Court ga nunimi huri massala thah ninman 2 aharaai 6 mas nagaa!
image
ރައްޔާން މުުޙައްމަދު
0 ކޮމެންޓް
 

ނުނިމި ހުރި 1910 މައްސަލަ ނިންމަން ދެ އަހަރާ ހަމަސް ނަގާނެ ކަމަށް ޖޭއެސްސީން ބުނެފި

ކްރިމަންލް ކޯޓުގައި ނުނިމި ދިގުލާފައި ހުރި މައްސަލަތައް، ނިންމަން ޖުމްލަކޮށް ދެ އަހަރާއި ހަމަސް ދުވަސް ނަގާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅޭ ރިޕޯޓްގައިވާ ގޮތުން އެ ކޯޓުގައި ނުނިމި ހުރި ޖުލްމަ 1910 މައްސަލައެއް އެބަ އޮތެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި އޮތް މައްސަލަތަކެވެ. އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި 1105 މައްސަލަ އެބަ އޮތެވެ.

ޖޭއެސްސީގެ ރިޕޯޓްގައި ބުނެފައި ވަނީ އިބްތިދާއީ މަރުހަލާގައިވާ ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް 15 އަޑުއެހުން ބާއްވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ހުރިހާ މައްސަލައެއް ނިންމުމަށް 16،575 އަޑުއެހުން ބާއްވަން ޖެހޭނެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ޝަރީއަތުގެ މަރުހަލާގައިވާ މައްސަލަތައް ނިންމުމަށް 5،346 އަޑުއެހުން ބާއްވަން ޖެހޭނެ އެވެ. އެއީ ކޮންމެ މައްސަލައަކަށް ނުވަ އަޑުއެހުމުގެ އުސޫލުންނެވެ. ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގެ މައްސަލަތައް ނިންމުމަށް 224 އަޑުއެހުން ބާއްވަން ޖެހޭއިރު ހުކުމް ކުރުމުގެ މަރުހަލާގައި ހުރި މައްސަލަތައް ނިންމަން 465 އަޑުއެހުން ބާއްވަން ޖެހެ އެވެ.ެ

އެހެންކަމުން 1910 މައްސަލަ ނިންމުމަށް ޖުމްލަ 22،610 އަޑުއެހުމެއް ބާއްވާން ޖެހޭނެ އެވެ. ޖޭއެސްސީން ބުނީ އެ މައްސަލަތައް ނިންމުމަށް މިހާރު ކްރިމިނަލް ކޯޓުގައި ތިބި ނުވަ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރެއް ދުވާލަކު ހަތަރު އަޑުއެހުމެއް ބޭއްވިޔަސް، ހުރިހާ މައްސަލައެއް ނިންމަން ޖުލްލަކޮށް ދެ އަހަރާއި ހަމަ މަސް ނަގާނެ ކަމަށެވެ.

ނުވަ ފަނޑިޔާރުން ޖުމްލަކޮށް ކޮންމެ ދުވަހަކު 36 އަޑުއެހުން ބޭއްވުމުން ހަފްތާއެއްގެ މައްޗަށް ބޭއްވޭނީ 180 އަޑުއެހުމެވެ. އެހެންކަމުން ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުން 1،910 މައްސަލައިގެ 22،610 އަޑުއެހުން ބާއްވައި، ޕެންޑިންގައި ހުރި މައްސަލަތައް ނިންމުމަށް 126 ހަފްތާ ނުވަތަ ދެ އަހަރާއި ހަ މަސް ނަގާނެ އެވެ.

ނުނިމި ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ޖޭއެސްސީން ތައްޔާރު ކުރި ރިޕޯޓްގައި ވަނީ މައްސަލަތައް ނިންމުން މިހާރަށް ވުރެ އަވަސް ކުރެވޭނެ ގޮތުގެ ހިޔާލު ވެސް ހިމަނައިފަ އެވެ. އެއީ މައްސަލަތައް ނިންމުމަށް ވަގުތީ ގޮތުން ހަތަރު ފަނޑިޔާރަކު ކްރިމިނަލް ކޯޓަށް ހަމަޖެއްސުމެވެ.

ޖޭއެސްސީން ލަފާކުރާ ގޮތުގައި ކްރިމިނަލް ކޯޓުގައި ޖުމްލަ 13 ފަނޑިޔާރުންނާ އެކު ހުރިހާ މައްސަލައެއް ނިންމުމަށް ނަގާނީ އަހަރަކާއި އަށް މަސް ދުވަހުންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ މައްސަލަ ނުނިމި ހުރީ ފަނޑިޔާރު އަލީ އާދަމް ގެއެވެ. ފަނޑިޔާރު އަލީ އާދަމްގެ ނުނިމި 376 މައްސަލަ އެބަ އޮތެވެ. ދެވަނަ އަށް އެންމެ ގިނަ މައްސަލަ ނުނިމި އޮތް ފަނޑިޔާރު އަލީ ރަޝީދު އަދި އިބްރާހީމް އަލީގެ އޮތީ 280 މައްސަލަ އެވެ.

ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައެއް އެބަ އޮތެވެ. އޭގެ ތެރެއިން 11 މައްސަލައަކީ ފަނޑިޔާރު އަލީ ރަޝީދު ބަލާ މައްސަލަތަކެވެ. 10 އަހަރުވެފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނާއި ބެހޭ މައްސަލަތަކެވެ. ކުޑަކުއްޖަކާއި މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ތިން މައްސަލައަކާއި ކައިވެނި ހެޔޮ ނުވާ ކުޑަކުއްޖަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއް 10 އަހަރުވެފައި އެބަ އޮތެވެ.

އަމުރަށް ނުކިޔަމެންތެރިވުމާއި ހިޔާނާތުގެ ދެ މައްސަލައެއް ވެސް ނުނިމި 10 އަހަރުވެފައި ވެއެވެ.

ނުނިމިހުރި މައްސަލަތަކުގެ ތެރެއިން 126 މައްސަލައެއް ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފަ އެވެ. ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. ވައްކަން ކުރުމުގެ 27 މައްސަލައެއް ނުނިމި އެބަ އޮތެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 181 މައްސަލައެއް އޮތް އިރު އެންމެ ގިނައީ މާރަމާރި އާއި ބިރުދެކުން އަދި ވައްކަން ކުރުމާއި ބެހޭ މައްސަލަތަކެވެ. އޭގެން ކޮންމެ ކަމަކުން 28 މައްސަލަ ނުނިމި އެބަ އޮތެވެ.

ޖޭއެސްސީން ތައްޔާރު ކުރި ކްރިމިނަލް ނުނިމި ހުރި މައްސަލަތަކާއި ބެހޭ ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މެމްބަރުން މިއަދު ވަނީ ބަހުސްކޮށްފަ އެވެ. ގިނަ މެމްބަރުންގެ ހިޔާލު ހުރީ މައްސަލަތައް ނިންމުން އަވަސް ކުރުމަށް ކްރިމިނަލް ކޯޓަށް ހަތަރު ފަނޑިޔާރުން އިތުރު ކުރުމަށެވެ. އަދި އެ ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް މެމްބަރުން ވަނީ އެދިފަ އެވެ.
ހިޔާލު