Furathama 6 Mahu Green Tax ge gothugai 457 million libijje
image
ފިނޭންސް މިނިސްޓްރީ.-- ފޮޓޯ: ވަން
0 ކޮމެންޓް
 

ފުރަތަމަ ހަ މަހު ގްރީން ޓެކުހުގެ ގޮތުގައި 457 މިލިޔަން

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 457 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަަމަ ހަ މަސް ދުވަހުގެ ތެރޭގައި ގްރީން ޓެކުހުން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 10 މިލިޔަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ 90 ޕަސެންޓް ލިބުނީ ރިސޯޓްތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 413 މިލިޔަން ރުފިޔާ ލިބުނު އިރު، ގެސްޓް ހައުސްތަކުން ލިބުނީ 17 މިލިޔަން ރުފިޔާ އެވެ.

ރެޒިޑެންޓް ވިސާގައި ތިބޭ ބޭރު މީހުން ފިޔަވައި ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ ރޭޓުން ނަގަމުން އަންނަ ގްރީން ޓެކުސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އޭޕްރީލް އާއި މާޗް މަހު އެވެ.

އެގޮތުން އޭޕްރީލް މަހު 83.6 މިލިޔަން ރުފިޔާ ލިބުނު އިރު، މާޗް މަހު ލިބިފައިވަނީ 83.1 މިލިޔަން ރުފިޔާ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ މަދުން ގްރީން ޓެކްސް ލިބުނީ 56.4 މިލިޔަން ރުފިޔާ ލިބުނު ޖޫން މަހު އެވެ.
ހިޔާލު