Muavviz ge javaabu thakun anehkkaa ves Ithuru suvaalu thakeh
image
މިއަދުގެ އަޑުއެހުމުގައި މުއައްވިޒު ހެކިބަސް ދެއްވަނީ --
0 ކޮމެންޓް
 

ރައީސް ޔާމީން މުއައްވިޒާއި ކުރެއްވި ސުވާލުތަކުން އަނެއްކާވެސް މައްސަލައެއް އިތުރު ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުލަތުން ކުރާ ދައުވާގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދައުވާ ރައްދުވާ ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ދެއްވި ޖަވާބުތަކުން މި މައްސަލައަށް ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެއީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދެވެ. ނަމަވެސް ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ޖަމާ ކުރިއިރު އަދި އޭރު އޭސީސީން އެ މައްސަލަ ތަހުގީގު ކުރިއިރު އޭނާ ހުންނެވީ އޭސީސީގެ ނާއިބު ރައީސަކަށެވެ.

މިއަދު ހެނދުނު 10:30ގައި ފެށި މި އަޑުއެހުމުގައި ތަފާތު ގިނަ ވާހަކަތަކެއް ދެފަރާތުންވެސް ދެއްކިއެވެ. ހާއްސަ ގޮތެއްގައި ދައުލަތުން ހުށަހެޅި ހެއްކަށް ދައުލަތުގެ ފަރާތުންވެސް އަދި ދައުވާ ރައްދުވާ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ވަނީ ގިނަ ސުވާލުތަކެއް މުއައްވިޒުއާ ކުރައްވާފައެވެ. ނަމަވެސް މުއައްވިޒުގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވީ އެހާ ޔަގީން ކަމާއި އެކުގައެއް ނޫނެވެ.

ދައުލަތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއައްވިޒު އެންމެ ފުރަތަމަވެސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާ އެސްއޯއެފަށް ޖަމާވިގޮތް އޭސީސީން ތަހުޤީޤު ކުރަމުން ދަނިކޮށް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ރައީސް ޔާމީން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު 2015ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަމާވިކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ފައިސާ ޖަމާވެފައި ވަނީ ދެ ފަހަރެއްގެ މަތިން ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން 2016 ވަނަ އަހަރު އޭސީސީއަށް ޔަގީން ކުރެވުނު ކަމަށެވެ.

މުއައްވިޒު ވިދާޅުވީ އެކަން ވެރިފައި ކުރުމުގެ ގޮތުން ރައީސް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓުމަންޓެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓެއް މުއައްވިޒާއި ހިއްސާ ކުރައްވާ އެއީ ހަމަ އެއް ސްޓޭޓުމަންޓެއްތޯ ޔަގީން ކުރައްވާފައެވެ. އަދި އެ ސްޓޭޓްމަންޓު ޗެކު ކުރުމަށްފަހު މިހާރު އިތުރު ޓްރާންސިކްޝަންތަކެއް ހުރިކަން މުއައްވިޒު ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިން ކޮށްފައިވާ ޓްރާންސިކްޝަންތަކުން އެއީ ހަމަ އެ އެކައުންޓުގެ ސްޓޭޓުމަންޓުކަން ޔަގީން ކުރެވޭ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

ދައުލަތުން ވަނީ އެ މައްސަލާގައި ރައީސް ޔާމީނާއި އެއްވެސް ސުވާލުތަކެއް ކުރިމަތި ކުރުވިންތޯ އައްސަވާފައެވެ. ޖަވާބުގައި މުއައްވިޒު ވިދާޅުވީ ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމަށް ވަޑައިގަތީ އެއްވެސް ރެކޯޑް ކުރެވޭ އެއްޗެއް ނުވައްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރީ އެއީ އެފަދައިން އަމަލު ކޮށްދިނުމަށް އަންގާފައިވުމުން ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ. މުއައްވިޒު ވިދާޅުވީ ވަކި ލެވްލްއެއްގެ ބޭފުޅުންގެ އަރިހަށް ވަޑައިގެން އޭސީސީން ސުވާލު ކުރުމަކީ ގެންގުޅޭ އުސޫލެއް ކަމަށެވެ.

