COVERAGE: Yameen ge sharee athuga heki bas negun miadhu
image
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގެ ތެރެއިން--
1 ކޮމެންޓް
 

ޔާމީންގެ ޝަރީއަތް: މުއައްވިޒުގެ ހެކި ބަސް ނަގައި ނިމިއްޖެ

ލައިވް ކަވަރޭޖް
13:54
04/08/2019
ދެން އޮންނަ ޝަރީއަތުގެ މަޖިލިހެއްގައި އިތުރު ހެކިބަސް ނެގޭނެ ކަމަށް ހައިލަމް ވިދާޅުވި. ނަމަވެސް ދެން އަޑުއެހުން އޮންނާނެ ދުވަހެއް ވިދާޅެއް ނުވޭ.
13:48
04/08/2019
ހެކި ބަސް ނަގައި ނިމިއްޖެ، ރިޕޯޓަކާއި ސްޓޭޓްމަންޓާއި ބެހޭ ގޮތުން އިތުރަށް ހެކި ބަސް ނެގުމަށް މުއައްވިޒު ހާޒިރު ކުރެވޭނެ ކަމަށް ހައިލަމް ވިދާޅުވެއްޖެ.
13:40
04/08/2019
މުއައްވިޒު: އެސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން ޔާމީން ބޭނުންވާކަން އޭސީސީއަށް އެންގީ އޭރުގެ އޭސީސީ ރައީސް ލުތުފީ މެދުވެރިކޮށް. އިސްލާމިކް ބޭންކުން ފުރިހަމަ އަށް އެއްބާރުލުމެއް ނުދޭ. އެސްކްރޯ އެއްބަސްވުން ހެދުމުގައި ބަންޑާރަ ނައިބުގެ ލަފައެއް ނުހޯދާ. ޔާމީނުގެ އެކައުންޓް ފްރީޒް ކުރަން އޭސީސީގައި މަޝްވަރާ ކުރި ނަމަވެސް ވަކި ގޮތަކަށް ނުނިންމަވާ.
13:38
04/08/2019
މުއައްވިޒު: އެސްއޯއެފުން ފޮނުވި ފައިސާ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކުރިކަން އޭސީސީ އަށް އެނގުނީ ޑިސެމްބަރު މަހު ލިބުނު އެސްޓީއާރަށް ފަހު.
13:37
04/08/2019
އެކްސްކްރޯ އެކައުންޓުގެ އެއްބަސްވުމުގެ މުއްދަތު މާޗް މަހުގެ ތެރޭގައި ހަމަވެފައިވާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި. އެ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމުނުތޯ ސުވާލު ކުރެއްވި. މުއައްވިޒު ވިދާޅުވީ ތަހުގީގު ނިމުނީ އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ އެހެން ފައިސާތަކަކަށް ވާތީ ކަމަށް.
13:30
04/08/2019
މުއައްވިޒު: ބޭންކު ނިޒާމުގައި އޮންނަ ގޮތުން އެއް ބޭންކުގައި ހުންނަ ފައިސާ އެހެން ބޭންކެއްގެ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް ގަބޫލުކުރަން.
13:27
04/08/2019
މުއައްވިޒު: ދެބޭފުޅުން، ހޭދަވި ވަގުތެއް ނޭނގޭ. ބައްދަލު ކުރީ ރައީސް އޮފީހުގައި މީޓިން ރޫމެއްގައި. އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް ގަބޫލު ކުރެވޭތީ އޭރު އެގޮތަށް އެދުނީ.
13:26
04/08/2019
ޔާމީން މުއައްވިޒާއި ސުވާލު ކުރަން ފަށައިފި.
13:22
04/08/2019
މުއައްވިޒު: އެސްކްރޯ އެއްބަސްވުމަކީ ވިތްޑްރޯ ކުރުމަކަށް ނޫން، ވަކި ކަމެއް ނިމެންދެން ފައިސާ ހޯލްޑު ކުރަން ކަމަށް އަޅުގަނޑަށް ބެލެވެނީ.
13:20
04/08/2019
މުއައްވިޒު: އެސްކްރޯ އެކައުންޓު އެއްބަސްވުމުގައި ވަކި ގޮތަކަށް އެއްބަސްވެފައި ވާނަމަ އެއާ އެއް ގޮތަށް އަމަލު ކުރަން ޖެހޭނީ.
13:18
04/08/2019
މުއައްވިޒު: ތަހުގީގު މަރުހަލާގައި ފުލުހުން ވިދާޅުވި ފަހަރެއްގައި ކޯޓަށް ހާޒިރުވާން ޖެހިދާނެ ކަމަށް. ކުރިން ވެސް އަޅުގަނޑު ވާނެ، އޭސީސީން ހިންގާ ތަހުގީގުތަކާއި ގުޅޭ ގޮތުން ނޫސްތަކަށް މައުލޫމާތު ދީފައި.
13:17
04/08/2019
މުއައްވިޒު: ތިން ފަހަރެއްގެ މަތިން އޭސީސީން ޔާމީނާއި ބައްދަލުކުރި، އެސްއޯއެފްގެ ފައިސާ ޔާމީނުގެ އެކައުންޓަށް ޖަމާވި ވާހަކަ އެންމެ ފުރަތަމަ ބައްދަލުވުމުގައި ޔާމީނާއި ވާނީ ހިއްސާކޮށްފައި.
