Adheeb fuluhunge belumuge dhashah genesfaivaa kamah bunefi
image
އަދީބު ފިލައިގެން އިންޑިއާ އަށް ދިއުމުން ހިފަހައްޓާފައި.
0 ކޮމެންޓް
 

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފި

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިއާ އަށް ދިޔުމުން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި، ރާއްޖެ އަށް އަނބުރާ ފޮނުވާލުމުން މިހާރު އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން "ވާގޯ 6" ކިޔާ ޓަގެއްގައި ސިއްރުން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ބުރާސްފަތި ދުވަހު އަދީބު ހިފެހެއްޓި އިރު އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ އިންޑިއާ އިން ހިމާޔަތް ހޯދުމަށް އެދިފަ އެވެ. އެކަމަކު އިންޑިއާ އިން ނިންމާފައިވަނީ އަދީބު އެ ގައުމަށް އެތެރެވެފައި ނުވާތީ ހިމާޔަތް ދެވެން ނެތް ކަމަށެވެ.

އޭގެ އިތުރުން ރޭ ދަންވަރު އަދީބު ވަނީ އޭނާ އެ ގައުމަށް އެތެރެވާން އުޅުނު ޓަގު ބޯޓުގައި، އިންޑިއާގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނާ އެކު ރާއްޖެ ގެނައުމަށް ފުރުވާލާފަ އެވެ. އިންޑިއާ އިން އަދީބު ޑީޕޯޓްކޮށްލަން ނިންމައި ރޭ ދަންވަރު އޭނާ ފުރުވާލި އިރު، ރާއްޖޭގެ ސަލާމަތީ ބާރުތަކާ އޭނާ ހަވާލުކުރީ ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ބޯޑަރު ކައިރިންނެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ޓްވީޓެއްގައި ބުނީ އަދީބު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މާލެ ގެނައުމަށް، ދަތުރު ކުރަމުން އަންނަ ކަމަށް ވެސް އެ ޓްވީޓްގައި ބުނެ އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.
ހިޔާލު