Hekinnah biru dhekkumakee Siyaasee vaadha verin nahthaalumah hingaa jareemaa eh: Idhikolhu
image
ޕީޕީއެމް ޕީއެންސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް--
1 ކޮމެންޓް
 

ހެކިންނަށް ބިރު ދެއްކުމަކީ ސިޔާސީ ވާދަވެރިން ނައްތާލަން ރާވައިގެން ހިންގާ ޖަރީމާއެއް: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހެކިވެރިންނަށް ބިރުދެއްކުމަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ މުހިއްމު އެއް ހެއްކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށެވެ. އަދި ލުތުފީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރު ދެއްކި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ކޯލިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ބަޔާނުގައި ބުނީ ހޯމް މިނިސްޓަރުގެ އެ އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތާއި މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގުޅިގެން ގާނޫނާއި ހިލާފަށް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ދައުވާއެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭސީސީގެ ކުރީގެ ރައީސަށް ހޯމް މިނިސްޓަރު ބިރުދެއްކި ކަމަށް ބުނާ އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސަންގު ޓީވީ އަށް ލުތުފީ ދެއްވި އިންޓަވިއުއެއްގައި ރޭ ވިދާޅުވީ އޮފީހަށް ނިކުމެއްޖެ ނަމަ ޖަލަށް ލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ދެއްވި ކަމަށެވެ. ލުތުފީ ވިދާޅުވީ އޭސީސީގައި އޭނާ މަސައްކަތް ކުރެއްވި އިރު އިމްރާން އޭސީސީގެ އޮފީހަށް ވަޑައިގެން ހައްޔަރުކުރައްވާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ފްރޭމްކޮށްގެން ވެސް އެކަން ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވި އެވެ.
ހިޔާލު

އަހައްމާ

ސިޔާސީ ވާދަވެރީން ތޯ ؟ އެމް އެމް ޕީ އާރުސީގެ ފައިސާ ވަގަށްނަގައިގެން އަދި ނުހައްގުން އެފައިސާ ކައިގެން ދިރިއުޅޭ މީހުން ތޯ ؟