Bainalagvaamee footboalhainn Messi suspend koffi
image
އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގައި މެސީ އަށް ރަތް ކާޑު ދައްކަނީ-- ފޮޓޯ: ރޮއިޓާޒް
0 ކޮމެންޓް
 

ބައިނަލްއަގްވާމީ ފުޓްބޯޅައިން މެސީ ތިން މަހަށް ސަސްޕެންޑުކޮށްފި

ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާ، ވަނީ ކޮރަޕްޓް ވެފައި ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލަޔަނަލް މެސީ ބުނުމުން ތިން މަހަށް ބައިނަލްއަގްވާމީ މެޗުތަކުގައި ބައިވެރިނުވެވޭ ގޮތް ހަދައިފި އެވެ.
އުމުރުން 32 އަހަރުގެ މެސީ އެހެން ބުނެފައި ވަނީ އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗެއްގައި އޭނާ އަށް ރަތް ކާޑު ދައްކާފައި ދަނޑުން ފޮނުވާލުމުންނެވެ. އެ މެޗު އާޖެންޓީނާ ކާމިޔާބު ކުރީ 2-1 އިންނެވެ.

ކޮޕާ އެމެރިކާގެ ތިންވަނަ ހޮވަން ކުޅުނު އެ މެޗަށް ފަހު މެސީ ބުނީ އެ މުބާރާތް ވަނީ ކޮރަޕްޓް ވެފައި ކަމަށާއި، ބްރެޒިލް އަށް ކާމިޔާބުވާ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސާފައިވާ ކަމަށެވެ.

ތިން މަހަށް ބައިނަލްއަގްވާމީ ފުޓްބޯޅައިން ސަސްޕެންޑު ކުރުމުގެ އިތުރުން 50،000 ޑޮލަރު އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެގޮތަށް ނިންމީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުންނެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން މެސީ އަށް ލިބެނީ ހަތް ދުވަހެވެ. އެ ނިންމުމުގެ ސަބަބުން އާޖެންޓީނާ އިން ޗިލީ އާއި މެކްސިކޯ އަދި ޖަރުމަނާއި ދެކޮޅަށް ރާވާފައިވާ ރަހުމަތްތެރިކަމުގެ މެޗުތަކުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ހިޔާލު