13:12
04/08/2019
މުއައްވިޒު: އެސްކްރޯ އެކައުންޓުގައި ސޮއިކުރުމުގެ ކުރިން ތުހުމަތެއްގެ ގޮތަށް ކުރިއަކަށް ނުގެންދަން. އެއީ މައްސަލައާ ގުޅުން ހުރި ދެ ފަރާތެއް ރާޢްޖެއިން ބޭރުގައި ތިބުމުން، އެމީހުންނާއި ސުވާލުކުރުމަށް ފަހު ގޮތެއް ނިންމަން ވެގެން.
13:08
04/08/2019
މުއައްވިޒު: ޔާމީނުގެ ފަރާތުން ބަޔާން ހޯދުމުގައި ދަތިވުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން މަސައްކަތް ކުރިއަށް ގެންދިޔައީ. 2016 ވަނަ އަހަރު ހިނގި ކަމެއްގެ ބަޔާނެއް 2019 ގައި ދޭން ޖެހުނީ އެ ތާރީހުގައި ބަޔާނެއް ދޭން އެދުމުން.
13:05
04/08/2019
މުއައްވިޒު: އެސްއޯއެފްގެ މައްސަލަ އޭސީސީން ތަހުގީގެއް ނުކުރޭ. އޭސީސީން ބެލީ ރަށްތަކާއި ފަޅުތަކުގެ މައްސަލަ. އެސްއޯއެފަށް ފޯކަސް ކޮށްގެން ވަކި ތަހުގީގެއް ނުކުރޭ. އޭސީސީގެ މެންޑޭޓަކު ނޯވޭ ދައުލަތުގެ ކުންފުންޏެއް ނޫން ކުންފުންޏެއްގެ މައްސަލަ ބަލާކަށް، އޭސީސީގެ ގާނޫނުގައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުންގެ ކޮރަޕްޝަނުގެ ވާހަކަ.
13:02
04/08/2019
މުއައްވިޒު: އިންވެސްޓްމަންޓް އެކައުންޓަށް ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ޓްރާންސްފާކޮށްފައި ވަނީ އެކްސްކްރޯ އެކައުންޓު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން. އެކްސްކްރޯ އެކައުންޓެއް ހުޅުވުމުގެ ބަދަލުގައި ރައީސް ޔާމީންގެ އެކައުންޓު ހިފަހައްޓަން އެދިފައިނުވީ، ކޯޓު އަމުރެއް ހޯދަން އޭރު ދަތިތަކެއް ހުރީމަ.
12:59
04/08/2019
މުއައްވިޒު: ޔާމީނުގެ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާގެ ކަންކަން ވެރިފައި ކުރެވުނީ ޑިސެމްބަރު 2018 ގައި.
12:58
04/08/2019
މުއައްވިޒު: އެސްކްރޯ އެކައުންޓް ހުޅުވުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ހޯދަން ޖެހޭތީ އެކަން އެގޮތަށް ކުރިން. އެކަމުގައި ގާނޫނީ މައްސަލައެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ.
12:57
04/08/2019
މުއައްވިޒު: އޭސީސީން އަމަލު ކުރާ އުސޫލެއް އެއީ ދައުލަތުގެ އިސް ބޭފުޅުންނާއި ސުވާލު ކުރާއިރު ހާއްސަ އުސޫލަކުން އަމަލު ކުރުން.
12:54
04/08/2019
މުއައްވިޒު: މި މައްސަލައިގައި ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއް ކުރަން ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. އޭސީސީން އަމަލު ކުރާ އުސޫލަކީ ނޯޓިސް ދެނީ ފޯނުން އެދުމަށް ފަހު އެކަމާއި އިންކާރު ކުރާ ހާލަތެއްގައި. ޔާމީނުގެ ބަޔާނުގައި ފިންގަޕްރިންޓު ނުޖެހި ސީދާ ސަބަބެއް ނޭނގޭ، އެނގިފައި ވަނީ ޔާމީން އިންކާރު ކުރެއްވި، ތަހުގީގު ކުރިއިރު އަޅުގަނޑު ހުރިން.
12:53
04/08/2019
މުއައްވިޒު: ބަޔާން ނެގީ މައުލޫމާތު ސާފު ކުރާ ގޮތަށް، ތަހުގީގެއް ގޮތަކަށް ނޫން، ރިކޯޑިން ޑިވައިސްތައް މަނާކޮށްފައި އޮތީ ރައީސް އޮފީހުން އެދުވަހު.
12:53
04/08/2019
މުއައްވިޒު: އެއް އުސޫލަކުން އަމަލު ކުރަނީ. މި މައްސަލައިގައި ވެސް އެހެން.
12:52
04/08/2019
ޝާހް: އޭސީސީގައި މި ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާ އުސޫލާއި އެއް ގޮތަށްތޯ މިމައްސަލައިގައި ވެސް އަމަލު ކުރީ؟
12:51
04/08/2019
ސިޔާޒު: ސުވާލުތައް ބޮޑު ހުރީ ސްޓޭޓްމަންޓާއި، ކުރިން ބުނި ރިޕޯޓާއި ގުޅޭ ގޮތުން.
