Muhdhathu jahan Adheeb criminal court ah gennanee
image
އަދީބު ފުލުހުންގެ ހެޑްކުއާޓާ އިން ނިކުންނަނީ.-- ފޮޓޯ: ސަން/އަހުމަދު އަވްޝަން އިލިޔާސް
0 ކޮމެންޓް
 

މުއްދަތު ޖަހަން އަދީބު ކްރިމިނަލް ކޯޓަށް ގެންނަނީ

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އަދީބުގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރާނީ މިއަދު ހަވީރު 18:00 ހާއިރު އެވެ. ބަންދުގެ މުއްދަތު ޖަހަން އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރާއިރު، ރޭ އެ ކޯޓުން ވަނީ އޭނާ މިނިވަން ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ރޭ ދަންވަރު އަދީބު މިނިވަން ކުރީ، އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވުމުންނެވެ. ނަމަވެސް ފަހުން ރޭ ފަތިހު 5:00 ހާއިރު ފުލުހުން އަނެއްކާ ވެސް ވަނީ އަދީބު ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ރޭ އަދީބު ކްރިމިނަލް ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު ޖަހަން އުޅުނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅުމުން އެ ގައުމުން އޭނާ އަނބުރާ ރާއްޖެ އަށް ފޮނުވާލުމުންނެވެ. އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކުރުމުން ދެ ވަނަ ފަހަރަށް ފުލުހުން އަދީބު ހައްޔަރު ކުރީ، އޭނާ ދިރިއުޅުއްވާ ގޭގައި ހުއްޓަ އެވެ.

ދެ ވަނަ ފަހަރަށް އަދީބު ހައްޔަރު ކުރީ ވެސް ހަމަ ކުރިން އޭނާ ހައްޔަރު ކުރި މައްސަލަ ކަމަށްވާ، ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ވަގަށް ރާއްޖޭން ބޭރަށް ދިޔަ މައްސަލައިގަ އެވެ. ނަމަވެސް ފަހުން އޭނާ ހައްޔަރު ކުރީ އިޖުރާއާތުތައް ބަދަލުކޮށްގެން ކަމަށް ވެއެވެ.

އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމް އިއްވި ނަމަވެސް ފަހުން ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ. އަދި ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، ފިލައިގެން ދާން އުޅުނު އިރު އަދީބު ހުރީ މިނިވަން ވެފަ އެވެ.
ހިޔާލު