Yaameen sarukaaruge haarijee siyaasathakee laahoorey ehcheh: Minister Shahid
image
މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޔާމީން ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ލާހޫރޭ އެއްޗެއް: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހާރިޖީ ސިޔާސަތަކީ "ލާހޫރޭ އެއްޗެއް" ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއަދު ޖަލްސާގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ގަތަރާއި ގުޅުން ކަނޑާލަން ޖެހުނު ސަބަބާއި މެދު މިނިސްޓަރާއި ސުވާލުކޮށްފަ އެވެ. އިމްތިޔާޒް ވިދާޅުވީ ގަތަރާއި ގުޅުން ކަނޑާލުމުގެ އެއް ދުވަސް ކުރިން، ގަތަރާ ރާއްޖޭގެ ގުޅުން ވަރަށް ވަރުގަދަވެއްޖެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އެކަމުގެ ސަބަބެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީ އަކީ ލާހޫރޭ ތަނަކަށް ވުމެވެ.

''އެދުވަހު ވެސް އަދި އެއާ ޖެހިގެން އައި ދުވަހު ވެސް ސާފުކޮށް އެނގުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ލާހޫރޭ އެއްޗެއްކަން. އެއީ ފެނުނު ތަނަކީ. ހޯދި ހޯދުމުން ވެސް ފެންނަން އޮތީ އެކަން. އިތުރު އެއްވެސް ކަމެއް ނެތް. ހަމަ އެދުވަހަކު ޖެހުނު ގޮތަކަށް ކަންތައް ކުރެއްވީ. އެ ވޭން އަދިވެސް އަޅުގަނޑުމެން އުފުލަން މި ޖެހެނީ،" އިމްތިޔާޒްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޝާހިދު ވަނީ ވަރަށް ބޮޑަށް ނިމިދިޔަ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ދައުރުގެ ފޮރިން މިނިސްޓްރީން 2018 ވަނަ އަހަރު އެކަނިވެސް ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހާ ބޮޑު އަދަދެއް ހޭދަ ކުރީ ކޮން ކަމަކަށްތޯއާ އޭގެ ނަތީޖާ އަކީ ކޮބާތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެއްސެވުމުން ޝާހިދު ވިދާޅުވީ، ފައިސާ ހޭދަކުރި ގޮތުގެ އެއްވެސް ތަފްސީލެއް މިނިސްޓްރީގައި ނެތް އިރު ކުރި ދަތުރު ތަކުން ނެރެވުނު ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

ދަތުރުތަކުން ފެނުނު ހަމަ އެކަނި ނަތީޖާ އަކީ ދިވެހި ދައުލަތާއި ރައްޔިތުން ބައިނަލްއަގްވާމީ މުޖުތަމައިން ބާކީވެ އެކަހެރިވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާ ހަރިޖީ ވަޒީރުގެ ފުރަތަމަ އަށް މަސް ދުވަހު 19 ގައުމަކަށް ކުރި ދަތުރުތަކުގެ ހަރަދު 7.5 މިލިއަން ރުފިޔާ އަށް އަރައެވެ. މި ދަތުރުތަކުގައި މިނިސްޓަރު ޝާހިދު ވަނީ ޖުމްލަކޮށް 74 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުން ވަނީ މިނިސްޓަރުގެ ދަތުރުތަކުގައި ހޯއްދަވާފައިވާ ކުރިއެރުންތަކަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ގައުމުތަކަކަށް މިހާރު ވިސާ ނެތި ދަތުރުކުރެވޭކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމަކާއެކު ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލުމަކީ އެންމެ ފަހު މަރުހަލާއެއްގެ ގޮތުގައި އޮންނަ ކަމަށެވެ. ހަނގުރާމައަށް ގޮސްފައިވާ ބައެއް ގައުމުތަކުންވެސް ސިޔާސީ ގުޅުން ނުކަނޑާ އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފަދައިން ގުޅުން ކަނޑާލުމުން އަޅާވޭން ބޮޑު ކަމަށާއި ގުޅުން އަލުން ގާއިމު ކުރުމަކީ ބުރަ އަދި އެތައް ވަގުތެއް ނަގާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ގައުމަކާއެކު ސިޔާސީ އަދި އިގްތިސޯދީ ގުޅުން ގާއިމު ކުރުމަށް ކަމަށާއި އެކަމުގައި އެންމެ އިސް ކަމެއް ދޭނީ ރައްޔިތުންގެ މަސްލަހަތައް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ޝާހިދު ހާޒިރުކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބުދާރީ ވުމަށެވެ. ޖާބިރު ހުށަހެޅި ސުވާލުގައި ވަނީ، ނިމިދިޔަ ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތުން، މުސްލިމު ގައުމުތަކާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ، މުސްލިމު ގައުމުތަކާ އެކު ސިޔާސީ ގުޅުން ބަދަހިކުރުން ކަމަށް ވީހިނދު، އަދި އެގޮތުން މުސްލިމު ގައުމުތަކާ އެކު މި ސަރުކާރުން ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ހިނދު، މުސްލިމު ގައުމެއް ކަމަށްވާ ގަތަރާއި ދިވެހިރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ތޯ އާއި ކުރިއަށް ގެންދަވާ ނަމަ އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި އެ މަސައްކަތް ކުރިއަށް ނުގެންދަވާ ނަމަ، ގަތަރާއެކު ސިޔާސީ ގުޅުން ކުރިއަށް ގެންދެވުމުގެ ވިސްނުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ނުހިމެނެނީތޯ އަދި އޭގެ ސަބަބަކީ ކޮބައިތޯ އެވެ.
ހިޔާލު