12:51
04/08/2019
ޝަރީއަތުން މިހާރު މަޝްވަރާ ކުރަމުންދާ ލިޔުމަކީ އެސްއޯއެފް އެކައުންޓުގެ ސްޓޭޓްމަންޓް.
12:49
04/08/2019
ހައިލަމް: އެހެން ދުވަހެއްގައި ހެކިވެރިޔާ ހާޒިރު ކުރާއިރު، އެ ލިޔުމާއި ގުޅޭ ގޮތުން ސުވާލު ކުރެވޭނެ.
12:46
04/08/2019
ދައުލަތުން އާއްމުކޮށް އަމަލު ކުރާ އުސޫލާއި ހިލާފަށް އަމަލު ކުރި ކަމަށް ވިދާޅުވެ، ހައިލަމް ވަނީ ވަކި ލިޔުމަކާއި ގުޅޭ ގޮތުން މިއަދު ސުވާލެއް ނުކުރެވޭނެ ކަމަށް.
12:44
04/08/2019
މުއައްވިޒު: އެ ބައްދަލުވުމުގައި ދެންނެވީ އެ ފައިސާ ދައުލަތަށް ލިބެން ޖެހޭނެ ކަމަށް ފެންނަ ކަމަށް، އެއީ އެ ފައިސާ އެކައުންޓަށް ވަދެފައި އޮތް ގޮތާއި މެދު ސުވާލު އުފެދޭތީ.
12:43
04/08/2019
މުއައްވިޒު: ދެ ފަހަރެއްގެ މަތިން މި މައްސަލައިގައި ޔާމީނާއި ބައްދަލުވި، ދެ ފަހަރު ވެސް އޭސީސީގެ އޭރުގެ ރައީސް ލުތުފީ ބައިވެރިވެވަޑައިގެންނެވި. ބައްދަލުވުން އޮތީ ރައީސް އޮފީހުގައި.
12:42
04/08/2019
ހައިލަމް ވަނީ އެ ސުވާލު ކުރުމުގެ ބޭނުމެއް އެބަ އޮތްތޯ ސުވާލު ކުރައްވައިފި. އެ ސުވާލު ކުރެވޭނީ ފަހުން ކަމަށް ހައިލަމް ވިދާޅުވުމުން އިތުރު ސުވާލުތަކައިގެން ކުރިއަށް ދާން ފަށައިފި.
12:42
04/08/2019
ސިޔާޒު: އޭސީސީގެ ރައީސްކަމަށް އައްޔަނު ކުރީ ފުލުހުންނަށް ބަޔާން ދިން ފަހުން ތޯ؟
12:39
04/08/2019
ދައުލަތުން ސުވާލުކޮށް ނިންމައިފި. މިހާރު ދިފާއަށް ސުވާލު ކުރުމުގެ ފުރުސަތު ދީފައި.
12:39
04/08/2019
މުއައްވިޒު: އެސްޓީއާރަށް ފަހު ތަހުގީގުކޮށް، އޭސީސީން ވަނީ ރިޕޯޓެއް އެކުލަވާލާފައި. ފުލުހުންނަށް ފޮނުވީ އެ ރިޕޯޓް.
12:38
04/08/2019
ޝަރީއަތުގެ މަޖިލީހުން ހުއްދަ ނުދެނީސް ދައުލަތުގެ ވަކީލުން ވާހަކަދައްކަވާ ކަމަށް ވިދާޅުވެ، ޔާމީން މައްސަލަ ޖެއްސެވުމުން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ހައިލަމް ވިދާޅުވެއްޖެ.
12:30
04/08/2019
ރައީސް ޔާމީން ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންފި.
12:25
04/08/2019
މުއައްވިޒު: އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެކައުންޓުން. އެއީ ޔާމީނުގެ އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި ފައިސާއެއް ނޫން. އެ ފައިސާ ވަނީ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށްފައި.
12:24
04/08/2019
މުއައްވިޒު: އެފްއައިޔޫ އިން އެސްޓީއާރެއް ދިނީމައި، އޭސީސީން ދިރާސާ ކުރި. ދެން އެނގުނީ އެއްބަސްވުމާއި އެއް ގޮތަށް ނޫން ކަން ފައިސާ ޖަމާ ކުރުމުގެ ކަންކަން ދިޔައީ، ދެން ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ.
12:23
04/08/2019
މުއައްވިޒު: އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން ވާނީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި ހުރި އެއް މިލިއަން ޑޮލަރު ކަމަށް އެއްބަސްވުމުގައި ވާނެ.
12:16
04/08/2019
މުއައްވިޒު: އެސްކްރޯ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، ނޮވެމްބަރު 2018 ގައި އެމްއެމްއޭގެ އެފްއައިޔޫ އިން އެއްބަސްވުމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރި.
12:15
04/08/2019
ހައިލަމް: މިއަދު ރިޕޯޓާ ގުޅޭ ގޮތުން ސުވާލެއް ނުކުރެވޭނެ. އެހެން ދުވަހަކުން ހެކިވެރިޔާ ހާޒިރު ކުރެވޭނެ ރިޕޯޓާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް.
