Dhe university ge gaanoonah islaahu genaumuge bill thah thasdheegukoffi
image
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ދެ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ތަސްދީގުކޮށްފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެމަނިކުފާނު ތަސްދީގު ކުރެއްވި ބިލުތަކަކީ އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އެ ތިން ބިލަށް ވެސް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ބިލުތައް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ގާނޫނަށް ބަދަލުވެ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އޭގެ ތެރެއިން އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އައި ބަދަލަކީ އެތަނުގެ އިސް އޮފިސަރުންނާއި، ޗާންސެލާ، ވައިސް ޗާންސެލާ އަދި ޑެޕިއުޓީ ވައިސް ޗާންސެލާއާ ގުޅޭ މާއްދާތަކަށް ގެނައި ބަދަލެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ގެނައި ބަދަލަކީ އެތަނުގެ ކައުންސިލު މެމްބަރުންނާއި ގުޅޭ ގޮތުން ހުރި ބައެއް މާއްދާތަކަށް ގެނައި ބަދަލެވެ.

ޕެންޝަނާއި ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު ފަރުޟު ހައްޖުގެ އަޅުކަމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 އިންސައްތަ ލިބިގެން ދާނެ އެވެ.

އެ ތިން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރުމާއެކު، މިއަދުން ފެށިގެން އަމަލު ކުރަމުން ދާނީ އެއާ އެއް ގޮތަށެވެ.
ހިޔާލު