Dhivehi zuvaanunge hunaruveri app thah
image
ޔޫތު ޓެކް ފެއާ 2019--
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ދިވެހި ޒުވާނުންގެ ހުނަރުވެރި އެޕުތަކާއެކު އުކުޅަސް ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިފި

ޔޫތު މިނިސްޓްރީ އާއި ކޮމިއުނިކޭޝަން މިނިސްޓްރީ އަދި އުގެއިލް ފައުންޑޭޝަން ގުޅިގެން ބޭއްވި ޔޫތު ޓެކް ފެއާ 2019 ގެ ހުރިހާ ބައިވެރިންނަށް އުކުޅަހުގައި އޮންނަ ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޒުވާނުންގެ ޓެކްނޮލޮޖީގެ ހުނަރު ދައްކާލުމަށް ބޭއްވި ޔޫތު ޓެކް ފެއާ ނިންމާލާފައި ވަނީ ބުދަ ދުވަހުގެރޭ އެވެ. ސޯޝަލް ސެންޓަރުގައި އޮތް ހަފްލާގައި ވަނީ ހުރިހާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.



ޔޫތު ޓެކް ފެއާ އަކީ ޓެކްނޮލޮޖީ ދާއިރާ އަށް ޒުވާނުން އަހުލުވެރި ކުރުމާއި އެ ދާއިރާ އިން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް ބޭއްވިގެން ދިޔަ ފެއާ އެކެވެ.

ފެއާގައި ބައިވެރިވި ހުރިހާ ގުރޫޕްތަކަށް ވެސް ވަނީ އުކުޅަހުގަ އޮންނަ ޓެކް ފެއާ އަށް ދިޔުމަށް ފުރުސަތު ލިބިފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕްރޮފެސާ އުގެއިލް ވިދާޅުވީ އަމާޒަކީ އެ ފެއާތަކުގެ ބޭރުން ވެސް އަދި އޭގެ ފަހުން ވެސް އެކުދިންގެ ޕްރޮޑަކްޓްތައް ޑެވެލޮޕްވެ، އޭގެން މާލީ މަންފާ ލިބޭނެ ހިސާބަށް ކުރިޔަށް ގެންދިޔުން ކަމަށެވެ.



އެ ފެއާގައި ޕަބްލިކް ވޯޓިން އޮތް އިރު އާންމުންނަށް އެންމެ ކަމުދިޔަ އެޕްލިކޭޝަނަކީ "ކަސްރަތު" އެޕްލިކޭޝަނެވެ.

ޔޫތު ޓެކް ފެއާގައި ހަތް ގްރޫޕަކުން ބައިވެރިވި އިރު ފެއާ އަށް ޒިޔާރަތް ކުރި ކޮންމެ ބޭފުޅަކަށް ވެސް ޒުވާނުންގެ ހުނަރުވެރިކަން ފެނިގެން ދިޔަ އެވެ.

ޔޫތު ޓެކް ފެއާ ގެ ބައިވެރިން އުފައްދާފައިވާ ޕްރޮޑަކްޓުތައް

ހޮޅުއަށި
މި އެޕްލިކޭޝަނަކީ ރައްޔިތުންނާއި ކައުންސިލަރުންނާއި ދެމެދު ގުޅުން ބަދަހިވެގެންދާނެ ފަދަ އެޕްލިކޭޝަނެކެވެ. ޕޯލިން އާއި ވޯޓިން ނެގޭ ގޮތަށް އުފައްދާފައިވާ އެ އެޕްލިކޭޝަންގެ އެހީގައި ރައްޔިތުންގެ މައްސަލަތާކައި ކަންބޮޑުވުންތައް ކައުންސިލަރުންނާއި ހިއްސާކޮށް އެކަމަށް މަޝްވަރާ ކުރުމަށް މަގުފަހިވެގެންދާނެ އެވެ. ކައުންސިލަރުން ރަށުގެ ތަރައްގީ އަށް ނުވަތަ އެފަދަ އެހެން ކަމަކަށް ރައްޔިތުންގެ ހިޔާލު ހޯދާ "ހޮޅުއަށީގެ" އެހީގައި ރައްޔިތުންގެ މެދުގައި އެ އެޕުން ވޯޓު ނެގޭނެ އެވެ.

ކަސްރަތު



ކަސްރަތު އެޕްލިކޭޝަނަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ސިއްހަތަށް ވަރަށް ފައިދާ ކުރާނެ އެޕްލިކޭޝަނެކެވެ. ކުރަން ޖެހޭ ކަސްރަތުތަކާއި އެންމެ އެދެވިގެންވާ ގޮތަށް ކާން ޖެހޭ ކާނާތައް "ކަސްރަތުގައި" ހިމަނައިފައި ވެއެވެ. އެޕްލިކޭޝަން ހުޅުވުމަށް ފަހު ޖިންސާއި އުމުރާއި ބަރުދަނާއި އިސްކޮޅު ފަދަ މައުލޫމާތުތައް ފުރަން ޖެހޭ އިރު އެ މައުލޫމާތުތަކަށް ބިނާކޮށް އެޕް އިން އެމީހެއްގެ ކެއުން ބައްޓަން ކުރާނެ ގޮތް ދައްކައިދޭނެ އެވެ.

