Eh kameh kurumah dhe faharu Vote ah ehi iruves memberunnah neygunu!
image
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އެއް ކަމެއް ކުރުމަށް ދެ ފަހަރު ވޯޓަށް އެހިއިރުވެސް މެންބަރުންނަށް ނޭނގުނު!

ރައްޔިތުންގެ މަޖިލީހުގައި ބިލެއް ހުށަހަޅާ ކޮމެޓީ މަރުހަލާގައި އެ ބިލު ދިރާސާކޮށް ނިމުމުން ތަޅުމާއި ހަމައަށް އެ ބިލެއް އަތުވެއްޖެ ނަމަ މެންބަރުންނަށް އެ ބިލަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެ އިސްލާހުތައް ފާސް ކުރުމަށް މަޖިލީހުގެ ވޯޓު ގަޑީގައި ރިޔާސަތުން ވޯޓަށް އަހާނެ އެވެ. ނަމަވެސް މިއަދުގެ ޖަލްސާ އިން ފެނިގެން ދިޔައީ މިފަހުގެ ތާރީހެއްގައި މަޖިލީހުން ނުފެންނަ މަންޒަރެކެވެ. އެއީ އެއް ކަމެއް ކުރުމަށް ދެ ފަހަރަށް ވޯޓު ދިނުމެވެ.
މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާފައި ވަނީ ދެ ކަމަކަށެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅިގެން ހުށަހަޅާފައިވާ ރިޕޯޓު އިތުރަށް ދިރާސާ ކުރުމާއި ގުޅޭ ގޮތުން ނެގި ދެ ވޯޓެވެ. މި ގޮތަށް ދެ ވޯޓު ރިޔާސަތުން ނަގާފައިވަނީ ދެ މެންބަރަކު ހުށަހެޅުމެއް ހުށަހަޅާފައި އޮތުމުންނެވެ. އެއް ހުށަހެޅުން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. ދެވަނަ ހުށަހެޅުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ރޮޒެއިނާ ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅޭ ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީ ފޮނުވުމަށެވެ. މި ހުށަހެޅުން ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ. އަލީ އާޒިމް ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ދެނެގަނެ އަދި އެ ހުރަސްތައް ގިރާ ކުރުމަށް ކުރަން ހުރި ކަންކަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ކްރިމިނަލް ކޯޓުގެ މައްސަލަތައް އަވަހަށް ނިންމުމަށް އަދި ޖޭއެސްސީގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށެވެ. އާޒިމްގެ އެ ހުށަހެޅުން ފާސްވީ 65 މެންބަރުންގެ ވޯޓުންނެވެ.

އެ ދެ ހުށަހެޅުމަށް ވޯޓަށް އަހާ ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މިއަދު އެއް ކަމެއް ކުރުމަށް ވޯޓަށް އެހީ ދެ ފަހަރު ކަމަށެވެ. ނަޝީދު ވަނީ މަޖިލީހުގެ ކަންކަން ހިނގާ ނުހިނގާ ގޮތް މަޖިލިސް މެންބަރުން އެނގިވަޑައިނުގަންނަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އިއްޒަތްތެރި މެންބަރުންނަށް މި މަޖިލީހުގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިނުގަންނަވާ މިތަނުގައި ތިއްބެވުމަކީ ވަރަށް ޖަވާބުދާރީކަން ކުޑަ، ވަރަށް ވަރަށް ބޮޑަށް ތިބޭފުޅުން ކުރައްވައިގެން ތި ތިއްބެވި ހުވަޔާއި އަދި ރާއްޖޭގެ ރައްޔިތުން ތިބޭފުޅުންގެ ކިބައިން އެދޭ އެދުމާއި މި ކަންކަމާއި ވަރަށް ބޮޑަށް ފުށޫ އަރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު އެއް ކަމެއް ކުރުމަށް ދެ ފަހަރު ވޯޓަށް އެހުމުންވެސް މެންބަރުން ވޯޓު ދެއްވި އެވެ. ނަމަވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވަނީ ރިޔާސަތުން ދެއްކެވި ވާހަކަ ރަނގަޅަށް ސާފު ނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މި ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް ސާފުވާނެ އިނގޭތޯ ރަނގަޅަށް އަޑު އެއްސެވީމާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުތަކާއި އެއްޗެހި ރަނގަޅަށް މެންބަރުން ބައްލަވާ ނަމަ އަދި މަޖިލީހުގެ ތަޅުމުގައި އިންނަވައިގެން މަޖިލީހުގެ ޖަލްސާއަށް ސަމާލުކަން މެންބަރުން ދެއްވާ ނަމަ މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގާ ގޮތް އަދި ޖަލްސާ ހިނގާ ނުހިނގާ ގޮތް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ހިޔާލު