Dhiraagun Raajjeah 5G tha'aarafu kohfi Miee Asia sarahahdhun mi hidhumaiy libey furathama gaumu!
image
ދިރާގުން 5ޖީ ތައާރަފުކޮށްފި، މިއީ އޭޝިއާ ސަރަހައްދުން މިހިދުމަތް ލިބޭ ފުރަތަމަ ގައުމު!
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ދިރާގުން 5ޖީ ތައާރަފުކޮށްފި، މިއީ އޭޝިއާ ސަރަހައްދުން މިހިދުމަތް ލިބޭ ފުރަތަމަ ގައުމު!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ، ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ މިރޭ ރާއްޖެއަށް ތައާރަފުކޮށްފިއެވެ. އެއާއެކު ރާއްޖެވެފައި މިވަނީ ޝައުތު އޭޝިއާ ބައްރުން މި ހިދުމަތް ލިބެން ފެށި ފުރަތަމަ ގައުމަށެވެ.
އެކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފުކޮށްދެއްވީ ދިރާގު ޗެއާޕާސަން އިސްމާއިލް ވަހީދާއި އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

- އެ ހިދުމަތް ރާއްޖެއަށް ތައަރަފުކުރުން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވަހީދު ވިދާޅުވީ، ކަސްޓަމަރުންގެ ވާހަކަތައް އަޑުއަހައިގެން ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތް ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް ކަމަށެވެ. 5ޖީ އަދި ތައާރަފުކޮށްފައިވަނީ ރާއްޖޭގެ ތިން ސަރަހައްދަކަށް ނަމަވެސް އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާވެގެން ދިއުންކަން ވެސް އިސްމާއިލް ފާހަގަކުރައްވައެވެ.

ދިރާގުން އެހިދުމަތް އަދި ތައާރަފުކޮށްފައިވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސަރަހައްދަށެވެ. އެއީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭ ސިޓީ އަދި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކަށާއި އައްޑޫ ސިޓީގެ ހިތަދޫގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.

5ޖީ ޓެކްނޮލޮޖީއަކީ މިހާތަނަށް ވަރަށް މަދު ގައުމެއްގައި ބޭނުންކުރަމުން ޓެކްނޮލޮޖީއެއްކަން ފާހަގަކުރައްވާ
އެ ރަސްމިއްޔާތުގައި އިސްމާއިލް ރަޝީދު ވިދާޅުވީ، އެހެންކަމުން އެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"ދުނިޔޭގަ އަދި ނެތް މާގިނަ ޑިވައިސްތަކެއް ވެސް ހެދިފަ 5ޖީއަކަށް، އެހެންވީމަ މެޗުއާ ވަމުންދާ ޓެކްނޮލޮޖީއެއް. އެހެންވިޔަސް ތަރައްގީވަމުންދާ ގައުމުތަކުގަ ތައާރަފުވަމުންދަނީ. އެގޮތުން ސައުތު އޭޝިއާ ރީޖަންގަ ވެސް ފުރަތަމަ މި ހިދުމަތް ތައާރަފުކުރާ ގައުމުތަކުގަ ރާއްޖެ ހިމެނޭ، އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ފަހުރެއް،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓްކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނައިރު އެކުންފުނިން ބުނީ، ރާއްޖެއަށް ތައާރަފުކުރެވުނު 5ޖީ ޑިވައިސްއަކީ ހުއާވޭ މެޓް އެކްސް ފޯނު ކަމަށެވެ. އެ ފޯނު މާކެޓަށް ނެރެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރު، އަހުމަދު އިޝާން ވިދާޅުވީ، 5ޖީ ހިދުމަތަކީ މިހާރުގެ 4ޖީ ހިދުމަތުގެ ސްޕީޑަށްވުރެ ދިހަ ގުނަ އަވަސް ހިދުމަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަވެ ދިރިއުޅުމަށް ވެސް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މިއަހަރު ޑިޖިޓަލް ރާއްޖޭގެ ނަމުގައި ދިރާގުން މުޅި ރާއްޖެ ޓެކްނޮލޮޖީގެ އާ ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިވާއިރު އެ ކެމްޕެއިނުގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެކުންފުނިން ވަނީ ހައިސްޕީޑް ފައިބާ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ވެސް ފޯރުކޮށްދީފައެވެ. އަދި އެކުންފުނިން ޖޫން މަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގެައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓް ހިދުމަތް ވެސް ތައާރަފުކޮށްފައެވެ.
ދިރާގު ވިޔަފާރި
ހިޔާލު