުރުން ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު