Kuni gondeh nethumun Uligamugai Kuneege mahsala boduvefai
image
ހއ. އުލިގަން-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ކުނިގޮނޑެއް ނެތުމުން އުލިގަމުގައި ކުނީގެ މައްސަލަ ބޮޑުވެފައި

ހއ. އުލިގަމުގައި ކުނިގޮނޑެއް ނެތުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.
އާބާދީގައި 534 މީހުން ދިރިއުޅެމުން އަންނަ އުލިގަމު ކައުންސިލުގެ ރައީސް އަހުމަދު މުއާޒު މުހައްމަދު މިއަދު ސީއެންއެމް އަށް ވިދާޅުވީ، އެރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ.

މުއާޒު ވިދާޅުވީ، ރަށުގައި ކުނި އެޅުމަށް ވަކި ހާއްސަ ސަރަހައްދެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކުނި އަޅަމުން އަންނަނީ ރަށުގެ އެތަން މިތަނަށް ކަމަށެވެ. އެގޮތުން ރަށުގެ ވަލު ތެރެއަށް ވެސް ކުނި އަޅާކަން މުއާޒު ފާހަގަކުރެއްވި އެވެ.

މުއާޒު އިތުރަށް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި މޫދަށް ނޭޅުމަށް އަންގާފައިވީ ނަމަވެސް ބައެއް މީހުން އެތަކެތި މޫދަށް ވެސް އަޅާ ކަމަށެވެ. އެއީ އެރަށުގައި ކުނި މެނޭޖު ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ހިނގާ ކަންކަން ކަމަށް މުއާޒު ފާހަގަކުރައްވި އެވެ.

އޭގެ އިތުރުން މުއާޒު ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އުލިގަމު ހިމެނޭހެން ހޯރަފުއްޓާއި ތުރާކުނުގެ ކުނި މެނޭޖު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބަޖެޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން، ރަށުގެ ރައްޔިތުން ތިބީ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ހިޔާލު