12:15
04/08/2019
ޝާހް: ރިޕޯޓު ދިރާސާ ކުރަން ބޭނުންވާނެ ވަގުތެއް ދަންނަވާކަށް ނޭނގެ.
12:14
04/08/2019
އެ ލިޔުމެއް ދިފާއަށް ލިބިފައި ނެތް ކަމަށް ހައިލަމް ވިދާޅުވެއްޖެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އެހެންކަމަށް ވާ ނަމަ އޭގެ ކޮޕީއެއް ދެވިދާނެ ކަމަށް.
12:11
04/08/2019
ލިޔުންތަކުގެ ތެރޭގައި ރިޕޯޓު އޮތްތޯ ބެލުމަށް ދަނީ މަސައްކަތް ކުރަމުން.
12:09
04/08/2019
އެ ރިޕޯޓު ދިފާއަށް ލިބިފައި ނެތް ކަމަށް ބުނާ ވާހަކަ ދައުލަތުން ދޮގުކޮށްފި.
12:07
04/08/2019
އޭސީސީގެ ތަހުގީގު ރިޕޯޓު މުއައްވިޒަށް ދައްކާލަން މަސައްކަތް ކުރަނީ. އެއީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅީ އެ ރިޕޯޓުތޯ ކަށަވަރު ކުރަން.
12:06
04/08/2019
މުއައްވިޒު: އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފަށް ދިޔަކަމާއި، އެތައް ބަޔެއްގެ އެކައުންޓަށް އެ ފައިސާ ދިޔަ ކަމާއި، ޔާމީނުގެ އެކައުންޓަށް ވެސް އެ ފައިސާ ދިޔަ ކަމާއި، އެކަމަކު އެ ފައިސާ އަނބުރާ ދައުލަތަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނިން. ޔާމީން ވިދާޅުވީ އެއީ އަދީބު އެމަނިކުފާނަށް ދޭން ޖެހޭ ފައިސާ ކަމަށް.
12:04
04/08/2019
މުއައްވިޒު: އޭރު ޔާމީން ވިދާޅުވީ އެއީ އަދީބު ޖަމާކޮށްދޭން ޖެހޭ ފައިސާއެއް ކަމަށް، އެއީ ކޮން ތަނަކުން ކޮން ގޮތަކުން ލިބުނު ފައިސާއެއް ކަމަށް ނޭނގޭ ކަމަށް ވިދާޅުވި.
12:02
04/08/2019
މުއައްވިޒު: 2017 ވަނަ އަހަރުގެ ކުރީކޮޅު ޔާމީނުގެ ބަޔާން ނެގީ. އެފަހަރު ފާހަގަވީ ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެސްއޯއެފުން ކަން.
12:02
04/08/2019
މުއައްވިޒު: މީގައި މިއޮތީ ހަ ޓްރާންސެކްޝަން. އޭސީސީ އަށް ލިބުނީ ތިން ޓްރާންސެކްޝަން ހިމެނޭ ސްޓޭޓްމަންޓެއް.
12:00
04/08/2019
އައިޝަތު: ދައުލަތުން ސްޓޭޓްމަންޓް ސައްހަކަން ކަށަވަރު ކުރާކަށް ނޫން މި މަސައްކަތް ކުރަނީ. ދެންމެ ދެއްކެވި ވާހަކަތަކަށް ބިނާކޮށް، ސާފު ކުރަން މި އުޅެނީ އޭސީސީގެ ތަހުގީގަށް ލިބުނު ސްޓޭޓްމަންޓުތޯ އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތީ ކަށަވަރު ކުރަން.
12:00
04/08/2019
ޝާހް: ސްޓޭޓްމަންޓުގެ ސައްހަކަން ކަށަވަރު ކުރަން ހާޒިރު ކުރި ހެކިވެރިއެއް ނޫން އެއީ. އެހެންވެ އެގޮތަށް އެކަން ނުކުރެވޭނެ.
11:59
04/08/2019
އެކައުންޓް ސްޓޭޓްމަންޓް މުއައްވިޒަށް ދައްކާލައިފި.
11:58
04/08/2019
މުއައްވިޒު: އެކަން ވެރިފައި ކުރުމަށް އެމްއައިބީގެ ޔާމީން އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން މަސައްކަތް ކުރީ، ދަތިތަކެއް ދިމާވި، ދެން ރައީސް އޮފީސް މެދުވެރިކޮށް ހޯދީ. ބައެއް ފަރާތްތަކާއި ސުވާލު ކުރެވުނު، ކުރީގެ އެމްއެމްޕީއާރްސީގެ އެމްޑީ އަދި ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަދި 2016 ވަނަ އަހަރު ޔާމީނުގެ ބަޔާނެއް ނަގަން މަސައްކަތްކޮށް، ނެގުނީ 2017 ވަނަ އަހަރު.
11:57
04/08/2019
އޭސީސީން ދެން އަމަލު ކުރެއްވީ ކިހިނެއްތޯ؟
11:57
04/08/2019
މުއައްވިޒު: ދެ ޗެކަކުން ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވި. ފާހަގަވީ 2016 ވަނަ އަހަރު ޔަގީންވީ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި ޖަމާވި ކަމަށް.
