Evves membarakah kamu nugos Luthfee beyzaaru vejje!
image
އޭސީސީ ގެ ކުރީގެ ރައީސް ހަސަން ލުތުފީ-- ފޮޓޯ: އަވަސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މަޖިލީހުގެ ކުއްލި މައްސަލާގައި ހުރިހާ ބޭފުޅުންވެ ވެސް ވާހަކަ ދެއްކެވީ ލުތުފީއާ ދެކޮޅަށް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަކީ "ކަމުދާ މީހެއް ނޫން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެއްބަސްވެވަޑައިގެންފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީ އަށް ބިރު ދެއްކި ކަމަށް ކުތި ތުހުމަތާއި ގުޅިގެން މަޖިލީހަށް ރޭ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. މިއަދު ހެނދުނު ވެސް އެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔަ އެވެ.

މިއަދުގެ ބަހުސްގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން އެކި ގޮތްތަށް ވާހަކަ ދައްކަވާފައިވީ ނަމަވެސް ހުރިހާ ބޭފުޅުންވެސް ވަނީ ލުތުފީ އަކީ "ކަމުދާ މީހެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ލުތުފީ ރާއްޖެ ވަޑައިނުގެން މެލޭޝިއާގައި ހުންނަވަނީ އޭނާ އަކީ ހިޔާނާތުގައި ފުދޭވަރަކަށް ބައިވެރިވެފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި ދައުލަތުން ކޮށްފައިވާ ވައްކަންތައް ފޮރުވުމަށް ލުތުފީ އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތު އީވާ ކުރެއްވި އެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެންނާނެ ކަމަށާއި ގާނޫނު ލުތުފީއާ އަރާ ހަމަކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އެކަން ކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އީވާ ވިދާޅުވި އެވެ.

ލުތުފީއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އީވާ ވިދާޅުވީ "ފިލާ ހުއްޓެއް ކަމަކު ކުރި ވައްކަންތަކެއް ފަހެއް ނޭޅެނެ" ކަމަށެވެ.

އީވާ ވަނީ ކުއްލި މައްސަލަ ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކުއްލި މައްސަލައިން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ސާފެއް ނުވާ ކަމަށާއި އެއީ ލުތުފީ ފަލީހަތް ކުރަންތޯ ނުވަތަ ސައީދު އަމިއްލައަށް ފަލީހަތްވާން ހުށަހެޅުއްވި މައްސަލައެއްތޯ ސުވާލު އުފެދޭ ކަމަށް އީވާ ވިދާޅުވި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ލުތުފީ އަކީ މާ މާތް މީހަކަށް ހަދައިގެން ނޫޅޭ ކަމަށެވެ.

ލުތުފީ ކަމުނުދާ ސަބަބެއް ކަމަށް ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ތިބި ވަޒީރުން ކުރި ވައްކަންތަކުގެ މައްސަލަތައް އޭސީސީ އަށް ހުށަހެޅިއިރު ވެސް އެކަންތައް ނުބެއްލެވުމެވެ.

