PG aa Adheeb aa dhemedhu ebbasvumeh?
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް--ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެއްބަސްވުމާ ހިލާފުވިކަމަށް ބުނެ އަދީބާއި ޕީޖީ "ކޯޅެނީ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ދެ މެދު ހާއްސަ އެއްބަސްވުމެއް އޮތްކަން ރޭ ހާމަވިިއިރު އެ އެއްބަސްވުމާ ހިލާފުވިކަމަށް ބުނެ އަދީބާއި ޕީޖީން "ކޯޅެން" ފަށައިފި އެވެ.
ދައުލަތާއި އަދީބާ މެދު އެއްބަސްވުމެއް ވެފައިވާ ކަން ހާމަވެފައިވަނީ އަދީބު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށް ކުރިއަށް ދިޔަ ޝަރީއަތުގެ ތެރެއިންނެވެ. އެ އެއްބަސްވުމާއި ޕީޖީ އިން ހިލާފުވިކަމަށް ޝަރީއަތުގައި އަދީބު ވިދާޅުވި އިރު ދައުލަތުން ވަނީ ހަމަ އެތުހުމަތު އަދީބަށް ކޮށްފަ އެވެ.

ޕީޖީން އެކުލަވާލި އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގަންނަވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވުން ކަމަށާއި ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބޭ ކަން ޝަރީއަތުން ހާމަވި އެވެ. އޭގެތެރޭގައި، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ވަކި މުއްދަތަކަށް ވުރެން ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމޭނެ އެވެ.

އަދީބު އާއި ޕީޖީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ތަފްސީލްތައް ހާމަކޮށްފައިނުވިނަމަވެސް ޝަރީއަތުގައި އަދީބު ދެއްކެވި ވާހަކަތަކުން ހާމަވާ ގޮތުގައި އެއްބަސްވުމުގެ ސަބަބުން އޭނާ ހައްޔަރުކޮށް ބަންދުކުރުމުގެ އިހްތިޔާރެއް ދައުލަތަކަށް ނުލިބެ އެވެ. ޕީޖީން އެއްބަސްވުމާއި ހިލާފުވި ކަމަށް ބުނެ އަދީބުގެ ވަކީލު މަހްފޫޒް ސައީދު ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގައި އަދީބު ބަންދުކުރުމުގެ އަމުރަކަށް އެދިފައިވާ ކަމެވެ. މަހްފޫޒް ވިދާޅުވީ ދައުލަތުން އެފަދައިން އެއްބަސްވުމަށް ބޭއިހްތިރާމް ކޮށްފައިވަނީ ދައުލަތުން ކުރަމުން ދިޔަ ތަހުގީގަށް އަދީބު އެއްބާރުލުން ދެއްވަމުން ދަނިކޮށް ކަމަށެވެ.

އެއްބަސްވުމާއި ބެހޭގޮތުން ފުލުހުން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިވިންގެ މައުލޫމާތު އެކުލެވޭ ޕެން ޑްރައިވަކާއި ފޯނެއް ދެއްވަން އަދީބު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އަދީބު ފިއްލަވަން މަސައްކަތްކުރެއްވި އިރު ވެސް އެތަކެތި ފުލުހުންނާއި ހަވާލުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވި އެވެ. އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ މި އެއްބަސްވުމާ ހިލާފުވެވަޑައިގެންފައިވާތީއާ އެކު އެމަނިކުފާނު ފިއްލެވުމުގެ ބިރު އޮތް ކަމަށް ބުނެ އެވެ.

ނަމަވެސް އަދީބުގެ ބަންދުގެ މުއްދަތު ޖަހާދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ. އެއީ އަދީބު ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގަނޫނުތަކާއި ހިލާފަށް ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ހިޔާނާތުގެ ކުށުގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް މިދިޔަ މެއި މަހު ހައި ކޯޓުން ބާތިލް ކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން އަދީބު ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ، ދާދި ފަހުން ކަނޑުމަގުން ބޯޓެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނިކޮށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެމަނިކުފާނު ހުއްޓުވައި، ރާއްޖެއާ ހަވާލުކޮށްފަ އެވެ.

އަދީބު ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފައިވާ އިރު އަދީބުގެ ބަންދުގެ މުއްދަތު ޖެހުން މިއަދު ހަވީރު ހައެއް ޖަހާއިރަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފަ އެވެ.
ހިޔާލު