Male ga miadhu 5000 ah vure gina meehun athugulaalaane
image
0 ކޮމެންޓް
 

މާލޭގައި މިއަދު 5000 އަށް ވުރެ ގިނަ މީހުން އަތުގުޅާލާނެ

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު މާލޭގައި ބާއްވާ އަތުގުޅާލުމުގެ ހަރަކާތުގައި 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިއަދު ހަވީރު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އަތުގުޅާލުމުގެ ހަރަކާތް އޮންނާނެ އެވެ. މާލޭގައި އެ ހަރަކާތް އޮންނާނީ މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައި 04:45 ގައެވެ.

މާލެ ވަށައިގެން ފަސް ކިލޯމީޓަރު ހުންނާތީ އަތުގުޅާލުމުގެ އެ ހަރަކާތުގައި 5550 މީހުން ބޭނުންވެ އެވެ. ހޯމް މިނިސްޓްރީން ބުނީ މާލޭގައި އޮންނަ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އޮފީސްތަކުގެ މުވައްޒަފުންނާއި ޖަމިއްޔާތަކުގެ މީހުންނާއި، އެމްބަސީތަކާއި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވެސް އަތުގުޅާލުމުގައި ބައިވެރިވާނެ އެވެ.

އެ ހަރަކާތާއި ގުޅިގެން މިއަދު ހަވީރު 04:30 އިން 06:00 އަށް ބޮޑުތަކުރުފާނު މަގަށް އެއްގަމު އުޅަނދު ފަހަރު ވަނުން މަނާވާނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި އަތުގުޅާލުމުގެ ހަރަކާތް އޮންނާނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގަ އެވެ.

އަތުގުޅާލުމުގެ ހަރަކާތުގެ މަގްސަދަކީ ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެކި ގައުމުތަކުގެ މީހުން އެއް ވަގުތެއްގައި އެއް ތަނަކު ދިމާވެ، އެކަކު އަނެކަކުގެ މެދުގައި، އެކުވެރިކަމާއި ރަހުމަތްތެރިކަން އުފެއްދުމެވެ.
ހޯމް މިނިސްޓްރީ
ހިޔާލު