India inn Kashmir ah e hadhanee kihineh?
image
ކަޝްމީރު މައްސަލާގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ޖެޓީ އިމޭޖެޒް
0 ކޮމެންޓް
 

އިންޑިއާ އިން ކަޝްމީރަށް އެ ހަދަނީ ކިހިނެއް؟

ފާއިތުވި ހަތްދިހަ އަހަރު އިންޑިއާގެ ޖައްމު އަދި ކަޝްމީރު ސަރަހައްދަށް ލިބިފައި އޮތް އަމިއްލަ ވެރިކަން ހިންގުމުގެ ބާރު އިއްޔެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އުވާލާފަ އެވެ.
އެއާއެކު އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގުމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނުން ވެސް އެ ދެގައުމުގެ ބަޔެއްގެ ގޮތުގައި ދައުވާ ކުރާ ސަރަހައްދެކެވެ.

އެތަނަކީ ކުރިން އިންޑިއާގެ އަމީރަކު ވެރިކަން ހިންގި ސްޓޭޓެކެވެ. 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ވަކިވުމުން، ޖައްމު އަދި ކަޝްމީރު ވެފައި ވަނީ އިންޑިއާގެ ބަޔަކަށެވެ.

އޭގެ ފަހުން ޕާކިސްތާނާއި އިންޑިއާ އިން އެތަނުގެ މައްސަލާގައި ހަނގުރާމަ ކުރުމަށް ފަހު، ވަކި ސަރަހައްދަކުން އެތަން ދެގައުމަށް ބައި ކޮށްލި އެވެ. އޭގެ ފަހުން ވެސް އެތަނުގައި ހަމަނުޖެހުން ބޮޑެވެ.

އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމު އަދި ކަޝްމީރު ސްޓޭޓުގައި ފާއިތުވި 30 އަހަރު ހަމަނުޖެހުން އޮތީ އެތަނުގައި އިންޑިއާގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އުޅޭތީ އެވެ.

މިހާރު ވެގެން މިއުޅެނީ ކިހިނެއް؟

އޯގަސްޓް މަސް ފެށުމާއެކު ކަޝްމީރުގެ ތެރޭގައި އިންޑިއާގެ ސިފައިންގެ އަދަދު ގިނަވި އެވެ. ހިންދޫންގެ ބޮޑު އަޅުކަމެއް އެތަނުގައި ކެންސަލް ކުރި އެވެ. ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށް، ފަތުރުވެރިން އެ ސްޓޭޓުން ނިކުތުމަށް އެންގި އެވެ. ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލާ، އެތަނުގެ ސިޔާސީ ފަރާތްތައް ގޭ ބަންދު ކުރި އެވެ.

އެކަންކަން ހިނގަން ފެށުމުން ގިނަ ބަޔަކު ގަބޫލުކުރީ ޖައްމު އަދި ކަޝްމީރު ސްޓޭޓުގައި އުޅޭ މީހުންނަށް ހާއްސަ ގާނޫނު އަސާސީގެ 35އޭ މާއްދާ އުވާލަން އިންޑިއާ އިން އުޅެނީ ކަމަށެވެ. އެކަމަކު އިއްޔެ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އުވާލީ މާއްދާ 370 އެވެ.

މާއްދާ 370 ގައި އޮތީ ކީކޭ؟

އެ މާއްދާގައި އޮތީ ޖައްމު އަދި ކަޝްމީރު ސްޓޭޓަށް އަމިއްލަ ވެރިކަން ހިންގުމުގެ ބާރުދޭ ވާހަކަ އެވެ. އޭގެ ދަށުން އެ ސްޓޭޓަށް އަމިއްލަ ގާނޫނު އަސާސީއަކާއި، ދިދައަކާއި، ބައެއް ގާނޫނުތައް ހެދުމަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮވެ އެވެ.

އެހެންވެ ޖައްމު އަދި ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ މުދާވެރިކަމުގެ ހައްގު ލިބެ އެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓުތަކުގެ މީހުންނަށް ޖައްމު އާއި ކަޝްމީރުގެ ބިން ގަތުމާއި އެތަނުގައި ވަޒަންވެރިވުމުގެ ހައްގު ވެސް އެ މާއްދާގެ ސަބަބުން ލިބިދީފައެއް ނޯވެ އެވެ.

އެ މާއްދާ އުވާލީ ކީއްވެ؟

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީން ވެރިކަމަށް އައީ އެ މާއްދާ އުވާލާނެ ކަމުގެ ވައުދާ އެކުގަ އެވެ. އަދި އެކަން ވަނީ އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނަފާފަ އެވެ. އެ ޕާޓީން ބުނީ ކަޝްމީރަށް ހާއްސަ ހައްގުތަކެއް އޮންނަން ނުޖެހޭނެ ކަމަށާއި އެހެން ސްޓޭޓުތަކާއި އެއް ހަމައަކަށް އެތަން އަންނަން ޖެހޭ ކަމަށެވެ.

ކަޝްމީރަކީ އިންޑިއާގެ ސްޓޭޓުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ތަނެވެ. އަދި މޯދީގެ ބީޖޭޕީ އަކީ ހިންދޫ ނޭޝަނަލިސްޓް ޕާޓީ އެކެވެ. ކަޝްމީރުގެ ގިނަ މީހުން ގަބޫލު ކުރަނީ ބީޖޭޕީ ސަރުކާރުން އުޅެނީ އެތަނުގައި މުސްލިމުންގެ އާބާދީ މަދުކުރަން ކަމަށެވެ.

އެއީ ކަޝްމީރު ނޫން މީހުންނަށް އެތަނުން ބިން ގަނެ ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ނަމަ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމާއި އެއް ފަދަ ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެ އެވެ. އެކަމަކު އެ ބަދަލާއެކު ޖައްމު އަދި ކަޝްމީރަށް ތަރައްގީ އަންނާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

އޭގެ އިތުރުން އެތަން ތިން ފަޅިކޮށްލަން ވެސް ބީޖޭޕީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ މުސްލިމުންގެ މެޖޯރިޓީ އުޅޭ ކަޝްމީރު ބަޔާއި، ހިންދޫއިންގެ މެޖޯރިޓީ އުޅޭ ޖައްމު ސަރަހައްދާއި ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ލަޅަކްގެ ސަރަހައްދެވެ.
ހިޔާލު