Parking sticker jahanee aamunnah undhangoo vaa gothah hunna nama: Minister Nahula
image
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ޕާކިން ސްޓިކާ ޖަހަނީ އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރާނަމަ: މިނިސްޓަރު ނަހުލާ

މާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަމުން ދަނީ ޕާކިން ޒޯނުތަކެއް ހެދުމަށް ފަހުގައި އާއްމުންނަށް އުނދަގޫވާ ގޮތަށް ހުންނަ ކަމުގައި ވާނަމަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވުމަށް އެދިވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ނަހުކާ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ.

ޖާބިރު ކުރެއްވި ސުވާލަކީ ޕާކުކުރާނެ ޖާގަ ނެތި ސްޓިކާ ނުޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވާއިރު، ސްޓިކާ ޖަހަމުން ދަނީ ކީއްވެތޯ އެވެ.

ޖަވާބުގައި ނަހުލާ ވިދާޅުވީ ތޮއްޖެހިފައިވާ މާލޭގެ މަގުތަކަށް ބަދަލު ގެނައުމީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ޕާކިން މައްސަލަ ހައްލު ކުރަން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯން ހަދާފައިވާ ކަމަށެވެ.

އެގޮތުން 15000 ސައިކަލާއި 400 ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ ޖާގަ މިހާރު މާލޭގައި ހެދިފައިވާނެ ކަމަށް ވިދާޅުވި އެވެ. އެއީ މާލޭގެ ހަ ސަރަހައްދެއްގައި ކަމަށް ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕާކު ކުރެވޭނެ ޖާގަ އެއާޕޯޓުގެ ދެ ސަރަހައްދެއްގައި ހެދުމުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރާ އުޅަނދުތައް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގައި ހެދި ޕާކިން ސަރަހައްދުތަކުގައި 1693 ސައިކަލާއި 47 ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ ކަމަށެވެ. ނަހުލާ ތަކުރާރުކޮށް ވިދާޅުވީ ސްޓިކާ ޖަހަމުން ދަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ކަމަށެވެ.

"ހިތުހުރި ގޮތަކަށް ޕާކު ކުރާތީ ގިނަ ބަޔަކަށް ދަނީ އުނދަގޫވަމުން. އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދަށް އަމަލު ކުރަން ޖެހޭ. ރައްޔިތުންގެ އާއްމު މަސްލަހަތު އޮތް މިފަދަ ކަމެއްގައި ފިޔަވަޅު ނާޅައިފި ނަމަ ގެއްލުން ވާނެ. އެހެންވެ ފިޔަވަޅު އަޅަނީ ގަވާއިދާ ހިލާފަށް ޕާކު ކުރަމުންދާ އުޅަނދުތަކުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޕާކިން ސްޓިކާ ޖަހަމުން ދަނީ މިސްކިތްތަކާއި، ކަފި ހުރަސް، މަގު ނުވަތަ ގޯޅި ކަންމަތި، ސްކޫލު، ހޮސްޕިޓަލް، ބޭންކުތައް، ބޮޑުތަކުރުފާނު މަގުގެ ތާރު އެޅާފައިވާ ސަރަހައްދު، ފުލުހުންގެ ކޯނު އަދި ބެރިކޭޑް ހުންނަ ސަރަހައްދު އަދި ޑަބަލް ލައިން ދަމާފައި ހުންނަ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ކަމަށް ވިދާޅުވި އެވެ.
ހިޔާލު

މާމާ

ކަނޑައެޅިގެން ދޮގެއް.