Muzaaharaa ge baiverin alifaanaa nukulhumah China in edhijje
image
ހޮންކޮންގެ މުޒާހަރާގެ ތެރެއިން--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހޮންކޮންގެ މުޒާހަރާގެ ބައިވެރިން "އަލިފާނާ ނުކުޅުމަށް" ޗައިނާ އިން އެދިއްޖެ

ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވާލި އެކްސްޓްރެޑިޝަން ބިލްގެ ސަބަބުން މިދިޔަ މަހު ފެށި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެފައި ވަނިކޮށް، މުޒާހަރާގެ ބައިވެރިން "އަލިފާނާއި ނުކުޅުމަށް" ޗައިނާ އިން އެދިއްޖެ އެވެ. ޗައިނާ އިން ބުނީ އަލިފާނާ ކުޅެނީކަމުގައި ވާނަމަ އަމިއްލަ ނަފްސު ފިހިދާނެ ކަމަށެވެ.
ހޮންކޮންގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ހޮންކޮން އެންޑް މަކާއު އެފެޔާޒް އޮފީސްގެ ތަރުޖަމާން ޔޭން ގުއޭން ވިދާޅުވީ، ހޮންކޮންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އަދި މަޑުމައިތިރި ކަމަކީ ބަލިކަށި ކަމުގައި ދެކުމުގެ ކުށްހީ ނުކުރެއްވުމަށް ގުއޭން ވަނީ އެދިފަ އެވެ.

ގުއޭން ވިދާޅުވީ ހޮންކޮން ގެ ރައީސާ ކެރީ ލެމް މަގާމުން ދުރުކުރުމަށް މުޒާހަރާގެ ބައިވެރިން ކުރާ މަސައްކަތުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ހޮންކޮންގައި ސިލްސިލާ ގޮތެއްގައި ކުރިޔަށްދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް ގުއޭން ވިދާޅުވި އެވެ.

މުޒާހަރާތަކާއި ބެހޭ ގޮތުން ޗައިނާ އިން ދެވަނަ ފަހަރަށް ބަހެއް ބުނެފައިވާ އިރު ހަރުކަށިކަން ވަނީ ފާޅުކޮށްފަ އެވެ. ގުއޭން ވިދާޅުވި ގޮތުގައި މުޒާހަރާތަކުގައި ހަމަނުޖެހުންތައް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ހުޅަނގުގެ ޗައިނާއާ ދެކޮޅު ފަރާތްތަކުންނެވެ.

އެގޮތުން ގުއޭން ވަނީ އެމެރިކާގެ ހައުސް ސްޕީކާ ނޭންސީ ޕެލޮސީ މުޒާހަރާތަކަކީ "ބަލާލަން ރީތި މަންޒަރެއް" ކަމަށް ވިދާޅުވެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ހޮންކޮންގެ ސަލާމަތީ ބާރުތަކުގެ ތަހުގީގެއް ހިންގަން އިނގިރޭސިވިލާތުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ގޮވާލިކަން ވެސް ގުއޭން ވަނީ ފާހަގަކޮށްފަ އެވެ.

ގުއޭން ވިދާޅުވީ މުޒާހަރާތަކުގެ ގިނަ ބައިވެރިންނަކީ ދޮގު މައުލޫމާތު ލިބުމުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަރާތްތަކެއް ކަމަށެވެ.

މައްސަލަ ބޮޑުވި އެކްސްޓްރެޑިޝަން ބިލް ވަނީ ޗައިނާގެ ސަރުކާރުން މިހާރު އަނބުރާ ގެންގޮސްފަ އެވެ. ބިލްގެ ސަބަބުން ފެށި މުޒާހަރާތަކުގައި އާންމުންނާއި ފުލުހުން މެދުގައި ބޮޑެތި ކުރިމަތިލުންތައް ހިނގުމުގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ހޮންކޮން ގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ ބޮޑެތި ގެއްލުންތަކެއް ވެސް ދީފަ އެވެ. އަދި ރެއިލް ސްޓޭޝަނެއް ތެރޭ ވަނީ ތަޅާފޮޅުމެއް ވެސް ހިނގާފަ އެވެ.
ޗައިނާ
ހިޔާލު