BML Special Audit gai ves non-negotiable cheque ge vaahaka nei!
image
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
0 ކޮމެންޓް
 

ބީއެމްއެލްގެ ސްޕެޝަލް އޮޑިޓުގައި ވެސް ނޮން-ނެގޯޝަބަލް ޗެކްގެ ވާހަކަ ނެތް!

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެއްމެ ބޮޑު ހިޔާނާތުގެ ގޮތުގައި ފާހަގަ ކުރެވޭ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ގޯހެއް ހަދާފައިވޭތޯ ބެލުމަށް ހަދާފައިވާ ސްޕެޝަލް އޮޑިޓް ރިޕޯޓުގައި، ނޮން-ެގޯޝަބަލް ޖަހާގައި ހުރި ޗެކްތައް އެންޑޯޒްކޮށްދިން މައްސަލަ ފާހަގަ ކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.
ބީއެމްއެލްގެ އެކި މަސްދަރުތަކުން "ސީއެންއެމް" އަށް ކަށަވަރު ކުރެވިފައި ވަނީ، ބޭންކުގެ ބޯޑަށް ސީދާ ރިޕޯޓް ކުރެވޭ ގޮތަށް މިނިވަންކޮށް އޮންނަ އިންޓާނަލް އޮޑިޓުން އެ މައްސަލާގައި ހެދި ސްޕެޝަލް އޮޑިޓް ރިޕޯޓުގައި އޮތީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ބީއެމްއެލުން ނުވަތަ އެ ތަނުގެ މުވައްޒަފަކު ވެސް ގޯސްކޮށް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ އަށް ލިބުނު އެތައް މިލިޔަން ޑޮލަރާއި ރުފިޔާގެ ޗެކްތައް، ލޯންޑާ ކުރި އެސްއޯއެފްގެ އެކައުންޓަށް އެ ފައިސާތައް ޖަމާކޮށްދީފައި ވަނީ ގާނޫނުތަކާއި އޭރު ބޭންކުން އަމަލުކުރަމުން ދިޔަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ ރިޕޯޓުގައި ނޮން-ނެގޯޝަބަލް ޗެކުގެ ވާހަކަ ނެތީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ބީއެމްއެލްގެ އިހުމާލެއް ނެތް ކަމަށް އެ ބޭންކުން ކުރިން ވަނީ ބުނެފަ އެވެ. އަދި ނޮން-ނެގޯޝަބަލް ޖަހާފައިވާ ޗެކުތައް އެންޑޯޒްކޮށްގެން ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް ވެސް ބޭންކުން ދިޔައީ ބުނަމުންނެވެ. އެކަމަކު ބޭންކުން އެކަން އޮޅުވާލާފައިވާކަން ރަސްމީކޮށް އެނގިފައި ވަނީ، ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ އިންޓަވަލް ގަޑިއަށް މެދުކަނޑާލުމުގެ ކުރިން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސިޓީ މަޖިލީހުގެ ތަޅުމުގައި ހާމަކޮށްފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅުންހުރި، ނޮން-ނެގޯޝަބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒް ކޮށްގެން ބީއެމްއެލް އިން ފައިސާ ދޫކުރި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެހެން ބުނި އިރު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް އޮލުވާލައްވާފައި ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އެ މަޖިލީހުން ހުށަހެޅި އެ މައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށައިފަ އެވެ. އޭގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޝަރީފުގެ ނަން ފޮނުވި ނަމަވެސް މިހާރު އެ ލިސްޓުން އޭނާގެ ނަން ވަނީ އުނިވެސް ކޮށްފަ އެވެ.

ރިސޯޓް ތަރައްގީ ކުރުމަށް އޭރު ދޫކުރި ގިނަ ރައްރަށުގެ އިކުއިޒިޝަން ކޮސްޓް އާއި އެހެނިހެން ފީތަކަށް އެމްއެމްޕީއާރުސީ އަށް ދީފައިވާ ގިނަ ޗެކުތަކެއް ބީއެމްއެލްގެ ތެރެއިން އެންޑޯޒް ކޮށްގެން، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާކުރި އިރު، އެކަން ބީއެމްއެލްގެ އިތުރުން އެމްއެމްއޭ އިން ވެސް ހުއްޓުވާފައެއް ނުވެ އެވެ.
ހިޔާލު