Muleegai maruvi anhen meehaage maraai medhu shahkuthakeh
image
މުލި ޕޮލިސް ސްޓޭޝަން-- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

މުލީގައި މަރުވި އަންހެން މީހާގެ މަރާއި މެދު ޝައްކުތަކެއް އުފެދިއްޖެ

މު. މުލީގައި އިއްޔެ މަރުވި އުމުރުން 29 އަހަރުގެ އަންހެނެއްގެ މަރު ފުލުހުން ތަހުގީގު ކުރަން ފެށީ ގިނަ ޝައްކުތަކެއް އުފެދުމުން ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފި އެވެ.
އިއްޔެ ހަވީރު އަންހެން މީހާ މުލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ. މަރުވި އަންހެން މީހާއަކީ ށ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މުލީ މީހަކާ ކައިވެނިކޮށްގެން އުޅޭ އެ އަންހެން މީހާ މަރުވެފައި ވަނީ އޭނާގެ ރަށުގައި އުޅުމަށް ފަހު މުއްޔަށް ދިޔަތާ ދެވަނަ ދުވަހު އެވެ.

އެކަމާއި ގުޅޭ ގޮތުން ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް ސީއެންއެމްއާ ވާހަކަ ދެއްކި މީހަކު ބުނީ، ރަށުގައި އަޑުތައް ފެތުރޭ ގޮތުން ނަމަ އެ ދެމީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ދެމީހުންނެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފިރިހެން މީހާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ހައްޔަރުކޮށް ޖަލަށް ވެސް ގެންގޮސްފަ އެވެ.

"އަޑު އިވޭ ގޮތުން ވިއްޔާ އެ އަންހެން މީހާ ވެސް މަސްތުވާތަކެތި ބޭނުން ކުރޭ. އެކަމުގެ ހަގީގަތެއް ނޭނގެ އަޅުގަނޑަކަށް. އެކަމަކު ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މީހާ ބުނި ގޮތުގައި އަންހެން މީހާ ހެނދުނުން ފެށިގެން އޮށޯވެގެން އޮންނަތަން ފެނި އެ ގޭގެ މީހުން، ފިރިހެން މީހާއާ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ ރޭގަނޑު އަންހެން މީހާ އުޅުނީ ނުނިދާ ކަމަށެވެ. އެހެންކަމުން އޭނާ ނިދަން ބޭއްވުމަށް އެ ފިރިހެން މީހާ އެދިފައިވާ ކަމަށެވެ. އެކަމަކު ހަވީރު އޭނާ ގެއަށް އައިއިރު ވެސް އަންހެން މީހާ ނުތެދުވާތީ އޭނާ ވަނީ ރަށު ހޮސްޕިޓަލަށް ގުޅާ، އަންހެން މީހާގެ ވިންދު ނުޖަހާއި ކަމަށާއި އަވަހަށް އެމްބިއުލާންސެއް ފޮނުވާ ދިނުމަށް އެދިފައި ކަމަށް ވެއެވެ.

ރަށު ވާހަކަދެއްކި މީހާ ކިޔައިދިން ގޮތުގައި، އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ތެމި ފޯވެފަ އެވެ. އެކަމަކު އެމީހާ މަރުވީ ފާހަނާގައި ކަމެއް ހިނގައިގެންކަން ސާފު ނުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

އަންހެން މީހާގެ މަރާއި ގުޅިގެން ސުވާލު އުފެދޭ ކަންކަން ހުރުމާއެކު ފުލުހުންގެ ޓީމަކުން އެ މައްސަލަ ބަލަން ފެށިއިރު މަރުވި އަންހެން މީހާ، ކުރިން ކުރި ކައިވެންޏަކަށް ތިން ދަރިން ލިބިފައިވާ ކަމަށް ވެއެވެ.

މަރުވި އަންހެން މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް ރޭ ފަތިސް ނަމާދަށް ފަހު އަންހެން މީހާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.
ހިޔާލު