JSC member kamah Maaniu ayyan kohfi
image
ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މާނިއު.-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ޖޭއެސްސީގެ މެމްބަރު ކަމަށް މާނިއު އައްޔަން ކޮށްފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާނެ މެމްބަރަކު ކަނޑައެޅުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އަބްދުލް މާނިއު ހުސައިން އެ ކޮމިޝަނުގެ މެމްބަރުކަމަށް މިއަދު އައްޔަން ކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރީ އިލެކްޝަންސް ކޮމިޝަނުން މާލެ އާއި އައްޑޫގައި ވޯޓް ފޮށި ބަހައްޓައިގެން ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓް ލާފައިވާއިރު، އޭގެ ތެރެއިން 199 ވަކީލުންގެ ވޯޓާ އެކު މާނިއު އެ މަގާމަށް އިންތިހާބު ކުރުމާ ގުޅިގެންނެވެ. އެ އިންތިހާބުގައި އޭނާ އާ އެންމެ ގާތުން ވާދަކުރެއްވީ 124 ވޯޓް ހޯއްދެވި އަލީ ރަޝީދެވެ.

ވަކީލުންގެ ތެރެއިން ބޭފުޅަކު ޖޭއެސްސީ އަށް އިންތިހާބު ކުރީ، ކުރިން ވަކީލުންގެ ފަރާތުން އެ ކޮމިޝަނުގައި އިންނެވި ލަތީފާ ގާސިމްގެ މަގާމު، އަލަށް އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ބިލާއި އެކު ގެއްލުމުންނެވެ. އަލަށް އަމަލުކުރަން ފެށި ގާނޫނާއި އެކު ލަތީފާގެ މަގާމު ގެއްލުނު އިރު، އޭނާ އެ މަގާމަށް އިންތިހާބުވީ ފަނޑިޔާރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބޭއްވި އިންތިހާބަކުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ޖޭއެސްސީގެ މެމްބަރު ކަމަށް ފަސް ވަކީލަކު ވާދަކުރެއްވި އެވެ. އެގޮތުން އިންތިހާބު ކާމިޔާބުކުރި މާނިއު އާއި އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި އަލީ ރަޝީދުގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް 37 ވޯޓް ލިބުނު އިރު، ހަނީފާ ޚާލިދަށް 27 ވޯޓް އަދި އަހުމަދު ނަސީރަށް 10 ވޯޓް ލިބުނެވެ.

އަލަށް އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ބިލާއި އެކު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފައްދާފަ އެވެ. އަދި ދާދި ފަހުން ވަނީ އެ ކައުންސިލުގެ މަގާމުތަކަށް ވަކީލުން އިންތިހާބު ވެސް ކޮށްފަ އެވެ.
ހިޔާލު