Sihhee dhaairaage enme bodu massala akee fas aharu alhaanulaa othun: Minister Ameen
image
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ފަސް އަހަރު އަޅާނުލާ އޮތުން: މިނިސްޓަރު އަމީން

ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ފަސް އަހަރު އަޅާނުލާ ދޫކޮށްލާފައި އޮތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު އެހެން ވިދާޅުވީ އެމަނިކުފާނާއި ސުވާލު ކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގައި އިދިކޮޅު މެމްބަރުން އަމާޒުކުރި ބައެއް ސުވާލުތަކުގެ ސަބަބުން އަމީން ވަނީ ނިމިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިނިސްޓަރާއި ސުވާލުކުރައްވަމުން ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ސިޔާސީ ބޭނުމަށް 80 މިލިއަން ހަރަދުވާ މަޝްރޫއުތަކަށް މި ސަރުކާރުން ބަޖެޓުގައި އެއް މިލިއަން ރުފިޔާ ޖަހާކަމުގެ ތުހުމަތުކޮށްފަ އެވެ.

ޝިޔާމްގެ ތުހުމަތާއި ގުޅިގެން އަމީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ މިއަދު މި އޮތް ހާލަތަށް ވެއްޓުނީ ވޭތުވެދިޔަ ފަސް އަހަރުގެ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެ އަމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަމީނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބު ބާއްވަން ހަފްތާއަކަށް ވެފައި ވަނިކޮށް ސަރުކާރުން ސިއްހީ ހިދުމަތްދޭ 28 ތަނެއް 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކޮށްފައި ކަމަށެވެ. ނަމަވެސް އެކަން ކުރި އިރު 24 ގަޑިއިރު ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ފޯރުކޮށްދީފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ސެޕްޓަމްބަރު 23 ވަނަ ދުވަހު ވޯޓު ދިން އިރު ސެޕްޓެމްބަރު 23 ވަނަ ދުވަހާއި ކުރިމަތިލީ ހަފްތާގެ ތެރޭގައި ރާއްޖޭގެ 28 ތަން 24 ގަޑިއިރަށް ބަދަލުކުރެވިފައިވޭ. މި 28 ތަން 24 ގަޑިއިރަށް ބަދަލުކުރި އިރުގައި ހަމައެކަނި ނަން ބޯޑު ބަދަލު ކުރީ. ކޮންމެ ތަނަކަށް ބަދަލުކުރީ 24 ގަޑިއިރަށް 16 ގަޑިއިރަށް 8 ގަޑިއިރަށް ނުވަތަ އިތުރު ގަޑިއިރަށް ބަދަލުކުރީމަ މި އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނެއް ފޯރުކޮށްދެވިފައެއް ނެތް، އެމީހުންނަށް ބަޖެޓް ފޯރުކޮށްދެވިފަ އެއް ނެތް، ލެބޯޓަރީތަކަށް ވަސީލަތައް ފޯރުކޮށްދެވިފަ އެއް ނެތް،" މިނިސްޓަރު އަމީނު ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ނުރުހުމުގައި، މަސައްކަތް ކުރާތަން ނޫން އެހެން ތަންތަނަށް ބަދަލު ކުރި ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ ޕީއެސްއާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް އޭސީސީއާ ސީއެސްސީން މިހާރު ދަނީ ބަލަމުންނެވެ.

އަމީން ވިދާޅުވީ މިއަދު ސިއްހީ ދާއިރާ އިން ފެންނަމުންދާ ބޮޑެތި މައްސަލަތަކުގެ އަސްލަކީ މިފަދައިން ވެފައިވާ ބޮޑެތި އިހުމާލުތަކުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއް ކަަމަށެވެ. ކަންކަމުގައި އަމަލު ކުރެވޭނީ ތަސައްވަރަކާއި ދުރު ވިސްނުން އޮވެގެން ކަމަށާއި "ފައިސާ ހޯދާ ފައިސާ އޮއްސާލުމުން" ކަންކަން ހައްލެއް ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އަމީން މަޖިލީހަށް ހާޒިރޮށްފައި ވަނީ ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ހުށަހެޅުއްވި ދެ ސުވާލަކާއި ގުޅިގެންނެވެ.

އެގޮތުން ޝަރީފްގެ އެއް ސުވާލު އަމާޒުކޮށްފައި ވަނީ ހެލްތު މިނިސްޓްރީން މަޑުއްވަރީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއުއާ ބެހޭ ގޮތުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ މަޑުއްވަރީ އަކީ ގިނަ ބަޔަކު ދިރިއުޅެމުންދާ ރަށަކަށްވާ ހިނދު އަދި އެރަށުގެ ކައިރީ ގިނަ މީހުންތަކެއް ހިދުމަތްތައް ހޯދަން މަޑުއްވަރީ އަށް އަންނަ ހިނދު މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް ބިނާ ކުރެވޭނީ ކިތައް ބުރިޔަށް ނުވަތަ ފަންގިފިލާއަށް ތޯ އެވެ.

ޝަރީފްގެ ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ހިދުމަތް ބިނާވަނީ އިމާރާތުގައި ހިމެނޭ ފަންގިފިލާގެ މައްޗަކަށް ނޫން ކަމަށާއި ހިދުމަތް ބިނާވަނީ އެ ހިދުމަތްތައް ގާއިމްކުރެވިފައިވާ ވަސީލަތްތަކުގެ ފެންވަރަށް ކަމަށެވެ.

"ހިދުމަތް ބިނާ ވަނީ ބުރިބުރިއާ ގުޅިގެނެއް ނޫން، ހިދުމަތް ބިނާވަނީ އެ ހިދުމަތްތައް ގާއިމުކުރެވިފައިވާ ވަސީލަތްތަކާއި ހިދުމަތް ދޭ ޑޮކްޓަރުންގެ ފެނަވަރަށް،" މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވި އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް ޑިޒައިންކޮށް ބީއޯކިޔު ހަދާނެ ފަރާތެއް ހޯދުމަށް 21 މާރިޗު 2019 ގައި ހެލްތް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް ޖުލައި މަހުގެ 16 ވަނަ ދުވަހު ވަނީ ބަޔަކާއި ހަވާލުކޮށްފަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މަޑުއްވަރީ ސިއްހީ މަރުކަރުގެ އާ އިމާރާތުގެ ދިގު މިނާއި އުސް މިނާއި ފުޅާ މިން އެނގޭނީ ބީއޯކިއު ތައްޔާރުކޮށް ނިމުމުން ކަމަށެވެ.

މީގެ އިތުރުން އަމީން ދެއްކެވި ވާހަކަގައި ވަނީ ސިއްހީ ދާއިރާގެ ހުރި ބައެއް ކަންކަން ފާހަގަކޮށްފަ އެވެ. އަމީން ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 87 ތަނެއް ހުރި އިރު އެ ތަންތަނުގެ ތެރެއިން 67 އިންސައްތަ ތަންތަނަކީ އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އަދި އެހެނިހެން ވެސް ގޮތް ގޮތުން ހިދުމަތް ފޯރުކޮށްދެވޭނެ ތަންތަނެއް ނޫން ކަމަށެވެ.

އަމީން ވިދާޅުވީ މިފަދަ ތަންތަން ތަރައްގީ ކުރުމުގައި ހެލްތު މިނިސްޓްރީން އިސްކަން ދީފައި ވާނީ ބަޖެޓްގައި ފާހަގަކޮށްފައިވާ ތަންތަނަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ކަންކަމާއި އަދި މިވަގުތު އެންމެ ބޮޑު ދަތިތަކެއް ހުރި ތަންތަނަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރުމުގެ ތަސައްވަރު ފެނިގެން ދާނެ އެވެ. އަދި މިއަދުގެ ސަރުކާރުގެ ތަސައްވަރަކީ ރައްޔިތުނަނަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

ރަޝީދު

މިނިސްޓަރ ލޮލަށް މިރުސްފެން އެޅިފައިތޯ؟ އެކަމް ތިވަރަށް ދޮގުހަދާކަށް ނުވާނެދޯ. ވޭތުވެދިޔަ 5 އަހަރަކީ ދިވެހިތާރީޚްގައިވެސް ސިއްހީދާއިރާއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު 5 އަހަރު. ދިވެރިރާއްޖޭގައި ކުރިން ނުލިބޭ އެތަށް ފަރުވާ އެތަށް މެޝިނަރީއެއް ފެނުގެން ދިޔައީ ޔާމިން ސަރުކާރުން. މިކަމުގަ ހެކި އެހެރީ ފެންނަން.

ގުދުގުދާ

މީނާއަށް އަދިވެސްވާނުވާނޭގޭ! ތިޔަ މިނިސްޓްރީގައިތިބި ބޮޑުން ލައިގެން މިނިސްޓްރީ އެއް ނުހިންގޭނެ!، އެމީހުންނަށް ކަމުދާނީ ޔާމީނު.