BREAKING NEWS: Meridian in STO ah RF19 million dhahkan high court in hukum kohfi
image
ހައި ކޯޓް: މެރީޑިމް އިން އެސްޓީއޯ އަށް 19 މިލިޔަން ރުފިޔާ ދައްކަން ވަނީ ހުކުމް ކޮށްފައި.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

މެރީޑިއަމުން އެސްޓީއޯ އަށް 19 މިލިޔަން ދައްކަން ހައި ކޯޓުން ހުކުމް ކޮށްފި

ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުން އެސްޓީއޯ އިން ގަނެފައިވާ ތެލަށް ދައްކަންޖެހޭ 19 މިލިޔަން ރުފިޔާ ދެއްކުމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެސްޓީއޯ އިން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރު އެވެ. ނަމަވެސް ސިވިލް ކޯޓުން ކަނޑައެޅީ މެރީޑިއަމުން ތެޔޮ ގަތް ކަން އެސްޓީއޯ އަށް ސާބިތު ނުކުރެވޭތީ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

އެކަމަކު އެ މައްސަލަ އެސްޓީއޯ އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، މެރީޑިއަމުން އެސްޓީއޯ އަށް 2010 ވަނަ އަހަރުގެ ފަހުކޮޅު ކްރެޑިޓަށް ތެޔޮ ދޫކުރިކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އޭގެ އިތުރުން އެކަމާ ގުޅިގެން ދެ ކުންފުނީގެ މެދުގައި ލިޔެކިޔުމުން ކޮށްފައިވާ މުއާމަލާތްތަކުން ވެސް އެކަން ސާފުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި މެރީޑިއަމުން އެސްޓީއޯ އަށް ފައިސާ ދައްކަން އަންގައި ހުކުމް ކުރެއްވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނާއި ގާތް މެމްބަރެއްގެ ގޮތުގައި ފެނިގެން ދިޔަ ރިޔާޒް ރަޝީދުގެ ކުންފުންޏާއި އެސްޓީއޯ އާ ދެމެދު އެ ކަމާއި ގުޅިގެން ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެސްޓީއޯ އިން އޭރު ބުނެފައި ވެއެވެ. އެހެންކަމުން އޭރު އެ މައްސަލަ އެސްޓީއޯ އަށް ކާމިޔާބު ކުރުމަށް ބޮޑެތި ދަތިތައް ދިމާވި އެވެ.

ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވަނިކޮށް، ވަރަށް ފަހުން އެ ލިޔެކިޔުންތައް ފެނިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ. އަދި އެ ލިޔެކިޔުންތައް ކޯޓަށް ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ހިޔާލު