Fuluhun vadhe, Adheeb ge apartment faaskohfi
image
އަދީބު ބޭސްފަރުވާ އަށް ކުރިން އިންޑިއާ އަށް ކުރި ދަތުރަށް ފަހު ރާއްޖެ އަށް އެނބުރި ވަޑައިގެންނެވުން.
0 ކޮމެންޓް
 

ފުލުހުން ވަދެ، އަދީބުގެ އެޕާޓްމަންޓް ފާސްކޮށްފި

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިއާ އަށް ދިޔަ މައްސަލައާ ގުޅިގެން އޭނާ ދިރިއުޅުއްވި އެޕާޓްމަންޓަށް މިރޭ ފުލުހުން ވަދެ އެ ތަން ބަލައި ފާސްކޮށްފި އެވެ.
އަދީބު ދިރިއުޅުއްވި ގ. ހުމަށީގެ ނުވަވަނަ ފަންގިފިލާގެ އިތުރުން އެ އިމާރާތުގެ ޓެރަހަށް މިރޭ 11:00 ހާއިރު ފުލުހުން ވަދެ، ދެ ގަޑިއެއްހާއިރު ބަލައި ފާސް ކުރި އެވެ. އެކަމަކު ފުލުހުން އެ ތަނުން ނިކުމެގެން ދިޔައިރު، އެއްވެސް އެއްޗެއް ގެންދިޔަކަން އެނގިފައެއް ނުވެ އެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައި ނުވާއިރު، އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓަށް ފުލުހުން ވަނީ އަދީބު ފިލައިގެން އިންޑިއާ އަށް ދިޔަ މައްސަލާގެ ހެކި ހޯދުމަށް، ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރީ އަދީބުގެ ގާނޫނީ ވަކީލުންނާއި، އޭނާ ފިލައިގެން އިންޑިއާ އަށް ދިޔައިރު ރާއްޖޭން ބޭރުގައި ހުންނެވި އަނބިކަނބަލުން މަރިޔަމް ނަޝްވާގެ ހާޒިރުގަ އެވެ.

އެނގިފައިވާ ގޮތުގައި އަދީބު ފިލައިގެން އިންޑިއާ އަށް ދިޔުމުގެ ކުރިން ނަޝްވާ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ނަމަވެސް އެކަން ޔަގީނެއް ނުވެ އެވެ.

ފުލުހުން އަދީބުގެ އެޕާޓްމަންޓް ފާސްކުރި އިރު، އަދީބު ފިލައިގެން އިންޑިއާ އަށް ދިޔުމުން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި، ރާއްޖެ އަށް އަނބުރާ ފޮނުވާލުމުން މިހާރު އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން "ވާގޯ 6" ކިޔާ ޓަގެއްގައި ސިއްރުން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ބުރާސްފަތި ދުވަހު އަދީބު ހިފެހެއްޓި އިރު އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ އިންޑިއާ އިން ހިމާޔަތް ހޯދުމަށް އެދިފަ އެވެ. އެކަމަކު އިންޑިއާ އިން ނިންމާފައިވަނީ އަދީބު އެ ގައުމަށް އެތެރެވެފައި ނުވާތީ ހިމާޔަތް ދެވެން ނެތް ކަމަށެވެ.

އޭގެ އިތުރުން ރޭ ދަންވަރު އަދީބު ވަނީ އޭނާ އެ ގައުމަށް އެތެރެވާން އުޅުނު ޓަގު ބޯޓުގައި، އިންޑިއާގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނާ އެކު ރާއްޖެ ގެނައުމަށް ފުރުވާލާފަ އެވެ. އިންޑިއާ އިން އަދީބު ޑީޕޯޓްކޮށްލަން ނިންމައި ރޭ ދަންވަރު އޭނާ ފުރުވާލި އިރު، ރާއްޖޭގެ ސަލާމަތީ ބާރުތަކާ އޭނާ ހަވާލުކުރީ ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ބޯޑަރު ކައިރިންނެވެ.

ފުލުހުން މިރޭ ޓްވިޓާގައި ބުނީ އަދީބު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މާލެ ގެނައުމަށް، ދަތުރު ކުރަމުން އަންނަ ކަމަށް ވެސް އެ ޓްވީޓްގައި ބުނެ އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.

ހިޔާލު