Adheeb ah filunee intelligence failvumun: Memberun
image
ކުއްލި މައްސަލަ ހުށަހެޅުއްވި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އަދީބަށް ފިލުނީ ޕޮލިސް އިންޓަލިޖަންސް ފެއިލްވުމުން: މެމްބަރުން

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިލަން ގައުމުން ބޭރަށް ދެވުނީ ފުލުހުންގެ އިންޓަލިޖަންސް އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ފެއިލްވެފައި ވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ބުނެފި އެވެ.
މަޖިލީހުގައި އެ މައްސަލަ އާ ގުޅޭގޮތުން މިއަދު ބަހުސް ކުރީ، އަދީބު ފިލައިގެން އިންޑިއާ އަށް އެތެރެވުމުން އަނބުރާ ރާއްޖެ ގެނެސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އޭނާ ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކަނޑައެޅުމާއި ގުޅިގެން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ.

އެ މައްސަލާގައި ވާހަކަ ދެއްކި ގިނަ މެމްބަރުން ވަނީ، އަދީބު ފަދަ ހައި ޕްރޮފައިލް ބޭފުޅަކު ކުއްލިއަކަށް މަންޒަރުން ގެއްލުނުއިރު ފުލުހުންގެ އިންޓެލިޖަންސަށް އެކަން އެނގިފައި ނެތުމަކީ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށެވެ. އެގޮތުން ކޯޓުން އޭނާ ދޫކޮށްލަން ނިންމި ނިންމުމަށް ވުރެ ސީރިއަސް ކޮށް ސަލާމަތީ ބާރުތަކުގެ ހާލަތު ބަލަންޖެހޭ ކަމަށް ގިނަ މެމްބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މުހިއްމީ އޭނާ ދާ މަންޒިލެއް ނޫން. އަޅުގަނޑުމެންނަށް މުހިއްމީ އޭނާއަށް އެ ހިސާބަށް ދެވުނީ ކިހިނެއްތޯ. ޕޮލިސް އިންޓަލިޖެންސް ފެއިލިއޭއެއް ވާކަން އަޅުގަނޑުމެންނަށް ވަރަށް ސާފު އިއްޒަތްތެރި ރައީސް. މިއީ ނުދައްކަން ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް މިކަހަލަ ވާހަކަ މިތާ ނުދެއްކޭ ކަމަށް ވަންޏާ އަދީބު ކީއްކުރަންތޯ އަބްދުﷲ ޔާމީން ވެސް އަނެއް ދުވަހު ތަނެއްގައި ފިލާ ހުއްޓާ އަޅުގަނޑުމެންނަށް ފެންނާނީ،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީ އަށް ނިސްބަތްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީދޫ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަދީބު އެހާ "ޑެސްޕަރޭޓް" ހާލަތަކަށް ދާން ޖެހުނު ސަބަބު ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އަދީބު ޕީޖީ އާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި، އޭނާ މިނިވަންވީ އެ އެއްބަސްވުމުގެ ދަށުން ކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.

އޭގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ، އަދީބު ރާއްޖޭން ބޭރަށް ދިޔައިރު އެކަން ނުހުއްޓުވުމުން އެ ކަމުގެ ޒިންމާނަގަންޖެހޭ ބޭފުޅުން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. އަދި އަދީބު ފިލުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަން ފާހަގަކޮށް، ރާއްޖެ އާ އެންމެ ގާތް އެއް ގައުމުގެ ގޮތުގައި މިހާރު އޮތް އިންޑިއާ އަށް އަދީބު ފިލަން ދިޔައީ ކީއްވެގެން ބަލަންޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ގިނަ މެމްބަރުން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި، އަދީބު ފިލި މައްސަލަ އާއި އެ ކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތައް ހޯދުމަށް ގޮވާލައިފަ އެވެ. ފުލުހުންގެ އިންޓެލިޖަންސްގެ އިތުރުން ސަލާމަތީ އެހެން ހިދުމަތްތައް ފެއިލްވި ކަމަށް ގިނަ މެމްބަރުން ބުނި އިރު، އެ މައްސަލާގައި އެ އިދާރާތަކުން މިހާތަނަށް އެދެވޭ ގޮތެއްގައި މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ގިނަ މެމްބަރުން ފުލުހުންގެ އިންޓެލިޖަންސް ފެއިލްވި ކަމަށް ބުނި އިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިހާރު އަދީބު ގެނެވިފައިވާ ކަމަށާއި އެހެންކަމުން އެކަމާ އިތުރަށް ވާހަކަ ދެއްކުން މުހިންމު ނޫން ކަމަށެވެ. އަދި އަދީބު ދިފާއުކޮށް ވާހަކަ ދެއްކެވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ހިޔާލު