BREAKING: India inn Adeeb deport kollaifi
image
އަހްމަދު އަދީބު-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

އިންޑިއާ އިން އަދީބު ޑީޕޯޓުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިންޑިއާގެ ހިމާޔަތް ނުދީ ރޭ ދަންވަރު އެގައުމުން ޑީޕޯޓުކޮށްލައިފި އެވެ.
އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތި އަދީބު ރާއްޖެއިން ފިލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ވާގޯ 9 ނަމަކަށް ކިޔާ ޓަގްބޯޓެއްގައި، އެ ބޯޓުގެ ކްރޫ މެމްބަރަކަށް ހެދިގެންނެވެ.

އޭނާ އަތުގައި ޕާސްޕޯޓެއް އަދި ޓްރެވަލް ޑޮކިޔުމެންޓެއް ވެސް ނެތެވެ. އަދީބު އެ ބޯޓަށް އަރާފައި ވަނީ ބޭހަށް އިންޑިއާ އަށް ދަނީ ކަމަށް ބުނެ އެވެ.

އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އަދީބުގެ ފުރާނައަށް ރާއްޖޭގައި ނުރައްކާ އެބަ އޮތް ކަމަށާއި، އޭނާ އިންޑިއާ އަށް ދިޔައީ އެގައުމުގެ ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.

އެކަމަކު ރޭ ދަންވަރުގެ ވަގުތެއްގައި އިންޑިއާ އިން ވަނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި އަދީބު ހަވާލުކޮށް، އެގައުމުން ޑީޕޯޓުކޮށްލައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ރާއްޖެ ގެންނާނެ އެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކުގައި 33 އަހަރަށް ޖަލުގައި ހުރި އަދީބު މިނިވަން ވެފައި ވަނީ އެ މައްސަލަތައް އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެއާއެކު އަދީބަށް ވަނީ ބޭހަށް އިންޑިއާ އަށް ދިޔުމަށް ހުއްދަ ދީފަ އެވެ. އޭރުވެސް އޭނާ ފިލަން މަސައްކަތް ކުރާނެ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު އަދީބު ބުނެފައި ވަނީ ނުފިލާނެ ކަމަށެވެ.

ބޭހަށް އިންޑިއާގައި ހުރުމަށް ފަހު އަދީބު އެނބުރި ރާއްޖެ އައިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ނިމުނު ހަފްތާގެ ތެރޭގައި ފުލުހުންގެ ތަހުގީގަށް ސުވާލު ކުރުމަށް ހާޒިރުވާން އެންގުމުން އޭނާ ހާޒިރުވެފައެއް ވެސް ނުވެ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގައި ޔާމީނާއި ދެކޮޅު ހެކިވެރިންގެ ތެރޭގައި އަދީބު ހިމެނެ އެވެ. އެކަމަކު އޭނާގެ ވަކީލުން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އޭނާގެ މައްޗަށް ކަމާ ބެހޭ ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ.

އަދީބު ފިލި މައްސަލައިގައި ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާ ޑީޕޯޓު ކުރުމުން ރާއްޖެ އަނބުރާ ގެނައި ވާހަކައެއްވެސް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.
ހިޔާލު

ފަރޭ

ޝުކުރިއްޔާ!