VIA ge apron fulhaa kurumuge masakkaiy fashaifi
image
ވީއައިއޭގެ އޭޕްރަން ފުޅާ ކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް
0 ކޮމެންޓް
 

ވީއައިއޭގެ އޭޕްރަންގެ ސަރަހައްދެއް ފުޅާކުރުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭޕްރަން ފުޅާ ކުރުމުގެ ދެވަނަ މަރުހަލާ ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓުގެ ހުޅަނގު ދެކުނު އޭޕްރަން ފުޅާ ކުރުމުގެ ދެވަނަ މަރުހަލާ މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަރުހަލާގެ ދަށުން އެތަނުގައި އިތުރު 67،000 އަކަ މީޓަރުގެ އޭޕްރަން ޖާގަ ހެދިގެން ދާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ޖުލައި މަހުގެ ތެރޭގައި ވަނީ ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ވެސް ކޮންނަން ފަށާފަ އެވެ. އެތަނުގައި ދަނީ މުޅިން އާ ސީޕްލޭން ޓާމިނަލެއް ތަރައްގީ ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ސީޕްލޭންތައް ޖައްސާ ސަރަހައްދު ހައިވޭއާ ހަމައަށް ބޮޑުކުރަން ނިންމާފައިވާއިރު އެމަސައްކަތް ނިމުމާއެކު ސީޕްލޭންތައް ދެން އަންނާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުންނެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތަކީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަނީ އެމްއޭސީއެލުންނެވެ.

ވީއައިއޭގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެތަނުގެ އާ ޕެސެންޖާ ޓާމިނަލް ދިވެހިވަންތަ ސިފަތަކާއެކު ތަރައްގީ ކުރުމަށް ސައުދީ ބިންލާދީން ގްރޫޕް، އެސްބީޖީއާ ހަވާލުކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލް ވެގެންދާނީ ދިވެހިންގެ ސަގާފަތާއި ތާރީހާއި ރަށްޓެހި އިމަރާތަކަށް ކަމަށެވެ. އަދި އަލަށް ސޮއިކުރި އެއްބަސްވުމާއެކު ވެސް މަޝްރޫއުގެ ޖުމްލަ އަގަށާއި، އިމާރާތުގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށް 78000 އަކަ މީޓަރުގެ ޖާގައިގެ އެ އާ ޓާމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ހަރަދުވާއިރު އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރަށް އެއާޕޯޓް ތަރައްގީވެފައި ނެތުމަކީ ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން ވީއައިއޭގެ ތަރައްގީގެ މަޝްރޫއަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫއެވެ.
ހިޔާލު