ޝިޔާމް ވިދާޅުވީ ޖީއެމްއާރުން ސަރުކާރަށް ދިން ފައިސާތަކެއް "ކައްވާލި" އިރު އެ މައްސަލަ ވެސް ލުތުފީ ނުބައްލަވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ސައީދު ކޮށްފައިވާ ތުހުމަތުތަކާއި ބެހޭ ގޮތުން ޝިޔާމް ވިދާޅުވީ، އިމްރާން އަތުގައި ބާރެއް އޮތުމުން ބިރުދައްކަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އިމްރާން ކުރެއްވި ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކޮންމެ މީހެއް ނަމަވެސް ގާނޫނާ ހިލާފުވެއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށެވެ. ކަންތައްތަކުން ރެކޭކަށް ނޫޅޭ ކަމަށާއި ގާނޫނާއި ހިލާފު ކަމެއް ކޮށްފައި އޮތް ކަމުގައި ވާނަމަ އެކަމެއް ބެއްލެވުމަށް އެދޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެއްވެސް ޕާޓި އަކަށް ނިސްބަތްވެވަޑައި ނުގަންނަވާ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ލުތުފީ އަދި އިމްރާނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އެ ދޭބުޅުންނަކީ ވެސް މިގައުމުން "ނައްތާލަން ޖެހޭ" ބައެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ޝަރީއަތުގެ ހަމަތަކުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އިމްރާން އަދި ލުތުފީގެ ސަބަބުން ގައުމުގެ އެތައް ކަމެއް ބޮއްސުންލާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ލުތުފީ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އޭނާގެ ނަޒާހަތްތެރިކަން ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ލުތުފީ ކޮންމެ ފަދަ އެއްޗެއްގައި ވެސް ހިފައިފާނެ ކަމާށާއި އެއީ ކުޑަކުޑަ އެއްޗަކަށް ވެސް ވެދާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާނަކީ ހަމައެކަނި ނަމެއްގައި ޝޭހެއްގެ ގޮތުގައި އުޅުއްވާ ބޭފުޅެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިމްރާން އަދާކުރި ރޯލަށް ރިއާޔަތް ކުރައްވާ ނަޝީދު ވިދާޅުވީ އެބޭފުޅާގެ ފަހަތުގައި ވަނީ "ވެރިކަން ވައްޓާލުމުގެ ސަގަފާތެއް" ކަމަށެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ ލުތުފީގެ ބެލުމުގެ ދަށުން ހަ ބިލިއަން ރުފިޔާގެ ވައްކަން ފޮރުވާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައި އެބަހުރި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރަކާ އެކީ ލުތުފީ ޕާޓްނާޝިޕް ވިޔަފާރިއެއް ހިންގާފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ ކުއްލި މައްސަލަ ފާހަގަކުރެވެނީ ލުތުފީ ކޮށްފައި ހުރި ވައްކަންތައް ހާމަކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވީ ލުތުފީ އަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވެރިންނަށް މޮޅަށް ވައްކަން ކޮށްދިނުމަށް ކިޔަވާދިން ޔުނިވާސިޓީގެ މުދީރު ކަމަށެވެ. ލުތުފީގެ ލަފަޔާއި އިރުޝާދުގެ މަތިން ސަރުކާރުގެ ވެރިން ތިން ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.

ލުތުފީ އަކީ ކޮންމެހެން ވެސް ޝަރީއަތަށް ހާޒިރުކުރަން ޖެހޭ މީހެއްކަން ފާހަގަކޮށް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ނުކުރާ ކަމަށް އީސަ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް އިންޒާރު ދީފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވާ ކަމަށެވެ. އަދި އެހެން އެކަން އޮއްވާ މިނިސްޓަރު އިމްރާން އެކަން ދޮގުކުރައްވާފައި ނުވާ ކަމަށާއި ލުތުފީ ހުންނެވި މަގާމުން އިސްތިއުފާ ދިނުމަށް އިމްރާން މަޖުބޫރު ކުރެއްވި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވޭ ތުހުމަތުގެ ސަބަބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަގު ވެއްޓިފައިވާ ކަމަށް ވެސް ކުއްލި މައްސަލާގައި ވެއެވެ. ސައީދު ވިދާޅުވީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ އެއީ ޝަރުއީ ނިޒާމާއި ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ މުސްތަގިލުކަން ގެއްލޭ ފަދަ ކަމަކަށް ވާތީ ކަމަށެވެ.
ހިޔާލު

ފަރޭ

ތިއެންމެން ތިތެޅިބާލަނީ ހަމަގަންނަ އެންމެބިރަކަށް. އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ހޭކެވިފައިވާލެއް ބޮޑުކަމުން. އަދުރޭއާއި ނިހާނު ތިމަޖިލީހުގައި މިއަދު ތިބިނަމަ، ތިއެންމެންގެމޫނަށް ކޯދޮވުނީސް! މިހާރު މައިތިރިވެ އެތިބެނީ ބުނެވޭނެއެއްޗެއްނެތި، ބިރުން.