Minivan muahssasaa thakuge verin bas bunumuge kurin visnaalan jehey!
image
މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

މިނިވަން މުއައްސަސާތަކުގެ ވެރިން ބަސް ބުނުމުގެ ކުރިން ވިސްނާލަން ޖެހޭ!

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ގަބޫލު ކުރަން ދަތި ކަމަށް ދާދި ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި އެ ކޮމިޝަނުގެ މެންބަރުން އެކަމަށް ރައްދު ދެއްވާ ސޯޝަލް މީޑީއާގައި ހިޔާލުފާޅުކުރި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެންމެ ފުރަތަމަ ޓްވީޓަގައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަ ކުރުވާހަކަ މުބާރާތުގައި ބައިވެރި ކުރަން ރަނގަޅުވާނެ ކަމަށެވެ.
މައްސަލައެއް ނެތެވެ. ޝަރީފަކީ ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެން ޖެހޭނެ ބޭފުޅެކެވެ. ނަމަވެސް މައްސަލައަކަށް ވަނީ ޝަރީފުގެ މަގާމެވެ. ޝަރީފަކީ އޭނާއަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ފަދައިން ހަމަ އެ ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ރައީސެކެވެ. ރައްޔިތުން ބަލައިގަންނަ މަގާމެއްގައި ހުންނެވި އެފަދަ ބޭފުޅަކު އެގޮތަށް ވާހަކަދެއްކެވުމަކީ މައްސަލައަކަށް ނުވާނެތޯއެވެ.

"އަޅުގަނޑަކީ އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރި މީހެއް. އެފަދަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ބުނަނީ ޝަރީފުގެ އެ އަމަލު އަޅުގަނޑު ކުށްވެރި ކުރަން. ސަބަބެއް ދަންނަވަންތޯ. އިންސާނެއް ވެއްޖެ ނަމަ ހުންނަންވާނެ ކޮންމެވެސް ކަހަލަ ގޮތެއް. ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އެއާ ވިއްދައިގެން ގޮވެލި ފަތި ގޮވަންޏާ މީހުން އެކަމުގައި ސުވާލު އުފައްދާނެ. ނުއުފައްދަންވީ ސަބަބެއް ނެތެންނު،" އިލެކްޝަންސް ކޮމިޝަންގައި ދެހާހުގެ އަހަރުތަކުގައި މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ސީއެންއެމް އަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެބޭފުޅާގެ ވާހަކައިން ދޭހަވަނީ އެފަދަ މުއައްސަސާއެއްގައި އެފަދަ މަގާމެއްގައި ހުންނަ ބޭފުޅަކު ބަޔަކު މީހުން އެއްޗެއް ގޮވާއިރަށް އެއަށް ރައްދު ދޭ ކަމަށްވާ ނަމަ އެކަމުގައި ގޯހެއް އުޅޭ ކަމެވެ.

"މީގެ އެންމެ ބޮޑު މައްސަލައަކީ މިނިވަން މުއައްސަސާއަކަށް އިލެކްޝަންސް ކޮމިޝަންވުން. މިނިވަން މުއައްސަސާ އިޓްސެލްފް އެބަ ބުނެދޭ އެއީ ކިހާ ބާރުގަދަ އަދި ކިހާ ހައްސާސް މަސައްކަތް ކުރާ ބައެއްކަން. ސަރުކާރު ކުންފުންޏެއްގެ އެމްޑީއަކާއި މިނިވަން މުއައްސަސާއެއްގެ ރައީސެއް ނުވަތަ ނާއިބު ރައީސަކާއި ވަރަށް ތަފާތު ވާނެ ދެއްތޯ،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާގެ މައްސަލާގައި އެތައް އެތައް ވާހަކަތަކެއް އަބަދުވެސް ބަލިވާ ފަރާތަކުން ދައްކާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ފާޅުގައި ދައްކާނެ ކަމަށެވެ. އަދި އަނެއްބައި ފަރާތްތަކުން ޝަރުއީ ކޯޓުތަކުގައާ އަދި އެނޫން ވެސް އެހެން ފޯރަމްތަކުގައި ދައްކާނެ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު އިލެކްޝަންސް ކޮމިޝަން ބަދުނާމު ކުރުމުގެ ނިޔަތުގައި އެފަދަ ވާހަކަތަކަށް ރައްދު ދިނުމަކީ އެ މުއައްސަސާއަކާއި އެ ވާހަކައެއް ދައްކަވާ ބޭފުޅުން ފަލީހަތްވުން ކަމަށް އެބޭފުޅާ ސިފަ ކުރެއްވި އެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް ފެނޭ ދެއްތޯ ސޯޝަލް މީޑީއާގައި ވާހަކަ ދެއްކި ދެއްކިހެން ވާނީ ފަލީހަތޭ ކިޔާ އަޑު. އަޅުގަނޑު މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުން އެއްވެސް ނުފޫޒެއް ރިޔާސީ އިންތިހާބަށް ފޯރުވި އަދި ފޯރުވަން މަސައްކަތް ކުރި ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުގެ ޕޮއިންޓަކީ ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުމުގެ ބަދަލުގައި އަނގައިން އެއްޗެއް ނުބުނުން މާ ރަނގަޅު ވާނެއޭ،" އޭނާ ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ޝަރީފް އެފަދައިން ވާހަކަ ދެއްކެވުމުން ޝަރީފާއި އެއްކޮޅަށް ވާހަކަދެއްކި އެވެ. ނަމަވެސް ހަގީގަތަކީ މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ ފަރާތުން އެފަދަ އަމަލެއް ފެނިގެން ނުވާނެ ކަމެވެ.

މީގެ އަނެއް މިސާލަކީ ދާދި ފަހުން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީން) އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ބޭއްވި އަޑުއެހުމެވެ. ފަނޑިޔާރު އަބްދުﷲ ދީދީއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. ހަގީގަތުގައި އެ މަނިކުފާނު ހުންނެވީ ދިވެހި ރައްޔިތުން އެފަދަ ބޭފުޅަކަށް އިހްތިރާމް ކުރަންޖެހޭ ނުވަތަ ކުރެވޭ ފަދަ މަގާމެއްގައެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި އެމަނިކުފާނުގެ އަމަލުތައް ހުންނެވީ އެންމެ އިހްތިރާމް ކުރަން ބޭނުންވާ މީހާ ވެސް އިހްތިރާމް ކުރަން ޖެހިލުންވާ ނުވަތަ އެމަނިކުފާނުގެ އަމަލުތަކުން ޝައްކު އުފެދޭ ފަދަ ގޮތަކަށެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަދި ވަކިން ހާއްސަކޮށް އެ އެއްޗަކަށް އަޅުގަނޑުމެން ހުރިހާ ދިވެހިން އަމަލުކުރަން ލާޒިމް ކުރާ ގާނޫނު އަސާސީން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ޒިންމާދާރުވާން ޖެހޭ ވާހަކައެވެ. ހަމަ މީހަކު އެއްޗެއް ބުނެލާއިރަށް ރައްދު ދިނުމުގެ ކުރިން ތިމާ އެއްޗެކޭ ބުނެފި ނަމަ ތިމާގެ ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފެދޭނެކަން ހަނދާން ކުރާށެވެ.
ހިޔާލު

ނަތީ

ސަރުކާރުގެ ސިޔާސީ ބައެއް ބޭފުޅުންވެސް ތިކަހަލަ ކަންތައް އެބަ ކުރައްވާ. ޝަރީފު އެކަންޏެއް ނޫން.