ނިމުނު ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކުރި ހޯއްދަވައި ދެއްވުމަށް ކޮށްދެއްވި އެއްވެސް ކަމެއްވާ ނަމަ އެކަމެއް އޮންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ކޮށްދެއްވާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް ޔާމީން ނިމިދިޔަ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ކޮށްދެއްވަންޖެހޭ އެއްވެސް ކަމެއް ނުކޮށްދެވިގެން ނޫން ކަމަށެވެ. އަދި ރައީސް ސާލިހު އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމީނަށް ނުކޮށްދެއްވާ އޮތް އެއްވެސް ކަމެއް ކޮށްދެއްވައިގެން ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް ވޭތުވެދިޔަ އިންތިހާބުތަކުގައި އާއްމު ނުކުރާ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އަޅުގަނޑުމެން މައުލޫމާތު ހާމަ ކޮށްދިންކަން އޭރުގައި ސަރުކާރާއި އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެސް ގަބޫލުކުރައްވާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހާ ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަ ކުރެއްވީ މަކަރު ހެދުމުގެ ފުރުސަތު ނުދޭން ވެގެން ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކަމާއި އެކުގައި ކުރިއަށް ގެންދެވުނީ ވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރު ކޮށްދިނުމުގެ ސަބަބުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދަތުރުތަކުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑު ތަރުހީބު އެ އިންތިހާބުގެ ނަތީޖާއިން ނުފެނުމުން އަދިވެސް ނަތީޖާ ގަބޫލު ކުރައްވަން ދަތި ކަމަށް ދާދި ފަހުން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވެފައި ވުމުން ކޮމެޓީގައި ވެސް ޝަރީފު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.
ޝަރީފު ވިދާޅުވީ އީސީން އިންތިހާބުގެ ނަތީޖާ އިއުލާން ކުރީ އެ އިންތިހާބުގައި ރައްޔިތުން ވޯޓު ދިން ގޮތަށް ކަމަށާއި ކެމްޕޭންގެ ތެރޭގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ އަދަދު ގުނައިގެން ނޫން ކަމަށެވެ.