11:56
04/08/2019
ޔާމީނާއި މިއިން އެއްވެސް ކަމަކާއި ގުޅުމެއް އޮތްކަން ފާހަގަވިތޯ؟
11:55
04/08/2019
މުއައްވިޒު: މިއަދުގެ މައްސަލަ ފާހަގަވީ އެމްއެމްޕީއާޜްސީން ދޫކުރި ރަށްތަކާއި ފައިސާގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު، އެސްއޯއެފަށް ޖަމާވި ގޮތް ތަހުގީގު ކުރަމުން ދިޔައިރު، އޭސީސީ އަށް ލިބުނު މައުލޫމާތު ތަހުގީގު ކުރަމުން ދަނިކޮށް.
11:55
04/08/2019
އެމްއެމްޕީއާރްސީ ކޮރަޕްޝަން އޭސީސީއާށް ފާހަގަވީ ކޮން އިރަކުތޯ؟
11:54
04/08/2019
މުއައްވިޒު ގެންދަނީ މިހާރު ހުރި މަގާމާއި، ކުރިން ހުރި މަގާމު ބަޔާންކޮށްދެއްވާފައި އަދި ހުރި މުއްދަތު ވެސް ސާފުކޮށްދެއްވާފައި.
11:54
04/08/2019
މުއައްވިޒަށް މައްސަލަ ސާފުވާ ކަމަށް ވިދާޅުވެއްޖެ.
11:53
04/08/2019
ދައުލަތުން ސުވާލު ކުރަން ފަށައިފި.
11:53
04/08/2019
މުއައްވިޒު ތެދު ބަހުން ހެކި ބަސް ދިނުމަށް ހުވާ ކުރައްވައިފި.
11:52
04/08/2019
ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު.
11:51
04/08/2019
އެތަނުން އެއް ބޭފުޅަކު ރާއްޖޭގައި ނެތް. އެހެންވެ އެއް ދުވަހެއްގައި ހެކި ބަސް ނެގުމަށް އުނދަގޫ ކަމަށް ހައިލަމް ވިދާޅުވި.
11:50
04/08/2019
ޝާހް: އޭސީސީގެ ދެ ފަރާތެއް ހުށަހަޅާފައި ވާއިރު، އެއް ކަމެއް ސާބިތު ކުރަން ދެ ހެކި ވެސް ހުށަހަޅާފައި. ދެ ދުވަހެއްގެ މަތިން ހެކިބަސް ނަގާއިރު، އޭގެން މައްސަލަތަކެއް ނިކުންނާނެ.
11:50
04/08/2019
ހައިލަމް: ޝަރީއަތުން ވާނީ ހެކި ބަސް ނެގުމަށް ނިންމާފައި، ހެކި ބަސް ނަގާއިރު، އިތުރު ކަމެއް ފާހަގަ ކުރަން ޖެހޭ ނަމަ އެ ފުރުސަތު ލިބޭނެ.
11:49
04/08/2019
އޭސީސީގެ ފަރާތްތަކުގެ ހެކިބަސް ނެގުމަށް އިއުތިރާޒް ކުރާ ކަމަށް ދިފާއީ ވަކީލު ސާހު ވިދާޅުވެއްޖެ.
11:49
04/08/2019
ހެކި ބަސް ނެގުމަށް ތައްޔާރުވެއްޖެ. މިއަދު ހާޒިރުކުރީ އެންމެ ހެއްކެއް.
11:44
04/08/2019
ދިފާއުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ހައިލަމް ނިންމަވައިފި.
11:40
04/08/2019
އައިޝަތު: ނޫސް ބަޔާން ހެއްކެއްގެ ގޮތުގައި ހުށަހެޅީ އަލް ޖަޒީރާގެ ޑޮކިޔުމެންޓަރީ ބައްލަވާފައި ތޯ؟ ސްޓީލިން ޕެރެޑައިޒް ގައި ދައްކަނީ ރަށްތަކުގެ ފައިސާއެއްގެ ވާހަކައެއް އެކަންޏެއް ނޫން، މާރުކުރި ފައިސާތަކުގެ ވާހަކައެއްވެސް ވޭ. އެހެންވެ، ހަމައެކަނި މި މުއާމަލާތުން ހޯދި ފައިސާއަކީ މަނީ ލޯންޑާ މެދުވެރިކޮށް ހޯދި ފައިސާ ނޫން ކަމަށް އެ ނޫސް ބަޔާނުން ކަނޑައެއް ނޭޅޭނެ.
11:39
04/08/2019
ހެކީގެ ގޮތުގައި އެމްއެމްއޭގެ ނޫސް ބަޔާނެއް ހުށަހަޅާތީ ހައިލަމް ސުވާލު ކުރައްވައިފި. ނޫސް ބަޔާނާއި ދައުވާއާ އޮތީ ކޮން ގުޅުމެއްތޯ ސާފު ކުރައްވަން ހައިލަމް ބޭނުންވެވަޑައިގަންނަވާ.
11:38
04/08/2019
ހައިލަމް: އެއް ދުވަހެއްގައި ހެކި ބަސް ނެގުމަކީ އުނދަގޫ ކަމެއް. ދައުލަތުން އެދެނީ ވެސް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދަން. މިއަދު ނަގަނީ އެންމެ ހެއްކެއްގެ ހެކި ބަސް، އެއީ ތިން ފަރާތަކަށް ހާޒިރުވެވެން ނެތީމައި.
11:37
04/08/2019
ޝާހް: ދައުލަތުގެ ހުރިހާ ހެކިވެރިން އެއް ދުވަހެއްގައި ހާޒިރުކޮށް ހެކި ބަސް ނެގުމަށް އެދެން. އެއީ ދައުވާ ލިބޭ މީހާގެ މަސްލަހަތު އޮތީމައި.
11:35
04/08/2019
ޝާހް: ދެ ކިތާބީ ހެކި ވެސް ހުށަހަޅަން. އެއީ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރިން އަމަލެއް ނުހިންގާކަން ސާބިތު ކުރަން އެމްއެމްއޭ ނޫސް ބަޔާނަކާއި، އެސްއޯއެފް މެދުވެރިކޮށް ހިންގި ވިޔަފާރި މުއާމަލާތްތަކުގެ ތެރެއިން ހޯދި ހުރިހާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނޫންކަމަށް ކޯޓުން ކޮށްފައިވާ ހުކުމެއް.
11:35
04/08/2019
ޝާހް: ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް.
11:24
04/08/2019
އައިޝަތު ވިދާޅުވީ ތަފްސީލްކޮށް ޖަވާބުދޭން ޖެހެނީ ސީދާ ޖަވާބެއް ދީފި ނަމަ، މާނަ އޮޅުމުގެ ފުރުސަތު އޮތުމުން ކަމަށް. އެހެން ވިދާޅުވުމުން ހައިލަމް ވަނީ ތަފްސީލްކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދީފައި.
11:23
04/08/2019
އެ ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު ވާހަކަދައްކަން ފެށުމުން ހައިލަމް ވިދާޅުވީ ސީދާ ސުވާލަށް ޖަވާބު ދެއްވުމަށް.
11:15
04/08/2019
އެ ހަތަރު ކަމަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ކޯޓަކުން އެސްއޯއެފްއާއެކު އެއްވެސް ފަރާތަކުން ހިންގާ މުއާމަލާތަކީ މަނީލޯންޑަރިން ކަމަށް ނިންމާފައިވާ ކަމާއި އެސްއޯއެފްއަކީ މަނީލޯންޑަރިން ކުރާ ކުންފުންޏެއްކަން ނިންމާފައި ވޭތީ ބެލުމާއި، އެއް މިލިއަން ޑޮލަރު ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވި އިރު އެސްއޯއެފް އެކައުންޓުގައި އިތުރު ފައިސާއެއް ހުރިތޯ ސާފު ކުރުމާއި، އެ ކުންފުނިން ހިންގި ހަމައެކަނި މުއާމަލާތަކީ އެއީތޯ އާއި ބީއެމްއެލްގެ ޗެކްތަކެއް ޖަމާވި އިރު އެމްއެމްއޭއިން އެއްވެސް އިރެއްގައި އެމްއެމްއޭ މެދުވެރިކޮށް ބަޔަކު މަނީ ލޯންޑާ ކުރާ ކަމަށް ވިދާޅުވިތޯ އާއި އެސްއޯއެފް އާއި އެމްއެމްޕީއާރްސީގެ ދެމެދުގައި ހިނގި މުއާމަލާތްތަކުގެ ތެރެއިން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން އެއްވެސް ގޮތެއް ނިންމާފައިވޭތޯ ބެލުން.
11:13
04/08/2019
ޝާހު: އެ އަޑުއެހުމުގައި ސާފުކޮށްފައި ނުވާ ހަތަރު ކަމެއް އެބަ އޮތް.
11:13
04/08/2019
ހައިލަމް: އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ކަންކަން ސާފުކޮށްދީފައި، އިބްތިދާއީ މަރުހަލާގައި ގޮތް ކަނޑައެޅިފައިވާ ކަންކަމާއި މެދު މި މަރުހަލާގައި ވާހަކައެއް ނުދެއްކޭނެ.
11:11
04/08/2019
ދިފާއީ ވަކީލް ޝާހް: ދިފާއު ބިނާ ކުރުމުގައި ހުރަސްތަކެއް އެބަ ހުރި. އެއީ ބައެއް ކަންކަން ސާފު ނުވާތީ، އެކަންކަން ސާފުކޮށްދޭން ދައުލަތުން އެބަ ޖެހޭ.
11:10
04/08/2019
ހައިލަމް: ޖޭއެސްސީން އަޅުގަނޑުގެ މައްސަލައެއް ބަލާ ކަމެއް އަންގާފައެއް ނެތް. އެހެންވީމާ ތަނާޒުއުލް ވާން ޖެހޭ ކަމަކަށް ނުބެލެވޭ. ގާޒީންގެ ބެންޗެއް ކަނޑައެޅުމަކީ އިސް ގާޒީއަށް ލިބޭ އިހުތިޔާރަކަށް ވާއިރު، މި ޝަރީއަތް އިންސާފުވެރިކަމާއެކު ދާނެ ކަމަށް ފެންނާތީ ގާޒީންގެ ބެންޗެއް އެކުލަވާލަން މިވަގުތު ޖެހޭ ކަމަކަށް ނުފެނޭ.
11:06
04/08/2019
ސިޔާޒް: ޖުޑީޝަލް ސާވިސް ކޮމިޝަނުން މައްސަލައެއް ބަލަމުން ދާއިރު، މައްސަލަ ބެއްލެވުމުގައި ހައިލަމް އިންނެވުމަކީ ރަނގަޅު ގޮތް ކަމަށް ނުބެލެވޭ. އެހެންވެ ގާޒީންގެ ބެންޗެއް އެކަށައަޅަން ޖެހޭ ކަމަށް ބެލޭ. އަދި މިކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބެލެވޭ.
11:06
04/08/2019
ސިޔާޒް: އުސޫލުގެ ކޮޕީ ލިބޭނެ ކަމަށް އުއްމީދު ކުރަން.
11:05
04/08/2019
ހައިލަމް: ކޯޓުން ކަނޑައެޅީ ކޯޓުގެ އެތެރޭގައި އަމަލު ކުރާނެ އުސޫލެއް.
11:03
04/08/2019
އާއްމުކޮށް ދުރަށް ފެންނަ ގޮތަށް ޝަރީއަތް ކުރުމާއި ގުޅޭ ކޮން މާއްދާއެއްތޯ ގާޒީ ސުވާލު ކުރައްވައިފި. ލައިވް ކުރެވެމުން ދަނީ އުސޫލެއް ކަނޑައަޅާ، ފާސްކޮށްގެން ކަމަށް ކުރީގެ އަޑުއެހުމުގައި ފާހަގަކޮށްފައި ވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވެއްޖެ.
11:01
04/08/2019
ސިޔާޒް: ދެވަނަ ކަމަކަށް މި މައްސަލައިގައި ކޯޓުން ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައި. ޝަރީއަތުން ބައެއް ޓީވީން ދައްކާއިރު، އެކަމަށް އުސޫލެއް އާއްމު ކުރަން ޖެހޭ. އެކަމަކު ކޯޓުގެ ވެބްސައިޓުން ފެންނާކަށް ނެތް. އެކަމާއި އިއުތިރާޒެއް ނުކުރަން. އެކަމަކު ތަފާތު ނުކުރުމާއި ހަމަހަމަ ކުރުމުގެ ހައްގަށް ބަލާއިރު، އެކަން ފާހަގަކުރެވޭ.
11:00
04/08/2019
ސިޔާޒް: ފުރަތަމަ ތަފާތަކީ ތުހުމަތު ކުރެވޭ މީހާއަށް ރެފެރެންސް ނަމްބަރެއް ދީފައި ވަނީ. ދައުވާ ހުށަހަޅާ ފޯމުގައި އިގުރާރު ކިޔާ ބައެއް ވަނީ އިތުރުކޮށްފައި. ފޯމުގެ ތިރީގައި އޮންނަން ޖެހޭ ރައްދުވާ ކޯޓުގެ ނަމެއް ނެތް.
11:00
04/08/2019
ސިޔާޒް: ދައުވާ ހުށަހެޅި އިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވާ ފޯމާއި، ދައުވާ ހުށަހަޅާ ފޯމުގައި ގިނަ ތަފާތުތަކެއް އެބަ ހުރި.
10:58
04/08/2019
ވަކީލު ސިޔާޒު ވިދާޅުވީ، ދިފާއު ބިނާވަނީ ދެ ކަމެއްގެ މައްޗަށް ކަމަށް. އެ ވާހަކަ ދައްކަވާނީ ދިފާއީ ވަކީލު އަލީ ޝާހު.
10:55
04/08/2019
ގާޒީ ހައިލަމް ކޯޓު ރޫމަށް ވަދެވަޑައިގެން، ޝަރީއަތުގެ މަޖިލިސް ފައްޓަވައިފި.
10:55
04/08/2019
އެމަނިކުފާނު ހުންނެވީ ހުދު ކުލައިގެ ގަމީހެއް ތުރު ކުރައްވައިގެން.
10:54
04/08/2019
ޔާމީން ވެސް ކޯޓު ރޫމަށް ވަޑައިގެންފި.
10:54
04/08/2019
އެއީ އާދަމް އާސިފް، އާދަމް ޝަމީމް އަދި އަބްދުﷲ ސިޔާޒުގެ އިތުރުން މިއަދުގެ އަޑުއެހުމަށް އަލަށް ވަޑައިގެންނެވި ވަކީލެއް.
10:52
04/08/2019
ޔާމީނުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ބޭފުޅުން ތިއްބަވާ.
10:52
04/08/2019
ދިފައީ ވަކީލުންގެ ޓީމުން ވެސް މިހާރު ކޯޓު ރޫމަށް ވަޑައިގެންފި.
10:52
04/08/2019
ދައުލަތުގެ ވަކީލުންގެ ޓީމުގެ ދެން ހިމެނެނީ ދެ ފިރިހެން ވަކީލުން.
10:51
04/08/2019
ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި އެ ވަކީލު ވަނީ ޝަރީއަތުގެ މަޖިލިހެއްގައި އެމަނިކުފާނާއި ގުޅޭ ގޮތުން ދޮގު ހައްދަވާފައި.
10:50
04/08/2019
ދައުލަތުގެ ސީނިއާ ޕްރޮސެކިއުޓާ އައިޝަތު މުހައްމަދާއި ދެކޮޅަށް ޔާމީން މިދިޔަ ހަފްތާގައި ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވާފައި.
10:50
04/08/2019
އެ ޓީމުގައި ތިއްބަވަނީ ތިން ވަކީލުން.
10:48
04/08/2019
ދައުލަތުގެ ވަކީލުންގެ ޓީމު ކޯޓު ރޫމަށް ވަޑައިގެންފި.
10:46
04/08/2019
ނޫސްވެރިންނާއި އާއްމުންގެ މަދު ބަޔަކު އެތަނުގައި ތިބިއިރު، ކޯޓު ރޫމު ތައްޔާރު ކުރުމުގެ މަސައްކަތް ކޯޓު އޮފިސަރުން ދަނީ ކުރަމުން.
10:41
04/08/2019
މިވަގުތު ކޯޓު ރޫމުގައި މާ ގިނަ ބަޔަކު ނެތް.
10:40
04/08/2019
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއެކު އިދިކޮޅު ތާއީދު ކުރާ ބައެއް ފަރާތްތަކުން މަޑުކޮށްގެން ތިބީ ކޯޓު ކުރިމަތިން ޕޭމަންޓު މަތީގައި.
10:38
04/08/2019
ކޯޓު ސަރަހައްދުގައި ޔާމީނުގެ ބައެއް ސަޕޯޓަރުން އެބަ ހަރަކާތްތެރިވޭ.
10:38
04/08/2019
ދައުލަތުގެ ވަކީލުން ވެސް ދެންމެ ކޯޓަށް ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބޭ.
10:36
04/08/2019
މައުލޫމާތު ލިބޭ ގޮތުގައި ޔާމީން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކޯޓަށް ވަޑައިގެންފައި.
10:35
04/08/2019
ކްރިމިނަލް ކޯޓު ސަރަހައްދަކީ މި ގަޑީގައި ޓްރެފިކް ބާރު ބޮޑު ސަރަހައްދެއް. ޓްރެފިކް ފުލުހުން ވެސް ދަނީ އެތަނުގައި ހަރަކާތްތެރިވަމުން.
10:24
04/08/2019
ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތައްޔާރުވަމުން ދާއިރު، ކޮންމެވެސް ވަރަކަށް ކްރިމިނަލް ކޯޓު ސަރަހައްދުގައި މީހުން އެބަ އުޅޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ފަށަން ތައްޔާރުވެއްޖެ އެވެ.
މިއަދުގެ އަޑުއެހުން ވެސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައި ވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ޝަރީއަތެއް ޓީވީން ދައްކާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ އަހްމަދު ހައިލަމް ވިދާޅުވެފައި ވަނީ މިއަދު އޮންނަ އަޑުއެހުމުގައި ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

ދައުލަތުގެ ހެކިވެރިންނަކީ ހަސަން ލުތުފީ، މުއައްވިޒު ރަޝީދު، މުހައްމަދު ވަސީމް އިސްމާއިލް، އަހްމަދު އަދީބު، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް، މުހައްމަދު ޝަރީފު އަދި އަބްދުﷲ ޒިޔާތު އެވެ. އޭގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނޭ ހަސަން ލުތުފީ އާއި އަހްމަދު އަދީބުގެ ހެކި ބަސް މިއަދު ނަގާނެ ކަމަށް ނުބެލެވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ލުތުވީ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި އަދީބު ރާއްޖެ އިން ފިލަން މަސައްކަތް ކުރަނިކޮށް، އިންޑިއާ އިން ހިފަހައްޓާ، އަނބުރާ ރާއްޖޭގެ ސިފައިންނާއި ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އަދީބު އަދި މާލެ ގައިނަކެއް ސާފެއް ނޫނެވެ.

އެންމެ ފަހުން އޮތް އަޑުއެހުމުގައި ދިފާއުން ހުށަހެޅި ފަސް ހުށަހެޅުން ބަލައިގަނެފައި ނުވާއިރު، ދައުލަތުން ހުށަހެޅި އާ ދެ ހެކިން ވެސް ބަލައި ނުގަންނަން ނިންމި އެވެ. އެދުވަހުގެ އަޑުއެހުމުގައި ޔާމީން ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހިޔާލު

ކޮވެލި

ލައިވް ކުރާތީ ޖެހިލުން ވީތޯއެވެ. ތިޔައީ މެންދުރުގެ އިރު ފެންނަފަދައިން ސާފު މައްސަލައެކެވެ. ޔާމީނުވަނީ އޭނާގެ އެކައުންޓަށް ވަން ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށްފައެވެ. އަދި އޭސީސީއިން ކޮރަޕްޝަނުގެ ފައިސާ ކަމަށް ސައްކުކުރެވޭއޭ ބުނެފައިވަނިކޮށް 1 މިލިޔަން ޑޮލަރު އިންވެސްޓުކޮށް އިން ނަފާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.