BREAKING: Adeeb adhives nugenevey kamah fuluhun bunefi
image
އަހްމަދު އަދީބު-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

އަދީބު އަދިވެސް ނުގެނެވޭ: ފުލުހުން

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިއާ އަށް ދިޔުމުން އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި، ރާއްޖެ އަށް އަނބުރާ ފޮނުވާލުމުން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެނައި ހަބަރު ފުލުހުން ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ފުލުހުންނާއި ހަވާލަދީ މިއަދު ހެނދުނު ރިޕޯޓު ކުރި ގޮތުގައި އަދީބު މިހާރު ހުރީ ދޫނިދޫގަ އެވެ.

އެކަމަކު ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މީޑިއާތަކަށް ދެންމެ ވިދާޅުވީ އަދީބު އަދިވެސް ނުގެނެވޭ ކަމަށެވެ. އަދި އަދީބު ގެނެވުނުހާ އަވަހަކަށް އެކަން އަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން "ވާގޯ 6" ކިޔާ ޓަގެއްގައި ސިއްރުން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ބުރާސްފަތި ދުވަހު އަދީބު ހިފެހެއްޓި އިރު އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ އިންޑިއާ އިން ހިމާޔަތް ހޯދުމަށް އެދިފަ އެވެ. އެކަމަކު އިންޑިއާ އިން ނިންމާފައިވަނީ އަދީބު އެ ގައުމަށް އެތެރެވެފައި ނުވާތީ ހިމާޔަތް ދެވެން ނެތް ކަމަށެވެ.

އޭގެ އިތުރުން ރޭ ދަންވަރު އަދީބު ވަނީ އޭނާ އެ ގައުމަށް އެތެރެވާން އުޅުނު ޓަގު ބޯޓުގައި، އިންޑިއާގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނާ އެކު ރާއްޖެ ގެނައުމަށް ފުރުވާލާފަ އެވެ. އިންޑިއާ އިން އަދީބު ޑީޕޯޓްކޮށްލަން ނިންމައި ރޭ ދަންވަރު އޭނާ ފުރުވާލި އިރު، ރާއްޖޭގެ ސަލާމަތީ ބާރުތަކާ އޭނާ ހަވާލުކުރީ ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ބޯޑަރު ކައިރިންނެވެ.

އަދީބުގެ މައްޗަށް އިއްވާަަފައިވާ ޖަލުހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.
ހިޔާލު