Fehendhoo bandharuge masakkaiy fashanee
image
ބ. ފެހެންދޫ-- ފޮޓޯ: ތުޅާދޫ އޮންލައިން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފެހެންދޫ ބަނދަރުގެ އަމަލީ މަސައްކަތް ދެ މަސް ތެރޭ ފަށަނީ

ކުރިއަށް އޮތް ދެ މަސް ތެރޭގައި ބ. ފެހެންދޫގައި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ފެހެންދޫ ކައުންސިލަރުންނާއި އެ ރަށުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ފެހެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމުގެ ސާވޭ ކުރުމަށް އެމްޓީސީސީގެ ޓީމަށް މާދަމާ އެ ރަށުގައި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ސީއެންއެމް އަށް މިއަދު ވިދާޅުވީ، ސާވޭއަށް ފަހު ދެ މަސް ފަހުން އެމަސައްކަތް އަމަލީ ގޮތުން ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

އަންނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ފަހު ރަސްމީކޮށް ބަނދަރު ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާބާދީގައި 303 މީހުން އުޅެމުން އަންނަ ފެހެންދޫގައި މިހާތަނަށް ބަނދަރެއް ތަރައްގީ ކުރެވިފައެއް ނުވެއެވެ. އެކަމަކު، ދޯނިފަހަރު ރަށާއި ކައިރި ކުރުމަށް އެރަށުގައި ފާލަމެއް އޮވެއެވެ.
ހިޔާލު