Raees ge dhathurufulhaa eku Fehendhoo ge rayyithunge unmeedhuthah aa vejje
image
ރައީސް ސޯލިހު، ބ. ފެހެންދޫއަށް ވަޑައިގެންނެވުން--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރައީސްގެ ދަތުރުފުޅާއެކު ފެހެންދޫ ރައްޔިތުންގެ އުއްމީދުތައް އާ ވެއްޖެ

ކުދި އާބާދީތައް އޮންނަ ރަށްރަށަކީ ކޮންމެ ސަރުކާރަކުން ވެސް އެންމެ ބޮޑަށް އިހުމާލުވާ ރަށްރަށެވެ. އާބާދީގައި އެންމެ 303 މީހުން އުޅޭ ބ. ފެހެންދޫގެ ރައްޔިތުން އުފަލު ފޮޅިފައި މިއަދު ތިބީ 40 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު އެރަށަށް ވަޑައިގެންނެވުމުންނެވެ. އެ ރައްޔިތުން އެއަށް ވުރެ ބޮޑަށް އުފާވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމީހުންނަށް ދެއްވި އުއްމީދުގެ ސަބަބުންނެވެ.
ފެހެންދޫ ކައުންސިލަރުންނާއި އެރަށުގެ އިސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވަނީ އެ ރަށަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އެ ރަށު ރައްޔިތުންގެ ހުރިހާ ކަންބޮޑުވުމެއް ރައީސް ވަނީ އައްސަވާފަ އެވެ. އެމަނިކުފާނު މިއަދު މާލެ ވަޑައިގެންނެވީ އެރަށު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އުފާވެރި ހަބަރު ދެއްވާފަ އެވެ.

ރައީސް ސޯލިހު ފެހެންދޫއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން:

ސްކޫލު ކުދިންނަށް ފެރީއެއް ހަމަޖައްސައިދިނުން

އާބާދީ ކުޑަވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ބަންދުކޮށްފައި ވާއިރު އެރަށު ކިޔަވާ ކުދިން މިހާރު ކިޔަވަން ދަނީ އެރަށާއި އެއް ފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. ކުޑަ ޑިންގީއެއްގައި ކުރާ އެ ފަސް މިނެޓުގެ ދަތުރުގައި ގިނަ ތަކުލީފުތަކެއް އުފުލަން ޖެހެއެވެ. ކަނޑު ގަދަ ވެއްޖެ ނަމަ ތެމި ފޯވެގެން އެކުދިން ކިޔަވަން ދާން ޖެހޭ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމާއެކު އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

- ފެހެންދޫ ކުދިން ސްކޫލަށް ދަނީ

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އަދި މިއަދު ވަނީ، އެ ސްކޫލު ކުދިން ސްކޫލަށް ދިއުމަށް ބޭނުންވާ ހާއްސަ ފެރީ ބަނުމަށް ބިޑަށް ވެސް ހުޅުވާލާފަ އެވެ.

ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލަނީ


ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅުވާލުމަށް ފެހެންދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވާތާ ދެ މަސް ފަހުން އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދެއްވާނެ ކަމުގެ އުފާވެރި ހަބަރު ރައީސް ވަނީ ދެއްވާފަ އެވެ.

ބަނދަރުގެ ދަތިކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ

ފެހެންދޫގައި މިއަދާއި ހަމައަށް ވެސް ބަނދަރެއް ތަރައްގީ ކުރެވިފައެއް ނުވެއެވެ. އެގޮތުން ލަފާ ފުރުމަށް ފާލަމެއް އޮންނައިރު އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެރަށުގައި ބަނދަރެއް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ރައީސް ސޯލިހު ވަނީ އިއްޔެގެ ބައްދަލުވުމުގައި އިއުލާނުކުރައްވާފަ އެވެ.

އެގޮތުން މީގެ ދެމަހެއްހާ ދުވަސް ފަހުން ބަނދަރުގެ އަމަލީ މަސައްކަތް ފަށައި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ހުޅުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިސްކިތެއް ތަރައްގީ ކުރުން

ދެހާސް ހަތް ވަނަ އަހަރު ފެހެންދޫ ހުކުރު މިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައިވާތީ މިސްކިތް ވަނީ ބަންދުކުރެވިފަ އެވެ. އެއާއެކު މިއަދާއި ހަމައަށް ވެސް އެރަށު ރައްޔިތުން ނަމާދު ކުރަމުން އައިސްފައި ވަނީ ވަގުތީ މިސްކިތެއްގަ އެވެ.

އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެރަށުގައި މިސްކިތެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މައްސަލައަށް ވެސް ހައްލެއް ގެނެސްދެއްވާނެ

އެރަށަކީ ފެން ތަގައްޔަރުވުމުގެ މައްސަލަ ވެސް ކުރިމަވެފައިވާ ރަށެކެވެ. ރައީސާއެކު ބ. އަތޮޅަށް ވަޑައިގެންނެވި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ ފެނާއި ނަރުދަމާގެ މައްސަލައަށް ވެސް ވަރަށް އަވަހަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް އަވަހަށް ރަށަށް ޖަނަރޭޓަރެއް ވެސް ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްބިއުލާންސެއް ހޯދައިދީ، ޑޮކްޓަރުންނާއި ނަރުހުން ތިބުމަށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސޭނެ

ފެހެންދޫ ސިއްހީ މަރުކަޒަކީ އަށް ގަޑިއިރު ހިދުމަތްދެމުން އަންނަ މަރުކަޒެކެވެ. ބަލި މީހުން ސިއްހީ މަރުކަޒަށް ގެންދިއުމަށް އެމްބިއުލާންސެއް ނޯންނާތީ އެކަމުގެ ދަތިތައް ވެސް ރައްޔިތުންނަށް ކުރިމަތިވެ އެވެ. އެހެންވެ، އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ތިބުމަށް ވެސް އެރަށުގައި ހާއްސަ އިންތިޒާމެއް ނެތެވެ. އެހެންވެ، އެމީހުން ތިބުމަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އިއްޔެ ފެހެންދޫ އަށް ރައީސް ވަޑައިގެން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި އިރު އިއްޔެއަކީ ރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެކެވެ. އެއީ 1979 ވަނަ އަހަރު އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެރަށަށް ވަޑައިގެންވި ފަހުން ރާއްޖޭގެ ރައީސަކު އެރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމުންނެވެ. އާބާދީ ކުދި ރަށްތަކަށް ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި ވާއިރު ރައީސް ސޯލިހު އެރަށަށް ވަޑައިގެންނެވީތީ އެރަށު ކައުންސިލުގެ ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

"ސާޅީސް އަހަރަށް ފަހު މިރަށަށް ރައީސްއަކު ވަޑައިގެންވީތީ އެންމެން ވެސް ތިބީ އުފަލުން. ރައީސަށް މަރުހަބާ ދެންނެވުމަށް މުޅި ރަށް ޒީނަތްތެރި ކުރުމުގަ ވެސް ރައްޔިތުން ނިކުތް. އެކަމަކު ބައެއް މީހުންގެ ކަންބޮޑުވުމެއް އެއީ އެހާ ދުވަސްވަރުކޮށްފަ ރައީސަކު ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް އެއްޗެއް ނުދެންނެވުން،" ނަސީމް ވިދާޅުވި އެވެ.

ރަށަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ އުއްމީދަކީ އެ މަސައްކަތްތައް ނިމި އެ ހިދުމަތްތައް ރަށުގެ ރައްޔިތުންނަށް ލިބުންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހިޔާލު