Sihhee dhaairaage emme bodu mahsala akee corruption: Raees
image
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލަ އަކީ ކޮރަޕްޝަން: ރައީސް

ސިއްހީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ރާވާފައިވާ ކަންކަމުގެ ތެރެއަށް ކޮރަޕްޝަން ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އެ ހޮސްޕިޓަލް ހުންނަ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެކުލަވާލާފައިވާ އާސަންދަ ފަދަ ނިޒާމުތަކަށް ކޮރަޕްޝަން ވަދެ، ހަގީގީ މަގުސަދު ހާސިލް ނުކުރެވި ދައުލަތުގެ ބަޖެޓަށް އެކަމުގެ ބުރަ ބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ރަށްރަށުން އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލެ އައިސް، ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި އެތައް ދުވަހެއް ދިގުލައިގެން ތިބެންޖެހޭކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެގޮތަށް މައްސަލަތައް ކުރިމަތިވަނީ ރަށްރަށް ތަރައްގީކުރަން ކުރިން ގެންގުޅިފައި ހުރި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުރިން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުރީ ކޮންމެ ކަމަކަށް ވެސް ރަށްރަށުގެ މީހުން މާލެ އަންނަންޖެހޭ ގޮތަށް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ އެންމެ ގާތުން، އެ މީހަކު ހުރި ރަށަކުން ނުވަތަ އަތޮޅަކުން އެދެވޭ ސިއްހީ ފަރުވާ ދެވޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ލާމަރުކަޒީ ނިޒާމް ވަރުގަދަކޮށް، ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހިޔާލު