Aasandha libumun ves salaan jahan jehifai, mi noon gotheh beynun vey!
image
ފަންޑު ފޮށީ އިފައިގެން މީހަކު މަގުމަތީގައި---
ފައުޒާ މުހައްމަދު
3 ކޮމެންޓް
 

އާސަންދަ ލިބުމުން ވެސް ސަލާން ޖަހަން ޖެހިފައި، މި ނޫން ގޮތެއް ބޭނުންވޭ!

ރާއްޖޭގެ ގައުމީ ތަރައްގީއަށް ބަލާއިރު ސިއްހީ ދާއިރާ ވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ބާރު ސްޕީޑުގައި ކުރިއަރާފަ އެވެ. އެކަމަކު އަދިވެސް ބޭސް ފަރުވާ އަށް ސަލާން ޖެހުމުގެ މައްސަލަ ބޮޑެވެ.
ބޮޑު ބައްޔެއް ވުމުން ބޭހަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުދުންތެރިކަމެއް ކޮންމެ މީހެއްގެ ކިބައިގައި ނޯވެދާނެ އެވެ. ހުސްނުވާ އާސަންދައިގެ ނަމުގައި ހެލްތު އިންޝުއަރެންސް ސްކީމެއް ފެށީ އެހެންވެ އެވެ.

"ބޭސް ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރާނެ. އަދި ބަލިމީހާ އާއި އެހީތެރިޔާއަށް ދެކޮޅު ޓިކެޓު ވެސް ދޭނެ،" އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތާއެކު އައިޑީކާޑު ދިއްކޮށްލައިގެން މިހާރު ހިލޭ ބޭސް ފަރުވާ ކުރެވެ އެވެ. އިތުރު ފަރުވާ ބޭނުންވާ މީހުންނަށް އިންޑިއާ އަދި ސްރީ ލަންކާގެ ހޮސްޕިޓަލުތަކުން ވެސް އާސަންދަ ލިބެ އެވެ.

އެ ސްކީމު ވުޖޫދަށް އައުމާއެކު ބޭހަށް އެދި އާދޭސް ކުރަމުން، މުއްސަނދި މަހުޖަނުން ކައިރިއަށް ސިޓީ ހިފައިގެން ދާން ޖެހޭ ދިޔުން ނިމުމަކަށް އައެވެ. އެއާއެކު އާއްމުންނަށް ސަލާން ޖަހަން ޖެހިފައި ވަނީ ބޭސް ފަރުވާއާ ގުޅުން ހުރި އެހެން ހަރަދުތައް ހަމަނުޖެހިގެންނެވެ.

ފޭސްބުކުގެ އެކި އެކި ޕޭޖުތަކާއި އަމިއްލަ ނިއުސް ފީޑާއި، ވައިބާ ގްރޫޕުތަކުގައި ވެސް ބޭސް ފަރުވާއާ ގުޅުން ހުރި އެހީ ހޯދަން މީހުން އުޅޭ މަންޒަރު ނުފެންނަ ދުވަހެއް މަދެވެ. ބޭންކުތަކާއި، އޭޓީއެމް ސެންޓަރުތަކާއި، މީހުން އާއްމުކޮށް އެއްވާ ސަރަހައްދުތަކުގައި ފަންޑު ފޮށި ހިފައިގެން ތިބޭ މީހުން ފެނުމަކީ ވެސް މިހާރު ރާއްޖޭގައި އާއްމު މަންޒަރެކެވެ.

އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ދާން އާސަންދަ ލިބުނު ނަމަވެސް އެކަމަށް ކުރަން ޖެހޭ އެހެން ހަރަދުތައް ކުރަން އެހީ ބޭނުން ވަނީ،" ކުރިން ސީއެންއެމް އާ ވާހަކަދެއްކި ހައްވާ އަލީ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

އޭނާގެ ތިން މަހުގެ ދަރިފުޅު، ހަނާއަށް ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައި ވަނީ އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ. އެ އޮޕަރޭޝަނަށް އާސަންދަ ވަނީ ހަމަޖެހިފައި އެވެ. އެކަމަކު ރާއްޖެ އިން ބޭރުގައި ހޭދަވާ ދިގު މުއްދަތުގައި މާލީ ކަންކަން ހަމަޖެއްސޭނެ ގޮތެއް ނެތުމުން، އެހީއަށް އެދެން ޖެހެނީ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަކީ އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ މުއައްސަސާ އެވެ.

އެތަނުން ބުނީ ބޭސް ފަރުވާ އަށް ބޭރަށްދާ ނަމަ އަންނަ އިތުރު ހަރަދުތަކަށް ވެސް އެ އެޖެންސީން އެހީވަމުންދާ ކަމަށެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅާނީ "ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް އެތަނުން ބުންޏެވެ.

އެންސްޕާގައި އެދުމުން އެފަދަ އެހީއެއް ލިބޭ ނަމަ އެހާ ގިނަ ބަޔަކު އާއްމުންގެ އެހީތެރިކަމަށް އެދެން ޖެހެނީ ކީއްވެ ހެއްޔެވެ؟ އަދި އެންސްޕާގައި އެފަދަ އިންތިޒާމެއް އޮންނައިރު، އެހީ ބޭނުންވާ މީހުންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮން ބަޔެއްގެ ޒިންމާއެއް ހެއްޔެވެ؟

އެ ސުވާލުތަކަށް އެންސްޕާގެ ޖަވާބެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެންސްޕާއިން ބުނަނީ އެތަނުން ލިބޭ ހިދުމަތްތަކާއި، އަދި އެހެން މައުލޫމާތު ވެސް ލިބޭނީ ސިޓީއަކުން އެދުމުން ކަމަށެވެ.

ޒަކާތު ފަންޑުން ވެސް އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެކަމަށް އެދި ފޯމު ލާން ޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. އެކަމާއި ބެހޭ ތަފްސީލެއް އިސްލާމިކް މިނިސްޓްރީއިން އަދި ނުލިބެ އެވެ.

ސިއްހީ ހިދުމަތަކީ މީހުންގެ ފުރާނައާ ގުޅިފައިވާ ކަމެކެވެ. އެހެންވެ އެންމެ ފަސޭހަކޮށް އެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާ އެކެވެ.

އެފަދަ ހިދުމަތެއް ލިބޭނެ އިންތިޒާމެއް އޮތް ނަމަ އެކަމުގެ މައުލޫމާތު ވެސް އާއްމުންނަށް ސާފުވެފައި އޮތުން މުހިއްމެވެ. އާސަންދަ ހަމަޖެހޭ މީހުން ރާއްޖެއިން ބޭރަށް ބޭހަށް ދާއިރު، ސަލާން ޖަހަން ނުޖެހޭނެ ދުވަހެއް އައުމަކީ ކޮންމެ ދިވެއްސަކު ވެސް ދެކެން ބޭނުންވާނެ ދުވަހެއްކަން ޔަގީނެވެ.
ހިޔާލު

ފާތުން

އަސްލު މިއީ ހަގީގީ މައްސަލައެއް. އެބަޖެހޭ މިކަން ހައްލުކުރަން

ގައުމު

އާސަންދަ ދިނަސް ސަލާން ޖަހަން ޖެހޭ. ސަބަބަކީ ފަރުވާ އަށާއި ދެކޮޅު ޓިކެޓަށް ދާ ހަރަަދަށް ވުރެ ބޭރު ގައުމެއްގައި ހުރުމާއި ކެއުމާއި ދަތުރު ހަރަދަށް ދާ ފައިސާ މާ ގިނަ. އެހެން ވީމާ ކިހިނެއް ސަލާން ނުޖަހާ އުޅޭނީ

ކަދުރު ފަޒުނާ

ނާ މިހާރު ނުވާނެ ...މަތިން ޑޮލަރު އޮހެނީ...