ސްޓްރީޓް ލައިޓް އޮޓޮމޭޝަން



"ސްޓްރީޓް ލައިޓް އޮޓޮމޭޝަން" އަކީ ރޭގަނޑު ހަޔަކުން އަނެއް ދުވަހު ހެނދުނު ހަޔަކަށް ދިއްލާފައި މަގުމަތީގައި ހުނަނ ލައިޓްތަކުން ކަރަންޓު ބޭކާރުނުވާ ގޮތަށް ހަދަން އުފައްދާފައިވާ ހައްލެކެވެ. ރޭގަނޑު 10 އަކުން ހެނދުނު ހަޔަކަށް އެއް ލައިޓުގައި މޯޝަން ސެންސަރެއް ހަރުކުރުމުން އެ ލައިޓުން ކަރަންޓު ބޭކާރުވާ މިންވަރު 50 އިންސައްތަ ކުޑަވެގެން ދާނެ ކަމަށް މި އޮޓޮމޭޝަން އުފެއްދި ފަރާތުން ބުނެފައި ވެއެވެ.

ރައްޔިތު



"ރައްޔިތު" އަކީ ޒުވާނުންނަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ހޭލުންތެރިކަން އިތުރަށް ފުޅާ ކުރުމަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. އުމުރުން 15 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ އެވެ. "ރައްޔިތު" މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ތަކާއި ކައުންސިލަރުންގެ މައުލޫމާތު ތަކާއި ކުރަމުންދާ މަސައްކަތްތަކާއި އަދި ކުރަން ވެފައިވާ ވައުދުތަކުގެ މައުލޫމާތުތައް ފެނިގެންދާނެއެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކުރުކޮށް ބަލާލެވޭ ގޮތަށްވެސް މި އެޕްލިކޭޝަނުގައި ހިމަނައިފައި ހުންނާނެއެވެ.

ސިއްހަތު

"ސިއްހަތު" ގެ މައިގަނޑު ބޭނުމަކީ ސިއްހަތާ ގުޅުން ހުންނަ ހިދުމަތްތައް ރައްޔިތުންނާއި ހަމަ އަށް ފޯރުކޮށްދިނުމެވެ. މައިގަނޑު ތިން ބަޔެއް އެޕްލިކޭޝަންގައި ހިމެނޭ އިރު އެ ބައިތަކަކީ ގަޑިން ގަޑިއަށް ބޭސް ކެއުމަށް ހަނދާންކޮށް ދިނުމާއި، އޮންލައިންކޮށް ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެދުމާއި ހާޓް ރޭޓް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކާން ޖެހޭ ބޭސްތައް އެޕްލިކޭޝަނުގައި ޖަހާލުމުން ބޭސް ކާން ޖެހޭ ވަގުތުގެ 15 މިނިޓުގެ ކުރިންނާއި ބޭސް ކާން ޖެހޭ ވަގުތު ނޮޓިފިކޭޝަނެއް ލިބިގެންދާނެ އެވެ. ބޭނުންވާ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހަދާލައި ތާރީހާއި އަދި ކިޔު ނަންބަރު ވެސް ފެނިގެންދާނެ އެވެ. އޮންލައިންކޮށް އެޕޮއިންޓްމެންޓްތަކަށް ރުފިޔާ ވެސް ދެއްކޭ ގޮތަށް "ސިއްހަތު" ގައި ވަނީ ހަމަޖެހިފަ އެވެ. ހިތުގެ ވިންދު ބަލާލުމަށް އިތުރު "ޑިވައިސް" އެއް ބޭނުންވާއިރު ޑިވައިސް އާއި އެޕްލިކޭޝަނާއި ގުޅާލުމުން އީސީޖީ އަދި ހާޓް ރޭޓް ވަގުތުން ބަލާލެވޭނެ އެވެ.

މެންޓަލް ހެލްތް އެޕް



މެންޓަލް ހެލްތް އެޕްލިކޭޝަނަކީ ނަފްސާނީ މައްސަލަތަކަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މީގެ އެހީގައި އެފަދަ މައްސަލަތައް ހުންނާ މީހުންނަށް މައްސަލަތައް ސައިކޯތެރަޕިސްޓަކާއި ހިއްސާކޮށް އެމީހުންގެ ފަރާތުން ވަރަށް ބޮޑު އެހީ އެއް ލިބިގެންދާނެ އެވެ. ހަމަ އެހެންމެ ނަފްސާނީ ދުޅަހެޔޮ ކަމާއި ބެހޭ ތަފާތު މައުލޫމާތުތައް ވެސް މެންޓަލް ހެލްތު އެޕް އިން ފެނިގެންދާނެ އެވެ. މި އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ އިރު އެޕްލިކޭޝަނުން ބަރާބަރަށް އެމީހެއްގެ "މެންޓަލް ކޮންޑިޝަން" ބަލަމުން ގެންދާނެ އެވެ.

އެ އައީ

މި އެޕްލިކޭޝަންގެ އެހީގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެޕްލިކޭޝަން ހުޅުވާލުމަށް ފަހު ދާން ބޭނުންވާ ތަނާއި ވަގުތާއި ޖަހާލުމުން އެ ގަޑިއަށް ހިދުމަތެއް ލިބިގެންދާނެ އެވެ. ކުރިއަށް އޮތް ތަނުގައި މި ފުޅާވެގެންދާ އިރު ގިނަ އުޅަނދުފަހަރުތަކުގެ ހިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެ އެވެ. މި އަހަރު ޖެނުއަރީ މަހު ތައާރަފް ކުރި "އެ އައީ" އިން މިހާރު ޓެކްސީ ގެ ހިދުމަތް ލިބިގެން ދާނެ އެވެ.
ހިޔާލު

ނޫރު

ދެންވެސް ބުނޭ ދިވެހިންނެއް ނެތޭ ކަމެއް ކުރަން އިނގޭވަރުގެ. ބޭރު މީހުން ގެނެސް ރައްޔިތުކަން ދީގެން ނުނީ ނުވާނެއޭ.

އަސްލު

ތި އެޕްތަކެއް ނުއެއްފެެނެ، ޑައުންލޯޑް ނުކުރެވެ....