Fuvahmulaku medhu dhaairaage member rayyithunnaa bahdhalukohfi
image
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން ރައްޔިތުންނާ ބައްދަލުކޮށް، މައުލޫމާތު ދެއްވަނީ.
0 ކޮމެންޓް
 

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ރައްޔިތުންނާ ބައްދަލުކޮށް، މައުލޫމާތު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށްފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމްގައި އިއްޔެ ރޭ ރައްޔިތުންނާ ބައްދަލުކޮށް މެމްބަރު ވަނީ ފާއިތުވި ދުވަސްތަކު މަޖިލީހުގައި ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ގޮތުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޑުއައްސަވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންކަން ހައްލުކުރަން މަޖިލީހުގެ ތެރެއިންނާއި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ފުވައްމުލަކު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވާއިރު، މިހާރު ކުރިއަށްދަނީ އެތެރޭގެ މަގުތައް ޑިޒައިން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެކަން ނިންމާލައި، އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރަށް 40 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮގުރާމްގައި ހިމެނޭކަމަށް. އަދި އެއީ ކޮން މަޝްރޫއަށްކަމަށް ވިދާޅެއް ނުވޭ. ނަމަވެސް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަންތައްތައް އެގިގެންދާނެ،" އެ ރަށުގައި ހިންގަން ހަމަޖެހިފައިވާ ސިއްހީ ދާރިއާގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ހެލްތް މިނިސްޓަރު ވިދާޅުވި ކަމަށް ހުސައިން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށާއި، ވަރަށް އަވަހަށް އެމްޖޭއެސްގެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ. އަދި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް މިނިސްޓަރުގެ އެޕޮއިންޓްމަންޓަކަށް އެދިފައިވާ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންނަށް ސުވާލުކޮށް، ހިޔާލު ފާޅުކުރެވޭގޮތަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާތީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރައްޔިތުންނާ ބައްދަލުކޮށް، ހުސައިން ނަމޫނާ ދައްކަވާފައިވާ ކަމަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ބުނެ އެވެ.

މަޖިލީސް އިންތިހާބު ތެރެއިން ހުސައިން ވަނީ މަޖިލީހަށް ހޮވިއްޖެނަމަ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯއްދަވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިއީ އެ ވައުދުގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ. އަދި މިއީ ފުވައްމުލަކު ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލީސް މެމްބަރަކު އެގޮތަށް ރައްތިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ހިޔާލު