Service charge nagan resort thakah laazim kuran faaskoffi
image
ރާޢްޖޭގެ ރިސޯޓެއް--
0 ކޮމެންޓް
 

ދިހަ އިންސައްތަ ސާވިސް ޗާޖް ނަގަނަށް ރިސޯޓުތަކަށް ލާޒިމްކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ހުރިހާ ރިސޯޓަކުން މަދުވެގެން 10 އިންސައްތަ ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރިސޯޓު މުވައްޒަފުންނަށް ގަވާއިދުން ސާވިސް ޗާޖު ދޭތޯ އާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ހުރިހާ ރިސޯޓަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ.

އެގޮތުން ހުރިހާ ރިސޯޓަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ނެގުން މަޖުބޫރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދޭން ކޮމިޓީން ވަނީ ނިންމާފަ އެވެ.

އިގްތިސާދީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަނީ ސާވިސް ޗާޖާއި ގުޅޭ ހަރުދަނާ އުސޫލެއް މުހިއްމު ކަމަށާއި އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް މުހިއްމު ކަމަށް ފާހަގަކުރައްވާފަ އެވެ.

ވިލާ ގްރޫޕުގެ ވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ސާވިސް ޗާޖު ދިނުމަށް ހުރި ދަތިތައް ރިސޯޓުތަކުގެ ބޭފުޅުންނާއި މަޝްވަރާކޮށްގެން ހޯދުން ރަނގަޅު ކަމަށެވެ.

އަދި އިގްތިސާދަށް ލޮޅުމެއް އަންނަ ވަރުގެ ނިންމުންތައް ނިންމާއިރު ރަނގަޅަށް ދިރާސާ ކުރަން ވާނެ ކަމަށާއި، ސާވިސް ޗާޖަށް 10 އިންސައްތަ ނަގަން ދެކޮޅު ނުހައްދަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި މިހާރު ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. ނަމަވެސް، މިހާރު ގާނޫނުގައި ސާވިސް ޗާޖު ނެގުން ލާޒިމްކޮށްފައެއްނުވެ އެވެ.
ހިޔާލު