Shareeai nunimi jalugai fas aharu, mihaaru othee ICU gai!
image
ޖަސްޓިސް ބިލްޑިންގް: ކްރިމިނަލް ކޯޓުގައި ގިނަ މައްސަލަތައް ނުނިމި އެބަހުރި.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޝަރީއަތް ނުނިމި ޖަލުގައި ފަސް އަހަރު، މިހާރު އޮތީ އައިސީޔޫގައި!

ކްރިމިނަލް ކޯޓުން ބަލަމުން އަންނަ މައްސަލައެއްގެ ޝަރީއަތް ނުނިމި ޖަލުގައި ހުންނަތާ ފަސް އަހަރުވެފައިވާ ގައިދީއަކަށް ހާޓް އެޓޭކެއްޖެހި، އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޓްވިޓާގައި ވިދާޅުވީ، ކްރިމިނަލް ކޯޓުން ބަލަމުން އަންނަ މައްސަލަ ނިމެންދެން ޖަލުގައި ބަހައްޓާފައި ހުންނަތާ ފަސް އަހަރު ފަހުން މި ހަފްތާގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ ސ. ހުޅުދޫ، އަލީ ރުޝްދީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއްގައި "ވާނުވާ" ޖަހާފައި ހުރި މީހެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އޭނާގެ އިތުރު އެއްވެސް މައުލޫމާތެއް ސުއޫދު ވެސް ޓްވިޓާގައި ހާމަކޮށްފައެއް ނުވެއެވެ.

ސުއޫދު އެ ޓްވީޓް ކުރެއްވީ ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެގޮތުން ޝަމީމް ވަނީ އޭނާގެ ކްލަޔަންޓަކު "ވާނުވާ" ޖަހާފައި ހުންނަތާ ފަސް އަހަރު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ވާނުވާ" ޖެހުންކަމަށް އާންމުކޮށް ގާނޫނީ ވަކީލުން ނިސްބަތް ކުރަނީ ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ނުވަތަ ގޭ ބަންދުގައި ބެހެއްޓުމަށް ކުރާ އަމުރުތަކަށެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ ކްރިިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1،910 މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބައެއް މައްސަލަތައް ނުނިމި 10 އަހަރު ވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.
ހިޔާލު