Criminal Court gai nunimi 1,910 mahsala eh!
image
ކްރިމިނަލް ކޯޓް ހިންގަމުންދާ ޖަސްޓިސް ބިލްޑިންގް.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލައެއް!

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1،910 މައްސަލަ ނުނިމި އެބަހުރި ކަމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެ އެވެ.
ޖޭއެސްސީން އާންމުކޮށްފައިވާ ކްރިިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ގާޒީ އަލީ އާދަމް ބައްލަވާ މައްސަލަތައް ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ނުވަ ގާޒީން ތިއްބަވާއިރު، ގާޒީ އަލީ އާދަމް ބައްލަވާ 376 މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައި އެބައޮތެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާ ލިބޭތީ ޖޭއެސްސީން، ކޯޓުތަކަށް ހުށަހެޅިފައިވާ އެފަދަ މައްސަލަތައް ބެލުމަށް ނިންމައި އެކުލަވާލި ފުރަތަމަ ރިޕޯޓުގައިވާގޮތުން، ކްރިމިނަލް ކޯޓުގައި ބައެއް މައްސަލަތައް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވެއެވެ. އެގޮތުން ކުޑަކުދިންނާ ބެހުން ފަދަ ގިނަ މައްސަލަތައް ވެސް ނުނިމި ދިގުލައިގެން ދިޔައިރު، ނުނިމި ހުރި ބައެއް މައްސަލަތަކަށް ދިހަ ވަރަކަށް އަހަރު ވެފައި ވެއެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަ ތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނައިން ނުނިމި ހުރީ ގާޒީ އަލީ ރަޝީދާއި ގާޒީ އިބްރާހިމް އަލީ ބައްލަވާ މައްސަލަތަކެވެ. އެއިން ކޮންމެ ގާޒީއެއްގެ އަތުގައި ނުނިމި 280 މައްސަލަ އެބައޮތެވެ. ތިން ވަނަ އަށް އެންމެ ގިނަ މައްސަލަތައް ނުނިމި އޮތީ ގާޒީ އާދަމް ޝަކީލްގެ އަތުގަ އެވެ. ގާޒީ ޝަކީލުގެ އަތުގައި ނުނިމޭ 187 މައްސަލަ އެބައޮތެވެ.

އޭގެ އިތުރުން ގާޒީ އިސްމާއިލް ރަޝީދު ބައްލަވާ މައްސަލަތަކުގެ ތެރެއިން 173 މައްސަލައެއް ނުނިމި އޮތް އިރު، ގާޒީ ހުސެއިން ފާއިޒުގެ އަތުގައި ނުނިމި 165 މައްސަލަ އެބައޮތެވެ. އަދި ގާޒީ ހަސަން ނަޖީބު ބައްލަވާ 157 މައްސަލަ ނުނިމި އޮތް އިރު، ގާޒީ މުހައްމަދު ސަމީރުގެ އަތުގައި ނުނިމި 151 މައްސަލަ އެބައޮތެވެ.

ނުނިމި އެންމެ މަދު މައްސަލަތައް އޮތީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމުގެ އަތުގަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމަށް އައްޔަން ކުރެއްވި ހައިލަމް ބައްލަވާ މައްސަލަތަކުގެ ތެރޭގައި ނުނިމި 141 މައްސަލަ އެބައޮތެވެ.

ކުޑަކުދިންނާ ބެހުނު މައްސަލަތަކުގެ އިތުރުން ޓެރަރިޒަމާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި ހަށިގަނޑަށް ނުރައްކާތެރި ހާނިއްކައެއް ކުރަން އުޅުމުގެ މައްސަލަތައް ނުނިމި އެބަހުއްޓެވެ. އަދި ގާޒީ އަލީ ރަޝީދާއި ގާޒީ ޝަކީލްގެ އަތުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނެ އެވެ.
ހިޔާލު