"އެ ބައްދަލުވުމުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރިން، އަދި އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ހަވާލުކުރުން ކަމަށް ދެންނެވިން،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ އެދުވަހުގެ ބައްދަލުވުމުގައި އެ ފައިސާއަކީ ރައީސް ޔާމީންގެ ސިޔާސީ އެކިއެކި ކަންކަމުގައި ލިބިފައިވާ ފައިސާއެއް ކަމާއި އެ ފައިސާތައް ހުރީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އަތުގައި ކަމަށް ވިދާޅުވި ކަމަށެވެ. އަދި ފަހުން އެ ފައިސާ ޖަމާ ކޮށްދިނުމަށް އަދީބަށް ދެންނެވުމުން އެ ފައިސާ ޖަމާ ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމާއި އެ ފައިސާ ޖަމާވީ ކޮން އެކައުންޓަކުންކަން ނުބައްލަވާ ކަމަށް ރައީސް ޔާމީން އެދުވަހުގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ އެކްސްކްރޯ އެކައުންޓެއް ހުޅުވަން އެންގީ ސީދާ އޭސީސީން ނޫން ކަމަށެވެ. އެކަން އޭސީސީގެ ސަމާލު ކަމަށް ގެންނެވީ އެ ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށްވެސް ދައުލަތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވިއެވެ.

ދައުލަތުގެ ސުވާލުތަކަށްފަހު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުންވެސް ގިނަ ސުވާލުތަކެއް ކުރެއްވިއެވެ. ނަމަވެސް ޝައުގުވެރިވެގެން ދިޔައީ ރައީސް ޔާމީން މުއައްވިޒާއި ގިނަ ސުވާލުތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ތެދުވެޑައިގަތް ކުރެއްވި ސުވާލުތަކުންނެވެ. ރައީސް ޔާމީންގެ ފުރަތަމަ ސުވާލުތައް ހުންނެވީ ވަރަށް ކުރުކޮށެވެ. ނަމަވެސް މަޑުމަޑުން އެމަނިކުފާނު މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތް މުއައްވިޒަށް ގިނަ ސުވާލުތަކެއް ކުރެއްވިއެވެ.

ހާއްސަ ގޮތެއްގައި އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށްފަހު އެމްއައިބީގައި ހުރި ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކުރި ކުރުމާއި އެކްސްކްރޯ އެކައުންޓުގެ އެގްރީމަންޓާއި ގުޅޭގޮތުން ރައީސް ޔާމީން ގިނަ ސުވާލުތަކެއް މުއައްވިޒާއި ކުރެއްވިއެވެ. އަދި އެ އެއްބަސްވުމާއި އެއްގޮތަށް ރައީސް ޔާމީން އަމަލު ކުރައްވާފައި ނުވާ ކަމަށް ވިދާޅުވުމުން ރައީސް ޔާމީން ވަނީ އެ އެއްބަސްވުމަށް އޭސީސީން އަމަލު ކުރެއްވިންތޯ ސުވާލު ކުރައްވާފައެވެ. އެ އެއްބަސްވުމުގައި 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމައްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ 12 މަސް މިދިޔަ މާޗް މަހަށް ވަނީ ހަމަވެފައިވާއިރު މުއައްވިޒު ވިދާޅުވީ އެ 12މަސް ޖޫން މަހު ހަމަވެއްޖެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެ ތާރީހް މުއައްވިޒަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިން ބަލައިގެންފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ އެންމެ ޝަފަވީ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ދައުލަތުން ދެން އަންނަ އަޑުއެހުމަކަށް ހުށަހަޅާފައިވާ ހެކިންނަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.

އެނގިފައިވާ ގޮތުގައި ވަސީމަކީ ރައީސް ޔާމީންގެ އެކްސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމަށް މޫސާ ޒަމީރުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މީހާއެވެ.
ހިޔާލު