Hajjah dhiyumah heydhavaa faisaage 80 percent meege fahun pension inn negeyne!
image
ދިވެހި ހައްޖާޖީން އެއާޕޯޓުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
1 ކޮމެންޓް
 

ހައްޖު އަޅުކަމަށް ހޭދަވާ ފައިސާގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދެއްކޭ ގޮތަށް ހަދައިފި

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ލިބޭ މިންވަރު ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ އަށް އިތުރުކޮށްފި އެވެ.
މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުން ޕެންޝަނާއި ބެހޭ ގާނޫނަށް ގެނައި އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.

އެއާއެކު އެ ބިލް ވަނީ ގާނޫނަށް ބަދަލުވެ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ލިބޭނީ ސަރުކާރުން ކަނޑައަޅާ އަގުގެ 80 އިންސައްތަ އެވެ.

ކުރިން ސަރުކާރުން ނިންމާފައި އޮތީ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް ނުވަތަ ޕެންޝަން ފަންޑުން ހައްޖަށް ދިޔުމަށް 50 އިންސައްތަ ފައިސާ ދޫކުރުމަށެވެ.

އެކަމަކު ފަހުން ވަނީ އެ އަދަދު 80 އިންސައްތަ އަށް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.

އެ އިސްލާހު ފާސްވެ، ގާނޫނަކަށް ވުމާއެކު ފަރުޟު ހައްޖުގެ އަޅުކަމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 ދެން އިންސައްތަ ލިބިގެން ދާނެ އެވެ.

ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިދިޔަ ޖޫން މަހު ހައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާ ދެމެދު ސޮއިކުރި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖަށް ދިއުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ ހައްޖު ކޯޕަރޭޝަނަށެވެ. ފޯމް ހުށަހެޅުމުން ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ހައްޖަށް ދާން ބޭނުންވާ މީހުންނަށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ ހައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ އެވެ.

ޕެންޝަން ފަންޑުގައި ހައްޖަށް ދެވޭ މިންވަރަށް ފައިސާ ޖަމާވެފައި ހުރިތޯ އަމިއްލަ އަށް ބެލޭނެ ގޮތް ވެސް ޕެންޝަން އޮފީހުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެ އޮފީހުގެ ވެބްސައިޓަށް ގެނައި ބަދަލަކުން، އެމީހެއްގެ އައިޑީ ކާޑު ނަންބަރާއި، އުފަން ތާރީހު ޖެހުމުން، ހައްޖަށް ދެވޭ މިންވަރަށް ޕެންޝަން އެކައުންޓުގައި ފައިސާ ހުރިތޯ އަމިއްލަ އަށް ބަލާލެވޭނެ އެވެ.

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ޝަރުތުތައް

- އަލަށް ހައްޖަށްދާ މީހަކު ކަމުގައިވުން
- ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ރުފިޔާ ހުރުން
- ގެދޮރު ގަތުމަށް ޕެންޝަން ފަނޑުން ފައިސާ ކޮލެޓަރައިޒްކޮށްފައިވާ ނަމަ، މަދުވެގެން 336،000 ރުފިޔާ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރުން
- ހައްޖަށް މީހުން ގެންދާ ކުންފުންޏަކަށް ހައްޖަށް ގެންދިއުމަށް ނިންމާފައިވާ މީހަކަށްވުން
- ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދުގެ 80 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރަށް

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ 6000 މީހުން މިހާރުވެސް އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހިޔާލު

ކަލޯގޭ މޫސަ

ދޮގުވައުދު އޮޅުވާލި ވައުދު. ކުޑަމުސާރައިގަ މަސައްކަތް ކުރާ ނިކަމެތިންނަށް ތީގެން އެއްވެސް ފައިދާއެއްނެތް. މުއްސަނދި މަހުޖަނުންގެ ޖީބަށް ލުއިގޮތް. ވޯޓްދިނިން ދުވަަހަކުވެސް އެމް ޑީ ޕީ އާއި ދެކޮޅަށް ވޯޓެއްނުދެން. ބަޓް މިހާރު ވ ފޫހިވެއްޖެ