Fandiyaaru Didi ge diplomatic passport cancel kohfi
image
ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ (މ).-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ފަނޑިޔާރު ދީދީގެ އެދުމުގެ މަތިން ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށް، އޯޑިނަރީ ޕާސްޕޯޓެއް ދޫކޮށްފި

ރިޝްވަތުގެ ތުހުމަތު ކުރެވިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބެލުމަށްފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކޮށް، އޯޑިނަރީ ޕާސްޕޯޓެއް ނަންގަވައިފި އެވެ.
އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ދީދީ އަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކޮށް، އާދައިގެ ޕާސްޕޯޓެއް ނެންގެވީ ރަސްމީ އެއްވެސް އިދާރާ އަކުން އެކަމަށް އެންގުމުން ނޫން ކަމަށް ވެއެވެ. އިމިގްރޭޝަނުން ވެސް ވަނީ ފަނޑިޔާރު ދީދީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހަވާލުކޮށް، އޯޑިނަރީ ޕާސްޕޯޓެއް ނެންގެވީ، އޭނާ އަމިއްލަ އަށް އެކަމަށް އެދިގެން ކަމަށް ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނުގެ އިތުރުން ވެސް ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރު ދީދީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކޮށް، އޯޑިނަރީ ޕާސްޕޯޓެއް ނެންގެވީ މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މަހުގެ 23 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވުމަށް ފަހު އެވެ. ނަމަވެސް އޯޑިނަރީ ޕާސްޕޯޓް ނެންގެވުމަށް ފަހު ޖެހިގެން އައި ދުވަހު އަނެއްކާ ވެސް ފަނޑިޔާރު ދީދީ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.

ފަނޑިޔާރު ދީދީގެ އިތުރު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ނަމަވެސް، އޭނާގެ ގާނޫނީ ވަކީލުން މެދުވެރިކޮށް ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރު ދީދީގެ ބައެއް މައްސަލަތައް ބެލުމަށް ފަހު ޖޭއެސްސީން އެކުލަވާލާފައިވާ ރިޕޯޓަށް ޖަވާބުދާރީވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީގެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވާން ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޖޭއެސްސީ އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ފުލުހުން އަންނަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ފަނޑިޔާރު ދީދީ އަށް ނަފާލިބުނު ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަން ޖޭއެސްސީ އަށް، ސިއްރު ސިޓީއަކުން އަންގައިފަ އެވެ.

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ ދެ މައްސަލައިގެ އިތުރުން ވެސް ފަނޑިޔާރު ދީދީ އާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ހުށަހެޅުއްވި ރިޝްވަތުގެ މައްސަލަ ކުރިން ތަހުގީގު ކުރަން ފެށި ނަމަވެސް ފަނޑިޔާރު ދީދީ، އިންވެސްޓިގޭޝަން އޮފިސަރަށް ބިރު ދައްކައިގެން އެ ތަހުގީގު ހުއްޓުވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހަޅާފައިވަނީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ހިޔާލު