Thin vana quarter ga fathuruveri kamuge jumla aamdhanee dhah vaane: MMA Survey
image
0 ކޮމެންޓް
 

ތިންވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ ދަށްވާނެ: އެމްއެމްއޭގެ ސާވޭ

މިއަހަރުގެ ތިންވަނަ ކުއާޓާގައި ފަތުރުވެރިކަމުން ލިބޭ ޖުމްލަ އާމްދަނީ ދަށްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ވިޔަފާރި ސާވޭ އިން ދައްކައިފި އެވެ.
މިދިޔަ ހަފްތާގައި ނެރުނު އެމްއެމްއޭގެ ދެވަނަ ކުއާޓާގެ ވިޔަފާރި ސާވޭގައި ވަނީ އެކި ދާއިރާތަކުގެ 95 ބޮޑު ކުންފުންޏަކުން ބައިވެރިވެފަ އެވެ.

ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކުގެ ތެރެއިން ގިނަ ފަރާތްތަކުން ބުނީ އެވްރެޖުކޮށް ކޮޓަރިއަކަށް ޖެހޭ ރޭޓާއި ލިބޭ ޖުމްލަ އާމްދަނީ ތިންވަނަ ކުއާޓާގައި މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ނެޓް ބެލެންސް 41- އިންސައްތައިގައި ހުރިއިރު، ތިންވަނަ ކުއާޓާގައި 48- އިންސައްތަ އަށް ދާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

އެގޮތުން ރިޒޯޓުތަކުގައި ބުކިންގް ހަދާ މިންވަރު 47 އިންސައްތަ ދަށަށް ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އޭގެ އިތުރުން ވިޔަފާރި އަށް ހޭދަވާނެ ހަރަދު އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ދެވަނަ ކުއާޓާގައި ވެސް ރިޒޯޓު ބުކިންގް ހަދާ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރިއެރުމުގައި ހުރި އެންމެ ބޮޑު ހުރަހަކީ ވިޔަފާރީގެ ވާދަވެރިކަން ކަމުގައި ސާވޭއިން ދެއްކި އެވެ.
ހިޔާލު