Falhuvefai oiy Kandholhudhoo fehi vanee
image
ރ. ކަނދޮޅުދޫ-- ފޮޓޯ: ޝާބިލް
0 ކޮމެންޓް
 

ފަޅުވެފައި އޮތް ކަނދޮޅުދޫ ފެހި ވަނީ

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި 2004 ވަނަ އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ރ. ކަނދޮޅުދޫ އެވެ. އެ ހާދިސާގައި މުޅި ރަށް އެކީ އެކަށް ވަނީ ވީރާނާވެފަ އެވެ. އެއާއެކު އެރަށުގެ ރައްޔިތުން ދިރިއުޅެމުން އައީ އެއަތޮޅުގެ އެކި ރަށްރަށުގަ އެވެ.
ރަށް ފަޅުވުމުގެ ކުރިން އެރަށް އޮތީ އިމާރާތްތަކުން ފުރި ބާރުވެފަ އެވެ. މާބޮޑެތި މަގުތަކެއް ވެސް ނުހުރެ އެވެ. ހިޔާކޮށްލާނެ ގަހެއްގެ ނިޔަލަށް ވަންނަން ބޭނުން ވިޔަސް ހިޔާވާން ވަންނާނެ މާ ގިނަ ގަސްތަކެއް ވެސް ނޯވެ އެވެ. މަގުތައް ހިމަކަމުން އެއް ގެ އަނެއް ގެ ވަކިވަނީ ކިރިޔާ އެވެ.

އެކަމަކު އެރަށް ފަޅުވުމާއެކު އެރަށުގައި ގަސްތައް ހެދެން ފަށާފައި ވާއިރު މިހާރު ރަށުގެ ބޮޑު ބައެއް އޮތީ ފެހިވެ، ބޯޖަންގައްޔަކަށް ބަދަލުވެފަ އެވެ. އޭރު މީހުން ދިރިއުޅުނު ގެތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އެ ގޯތިތަކުގައި ވެސް ގަސްތައް އޮތީ ހެދިފަ އެވެ.

ފަޅުވެފައި ހުރި އިމާރާތްތަކުގެ ތެރެއިން ގަސްތައް ހެދެމުން ދާއިރު، މުޅި ރަށް މަތިން ބަލާލުމުން މިހާރު ފެންނަނީ ފެހި ކަމެވެ. ސުނާމީ އަށް ފަހު ކަނދޮޅުދޫގައި ގެއްލުން ނުވެ ހުރި ހަމައެކަނި އިމާރާތަކީ އެ ރަށު މެދުގައި ހުންނަ މިސްކިތެވެ. މިހާރުގެ ފޮޓޯތަކުން އަދިވެސް އެ މިސްކިތް ރީތިކޮށް ހުރި މަންޒަރު ފެނެ އެވެ.

ޑިސެމްބަރު 26، 2004 ގައި އައި ސުނާމީ ގައި އެއްކޮށް ސުންނާފަތިވެގެން ދިޔަ ކަނދޮޅުދޫ މީހުން ދުވާފަރުގައި އާބާދު ކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ތޭރަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ "ރެފިއުޖީންގެ ގޮތުގައި" އުޅެން ޖެހުމެވެ.

އެމީހުން އަދިވެސް ރަޖިސްޓްރީކޮށްފައި އޮންނަނީ މިހާރު ފަޅުވެފައި އޮތް ކަނދޮޅުދޫ އަށެވެ. އެކަމަކު އެމައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވެ އެވެ.
ރ.ދުވާފަރު ތިމާވެށި
ހިޔާލު