Baarashuga eh aailaa ehge 2 meehun eh dhuvahehga maru vejje
image
ހއ. ބާރަށް-- ފޮޓޯ: ބާރަށް/ ފޭސްބުކް
0 ކޮމެންޓް
 

ބާރަށުގައި އެއް އާއިލާއެއްގެ ދެ މީހުން އެއް ދުވަހެއްގައި މަރުވެއްޖެ

ހއ. ބާރަށުގައި އެއް އާއިލާއަކަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
ފަހަރި އާއި އޭނާގެ ބޭބެ އެއް ދުވަހެއްގައި މަރުވިއިރު އެކަމާއި ގުޅޭ ގޮތުން ބާރަށު ކައުންސިލުގެ ނައިބް ރައީސް، އާސިފް އަބްދުﷲ ސީއެންއެމް އަށް ވިދާޅުވީ، އެ އަންހެން މީހާ މަރުވެފައި އޮތްކަން އެނގުނީ އާދިއްތަ ދުވަހުގެ ރޭ ނިދުމަށް ފަހު، ފަތިސް ނަމާދަށް ނުހޭލައިގެން ބެލުމުން ކަމަށެވެ.

"އަންހެން މީހާގެ އުމުރުން 65 އަހަރުން މަތީގައި އުޅޭނީ. ވަޅުލީ އިއްޔެ އަސުރު ނަމާދަށް ފަހު،" އާސިފް ވިދާޅުވި އެވެ.

އާސިފް އިތުރަށް ވިދާޅުވީ، އެ އަންހެން މީހާގެ، އުމުރުން 52 އަހަރުގެ ފިރިހެން މީހާ ވެސް މަރުވީ އިއްޔެ ކަމަށެވެ. އޭނާ މަރުވީ ސީދާ ކޮންއިރަކު ކިހިނެއްކަން ނޭނގޭކަން ފާހަގަކޮށް އާސިފް ވިދާޅުވީ، ރޭ މަގްރިބް ނަމާދަށް ފަހު އޭނާގެ ހަށިގަނޑު ވެސް ވަޅުލާފައިވާ ކަމަށެވެ.

"އަލީ މުހައްމަދު ކިޔާނީ. ވަރަށް ފަހަކަށް އައިސް ބަލިވެގެން ޑޮކްޓަރަކަށް ވެސް ދައްކަމުން އައި ކަމަށް ވަނީ. އެކަމަކު ޑޮކްޓަރަށް ދައްކަމުން އައި ކޮން ބައްޔެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގެ،" އާސިފް ވިދާޅުވި އެވެ.

ގުދުރަތީ މަރެއްގައި އެއް އާއިލާއެއްގެ ދެ މީހުން ގާތްގަނޑަކަށް އެކުއެކީގައި މަރުވުން މިއީ އެހާ އާންމު ކަމެއް ނޫނެވެ. ދާދި ފަހުން ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިއަކު ވެސް އެކުއެކީގައި މަރުވުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ނޯޓު: މަރުވެފައި ވަނީ ދެ މައިން ކަމަށް ކުރިން މި ހަބަރުގައި ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު މައުލޫމާތާއެކު ހަބަރު ވާނީ އިސްލާހުކޮށްފަ އެވެ.
މަރު ހއ. ބާރަށް
ހިޔާލު