Asset Recovery Commission aai Dhekolhah BML in Kuraa Dhauvaage Aduehunthah Nimmaalaifi
image
ބީއެމްއެލްގެ ހެޑް އޮފީސް.
0 ކޮމެންޓް
 

އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލުން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ދައުވާކުރަނީ، ތަހުގީގަށް މައުލޫމާތު ދޭންޖެހޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށެވެ. އޭގެ އިތުރުން ކޯޓް އަމުރެއް ނެތި މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ބީއެމްއެލުން އެދެއެވެ.

ޝަރިއްޔަތުގެ އަޑުއެހުންތައް ނިންމާލެއްވުމަށް ފަހު އެ މައްސަލަ ބައްލަވާ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ވިދާޅުވީ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ނުވަތަ އީދު ބަންދަށް ފަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްޚުލްވެފައިވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލީ، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކޯޓު އަމުރަކާ ނުލާ އެއްވެސް މައުލޫމާތެއް ނުދިނުމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނޭލޭނެކަން ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ބީއެމްއެލުން އެދުނެވެ. ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.
ހިޔާލު