Suood vidhaalhuvi gaidhee othee ICU aku noon: Corrections
image
މާފުށި ޖަލު: ގިނަ ބަޔަކު "ވާނުވާ" ޖަހާފައި ޖަލުގައި އެބަތިބި.-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ސުއޫދު ވިދާޅުވި ގައިދީ އޮތީ އައިސީޔޫއަކު ނޫން: ކަރެކްޝަން

ކްރިމިނަލް ކޯޓުން ބަލަމުން އަންނަ މައްސަލައެއްގެ ޝަރީއަތް ނުނިމި ޖަލުގައި ހުންނަތާ ފަސް އަހަރުވެފައިވާ ގައިދީއަކަށް ހާޓް އެޓޭކެއްޖެހި، އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަން ކަރެކްޝަންސް އިން ދޮގުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޓްވިޓާގައި ވިދާޅުވީ، ކްރިމިނަލް ކޯޓުން ބަލަމުން އަންނަ މައްސަލަ ނިމެންދެން ޖަލުގައި "ވާނުވާ" ޖަހާފައި ބަހައްޓާފައި ހުންނަތާ ފަސް އަހަރު ވެފައިވާ މީހަކު މި ހަފްތާގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެކަމަކު ކަރެކްޝަންސްގެ ތަރުޖަމާން ވިދާޅުވީ ސުއޫދު ވިދާޅުވާ ސ. ހުޅުދޫ، އަލީ ރުޝްދީ ނަމަކަށް ކިޔާ ގައިދީ އަށް އައިސީޔޫގައި ފަރުވާނުދޭ ކަމަށެވެ. އެކަމަކު އޭނާ މިހާރު ވެސް އޮތީ ފަރުވާ އަށް އައިޖީއެމްއެޗުގެ ވޯޑުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އަށް ފަރުވާދެނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އަދި ފަރުވާ ދޭން ބާއްވާފައި އޮންނަތާ ކިހާ ދުވަހެއް ވެފައިވާ ކަމެއް ސާފެއް ނުވެ އެވެ.

"އެއްވެސް އިރެއްގައި އޭނާ އަށް އައިސީޔޫގައި ފަރުވާދެވިފައެއް ނުވޭ. އައިޖީއެމްއެޗުފެ ވޯޑުގައި ފަރުވާދެމުން އަންނަނީ،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސުއޫދު އެ ޓްވީޓް ކުރެއްވީ ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެގޮތުން ޝަމީމް ވަނީ އޭނާގެ ކްލަޔަންޓަކު "ވާނުވާ" ޖަހާފައި ހުންނަތާ ފަސް އަހަރު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ވާނުވާ" ޖެހުންކަމަށް އާންމުކޮށް ގާނޫނީ ވަކީލުން ނިސްބަތް ކުރަނީ ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ނުވަތަ ގޭ ބަންދުގައި ބެހެއްޓުމަށް ކުރާ އަމުރުތަކަށެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ ކްރިިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1،910 މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބައެއް މައްސަލަތައް ނުނިމި 10 އަހަރު ވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.
ހިޔާލު